ރަވާތިބު ސުންނަތްތަކުގެ ތެރެއިން އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތެވެ. އެހެނީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި އެ ދެރަކްޢަތުގެ މަތިވެރިކަން ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑުވެގެންވާކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ރަސޫލް (ﷺ) ދަތުރުފުޅެއްގައި އުޅުއްވެވި ނަމަވެސް ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތް ދުލެއް ނުކުރައްވަވައެވެ. އަދި ޢައިޝަތުގެފާނުގެ ބަސްފުޅުން އެނގޭ ގޮތުގައި މި ދެ ރަކްޢަތް ކުރެއްވެވީ ވަރަށް ލުއިކޮށެވެ. އަދި އެންމެ ލުއިކޮށް ކުރެއްވެވީވެސް މި 2 ރަކްޢަތެވެ.
އަހުރެންގެ އާދޭހަކީ ފަތިސްނަމާދަށް ބަނގިދޭއިރަށް މިސްކިތުގައި ތިބުމެވެ. ބަނަގިދީނިމޭއިރަށް އިހުސުންނަތުގެ ދެރަކްޢަތްކުރުމެވެ. އެކަމުން ލިބެންއޮތް ޘަވާބާއި ދަރުމަ ލިބިގަތުމެވެ. ދުވަސް ފަށައި އެދުވަހަކީ ތިމާއަށް ކާމިޔާބު ދުވަހަކަށް ހަދަން ބޭނުންވާ މީހާ ފަތިސްނަމާދަށާއި ފަތިސްނަމާދުގެ އިހުސުންނަތަށް ސަމާލުކަންދޭށެވެ.
މިވާހަކަ ދެއްކޭލެއް ގިނަކަމުން ފޫހިވާބައަކުވެސް ތިބޭނެއެވެ. އެހެނަސް މިއީ ދެއްކުން މަދުކުރެވެން އޮތް ވާހަކައެއް ނޫނެވެ. ސަމާލުކަންދޭ މީހުން މަދުކަމުންނެވެ.
- މައުލޫމާތު: ޝައިޚް އިބްރާހީމް ރަޝީދު ޙަސަންގެ ދަރުސަކުން