ބަޤަރާސޫރަތުގެ ފަހު ދެއާޔަތް ކިޔަވައި ފުދިގެންވާ މީހެއްގެ ގޮތުގަ ނޫނީ ނުނިދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބަޤަރާސޫރަތުގެ ފަހު ދެއާޔަތް ކިޔަވައި ފުދިގެންވާ މީހެއްގެ ގޮތުގަ ނޫނީ ނުނިދާށެވެ!

ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ނުހަނު ފަސޭހައިން އެދުވަހަށް ފުދިގެން ކާމިޔާބުކަމާއިއެކު އަރާމުގަ ނިދައިލެވެން އޮތްއިރު ނުފުދި ނުނިދާށެވެ! އެއީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ނަމަވެސް ގިނަ ބައަކު ކަންނެތްވެ އިހްމާލްވަމުންދާ ކަމެކެވެ. ވީމާ ފުދިގެން ނިދާ މީހަކަށްވަމާހިނގާށެވެ!  

ގިނަބައަކު އަޅާނުލާ ދޫކޮށްލަމުން ގެންދާ އަގުބޮޑު ދެ ޖަވާހިރު- 

ކީރިތި ޤްރްއާނުގެ ކޮންމެ އާޔަތަކީވެސް ޖަވާހިރެކެވެ. އެހެންކަމާއިއެކުވެސް އަގުގެ ގޮތުން ބޮޑުކުޑަ އެނެގެން އެބައޮތެވެ. މިސާލަކަށް ސޫރަތަކަށް ބަލައިފިނަމަ އެންމެ އަގުބޮޑު ޖަވާހިރަކީ ސޫރަތުލްފާތިޙާ (އަލްޙަމްދު) އެވެ. އާޔަތަކަށް ބަލައިފިނަމަ އެންމެ އަގު ބޮޑު ޖަވާހިރަކީ އާޔަތުލްކުރުސިއެވެ.  އެންމެ އަގުބޮޑުކަމަށް މިބުނަނީ އެންމެ މަތިވެރިކަން ބޮޑުވުމެވެ.  

ބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތަކީވެސް އެހައިމެ އަގުބޮޑު ދެ ޖަވާހިރެވެ. އެހެނީ ކީރިތި ޤްރްއާނުގެ އާޔަތްތައް މާތް ﷲ ބާވައިލެއްވެވީ ޖިބްރީލްގެފާނު މެދުވެރިކުރައްވަވައެވެ. ނަމަވެސް މި ދެ އާޔަތަކީ މިޢްރާޖްގެ ދަތުރުފުޅުގައި ސީދާ ﷲ ތަޢާލާ ދެއްވަވާފައިވާ 2 އާޔަތްކަމަށްވުމުން އެ ދެ އާޔަތުގެ މަތިވެރިކަން ބޮޑުވެގެންދެއެވެ. އެ ދެ އާޔަތުގެ މަތިވެރިކަން ބަޔާން ކުރައްވަވަމުން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އެ 2 އާޔަތަކީ ސީދާ އަރުޝީގެދަށުން ﷲ ތަޢާލާ ދެއްވެވި 2 އާޔަތް ކަމަށެވެ.  

ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަމުން ޢިލްމްވެރިން ވިދާޅުވަނީ "ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް އެރެއަށް ފުދިއްޖެ" ކަމުގައި ހަދީޘްފުޅުގައި އޮންނަ ކަމަށެވެ.  

މި ދެ އާޔަތް ތަޖުވީދު މަގުން ކިޔަވައިލަންވެސް ގިނަވެގެން ނަގާނީ 3 މިނިޓެއްހައި އިރެވެ. ވީއިރު ނުފުދި ނިދަންވީ ކީއްކުރަންތޯއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން