ހަމައެކަނި ވަޤުތުނުވަނީ އަޅުކަންކޮށް ޤުރްއާންކިޔަވަން ކަމަށް ހަދައިގެން ﷲ ގެ ޙަޟްރަރަތުގަ ޖަވާބުދާރީވެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ހަމައެކަނި ވަޤުތުނުވަނީ އަޅުކަންކޮށް ޤުރްއާންކިޔަވަން ކަމަށް ހަދައިގެން ﷲ ގެ ޙަޟްރަރަތުގަ ޖަވާބުދާރީވެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟

ބައެއް މައިންބަފައިން މުޅި ރަމަޟާން މަސް އަދި އެނޫން މަސްތައްވެސް ނިމިގެންދާއިރު ކީރިތި ޤުރްއާނާއި ދުރުގައި ދުވަސްތަކާއި ރޭތައް ހޭދަކޮށްލާފައި އެކަން އެގޮތަށް މެދުވެރިވީ ލިބިފައި ތިބި ދަރިންގެ ސަބަބުން އެކުދިން އުނދަގޫކުރާތީ ކަމަށް ބުނެ އެބަ އުޒުރު ދައްކައެވެ. މިއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ.  

ދަރިން ތަރުބިއްޔަތުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ދަރިން ބަލަމުންވެސް ޤުރްޢާން ކިޔަވަން މަސައްކަތްކުރީމާ ކިޔެވޭނެއެވެ. ޤުރްއާން ކިޔަވާ އުމުރުގެ ކުދިން ލައްވައި ކިޔުއްވަމުންވެސް ކިޔެވޭނެއެވެ. އެއަށްވުރެ ކުޑަކުދިން ކުޅެން ކައިރީގައި ބައިތިއްބައިގެންވެސް ކިޔެވޭނެއެވެ. 

އަންހެންވެރިންނަށް ދުވާލު ހަތަރުދަމު ބަދިގެތެރޭގައި އުޅޭނެ ވަގުތު ހޯދެއެވެ. ފިރިހެނުންނަށް އެމީހުން ކުރަން ބޭނުންވާ ކަންކަން ކުރާނެ ވަގުތު ހޯދެއެވެ. ފޯނުން ވާހަކަދައްކާނެ ވަޤުތު ހޯދެއެވެ. ސޯޝަލްމީޑިއާ ބަލާނެ ވަޤުތުވެސް ހޯދެއެވެ. ވަގުތު ނުހޯދޭ ހަމައެކަނި ކަމަކަށްވެފައި މިއޮންނަނީ އަޅުކަންކުރުމެވެ. ޚާއްޞަކޮށް ޤުރްއާން ކިޔަވައިލުމެވެ. މިއީ ކިހިނަކުން ދެކޮޅު ޖެއްސޭނެ ވާހަކައެއް ހެއްޔެވެ؟  

ވަގުތު ނުވެގެން މުޅި ދުވަހު ޤުރްއާން ނުކިޔަވައި ދޫކޮށްލާއިރު މިބުނިފަދައިން ތިމާ ކުރަން ޝައުޤްވެރިވާ ހުރިހާ ކަންކަން އޮންނަނީ ކޮށް ނިންމައިފައެވެ. ހަވީރު ފިނިބުރުވެސް ޖަހައިފައެވެ. ސިލްސިލާވެސް ބަލައިފައެވެ. ރައްޓެހިންނާ އަނގަތަޅަން އެތައް ވަގުތެއް ހޭދަކޮށްފައެވެ. ސޯޝަލް މީޑިއާގައި އެތައްބައިވަރު ވަގުތުތަކެއް ހޭދަކޮށްލައިފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިނގާ ކަންކަމުގެ ޚަބަރުތަކާ ފިލްމީ ތަރިން ޖައްސާ ލިޕްސްޓިކްގެ ކުލަ ބަލަންވެސް ވަގުތު ލިބެއެވެ. ބައެއް ޓިވީތަކުން ފޮނުވާ ޝައިޠޯނީ ޕްރޮގްރާމްތައް ބަލަންވެސް ވަގުތުވެއެވެ.  

ނިކަން ބުނެބަލާށެވެ.! ތިބާ އެކަނިމާއެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެ މިކަންކަމަށް ޖަވާބުދާރީވާންޖެހޭ ދުވަހު ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟ ތިބާގެ ވަގުތުތަކުގެ ބޭނުން ތިބާ ހިފި ގޮތާއިމެދު ޖަވާބުދާރީވާން ޖެހޭނެއެވެ. ލޮލުން ބެލި މަންޒަރުތަކަށާއި ކަންފަތުން އެހި އަޑުތަކަށާއި ދުލުން ދެއްކި ވާހަކަތަކަށްވެސް ޖަވާބުދާރީވާންޖެހޭނެއެވެ. އެދުވަހު ދަރިންނޭ، ވަޒީފާއެ، މަސައްކަތޭ ކިޔައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން