ކާފައެއްގެ ނަޞީޙަތެއް!: ފެންތަށި ކައިރީގަ ބަހައްޓައިގެން ނުބައިވާހަކަ ނުދައްކާށެވެ! ދެއްކީމާ ފެންތަށްޓަށް ޖަމާވެ އެފެން ބުއީމާ ހަށިގަނޑުގެ ތެރެއަށް ދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކާފައެއްގެ ނަޞީޙަތެއް!: ފެންތަށި ކައިރީގަ ބަހައްޓައިގެން ނުބައިވާހަކަ ނުދައްކާށެވެ! ދެއްކީމާ ފެންތަށްޓަށް ޖަމާވެ އެފެން ބުއީމާ ހަށިގަނޑުގެ ތެރެއަށް ދާނެ!

ކާންތިބޭއިރު ކައިރީގައި ބޯފެންތަށި ބެހެއްޓުމަކީ ޢާންމުކަމެކެވެ. އެންމެންވެސް ކުރާކަމެކެވެ. އެކަމުގައި އަހުރެންގެ ކާފަ ބުނާ ވާހަކައެއް ބުނެލާނަމެވެ. "ދަރިފުޅާއެވެ! ފެންތަށި ކައިރީގައި ބަހައްޓައިގެން ނުރަނގަޅު ވާހަކަތައް ނުދައްކާށެވެ. އެހެން މީހުންގެ ނުބައިވާހަކައާއި އެމީހުންގެ ޢައިބުތަކުގެ ވާހަކަ ނުދައްކާށެވެ! އަދި ތިމާމެންނަށް ކުރިމަތިވެފައިވާ މުޞީބާތްތަކާއި ަމއްސަލަތަކުގެ ވާހަކަވެސް ނުދައްކާށެވެ. އެވާހަކަތައް ފެންތަށްޓަށް ޖަމާވާނެއެވެ. އެފެން ބުއީމާ ދާނީ ހަށިގަނޑުގެ ތެރެއަށެވެ."  

އަހުރެން ބޮޑުވެ ކަންކަމާއިމެދު ވިސްނެން ފެށުމުން ކާފަގެ މިވާހަކައަށް ސަމާލުކަންދެވުނެވެ. ކާފަގެ ބަހަށް ޢަމަލުވެސްކުރީމެވެ. އެކަމުގައި ޙަޤީޤަތެއް އޮތްކަން ޘާބިތުނުކުރެވޭ ޙާލުގައިވެސްމެއެވެ.   

ކޮންމެއަކަސް މިވާހަކަ އެކުވެރި ބައެއް ޢިލްމްވެރިންނަށްވެސް ޙިއްޞާކުރީމެވެ. އެބޭކަލުން ވިދާޅުވަނީ އެކަމަށް ދަލީލެއް ނެތްކަމަށެވެ. ނަމަވެސް ކާފަގެ ތިއަ ނަޞީޙަތަށް ޢަމަލުކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ. ސަބަބެއްކަމަށްވިދާޅުވަނީ ކާން ތިބެގެން ގިނަ ބައަކު އެބާވަތުގެ ނުބައި ވާހަކަތައް ދައްކާކަމަށާއި އެއީ ކުރެވޭ ބޮޑު ފާފައަކަށްވާތީއެވެ. ﷲ ތަޢާލާ ދެއްވެވި ރިޒުޤު ކާންތިބެގެން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރަން ހެޔޮނުވާނެތީއެވެ. އަދި އެއީ އެއްވެސް ވަޤުތަކު ދެއްކުން ހުއްދަ ވާހަކަތަކެއް ނޫނެވެ. ދެއްކީމާ ފާފަވެރިވާނެއެވެ.  

ދެން އަހުރެންނަށް ވިސްނުނީ އެޒަމާނުގެ މީހުން މިބާވަތުގެ ބައެއް ވާހަކަތައް ދައްކާފައި ހުންނަނީ ކަންކަން އިޞްލާޙްކުރުމުގެ ބޭނުމުގައިކަމެވެ. ކާފަގެ ނިޔަތަކީ އެއީކަމަށްވެސް ވެދާނެއެވެ. ނޫންނަމަ އެއީ ޙަޤީޤަތެއް އޮތް ކަމަކަށްވެސް ވެދާނެއެވެ. ކޮންމެއަކަސް ކާފަގެ އެނަޞީޙަތަކީ ބަލައިގަނެ ޢަމަލުކުރަންޖެހޭ ނަޞީޙަތެއްކަން ޢިލްމްވެރިންގެ ބަސްފުޅުން އެބައެނގެއެވެ.  

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން