ފަށްކުރުމެއް-: ލައިލާ ބިންތި އަބީޙަޘްމަތު: ދެ ހިޖުރައިގެ ވެރި ޞަޙާބިއްޔާ

ކިޔުމަށް ހޭދަވާނީ 2މ 52ސ
ފަށްކުރުމެއް-: ލައިލާ ބިންތި އަބީޙަޘްމަތު: ދެ ހިޖުރައިގެ ވެރި ޞަޙާބިއްޔާ

ޢަލީ އިޙްޞާން ފިރާޤް

 

ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާއަކީ ދަރަޖަ މަތިވެރި ޞަޙާބީ ޢާމިރު ބިން ރަބީޢަތު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ ބަނީ ޢަދިއްޔުވަންހައިގެ ބޭކަނބަލެކެވެ. އެދެކަނބަލުންނަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ދެބޭކަނބަލުނެވެ.  

ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާ އާއި ޢާމިރު ބިން ރަބީޢަތު ރަޟިޔަﷲ ޢަންހުގެ ދެމަފިރިކަނބަލުންނަކީ ޙަބަޝާއަށް ދެފަހަރު މަދީނާއަށް އެއްފަހަރު ހިޖުރަކުރެއްވި ދެ ހިޖުރައިގެވެރި ދެކަނބަލުންނެވެ. އޭގެ ދެކަނބަލުން ޙަބަޝާއަށް ވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށް  ޢުމަރުލް ފާރޫޤު ރަޟިޔަﷲ ޢަންހު އެދެކަނބަލުންގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު އަދި އިސްލާމްވެވަޑައެއް ނުގަންނަވައެވެ. ޢުމަރުގެފާނު ވަޑައިގެން ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާ އާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.   

"އޭ އުއްމު ޢަބްދުﷲ އެވެ. ދަތުރު ހައްދަވައިގެން ތަނަކަށް ވަޑައިގަންނަވަނީތޯއެވެ؟"  

ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [އާނއެކެވެ. ކަލޭގެފާނުގެ ޤައުމުގެ އަހުލުވެރިން އަޅުގަނޑުމެނަށް ލައްކަ ޒާތްޒާތުގެ އުނދަގޫތައް ޖައްސައިފިއެވެ. އެހެންކަމުން އަޅުނޑުމެނަށް މާތްﷲ ގެ ބިމުގެ ކޮންމެވެސް ތަނަކަށް  ހިޖުރައަށް ދިޔުން ނޫންގޮތެއްނެތެވެ.]   

އެވަގުތު ޢުމަރުގެފާނަށް ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. [މާތްﷲ ތިޔަބައިމީހުން ރައްކާތެރިކޮށްދެއްވާށިއެވެ.] މިހެން ވިދާޅުވެފައި ޢުމަރުގެފާނު  އެނބުރިވަޑައިގެންފިއެވެ.   

މިދެންނެވި ވާހަކަ މިއާ ދާދި ގާތްގޮތަކަށް އިބްނު ޙަޖަރުލް އަސްޣަލާނީ އޭނާގެ އަލް އިޞާބާ ފީ ތަމައްޔުޒުއް ޞަޙާބާ ގައިވެސް ބަޔާން ކުރައްވައިފައިވެއެވެ.  

އިބްނު ސަޢުދު ބަޔާން ކުރައްވާގޮތުގައި އެންމެ ފުރަތަމަ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި އަންހެން ބޭފުޅަކީ ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާ އެވެ. އަނެއްބައި ރިވާޔަތްތަކުގައިވަނީ އެންމެ ފުރަތަމަ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި ކަނބަލަކީ އުއްމުސަލަމަތުގެފާނު ކަމަށެވެ.   

ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާ، ޢާމިރު ބިން ރަބީޢަތު ރަޟިޔަﷲ ޢަންހު އަށް ފިރިހެން ބޭފުޅަކު ރައްކައުވިއެވެ. އެދަރިކަލުންގެ ނަންފުޅަކީ، ޢަބްދުﷲ ބިން ޢާމިރު ބިން ރަބީޢަތުއެވެ.   

އެއްފަހަރަކު ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާ އެކަމަނާގެ ދަރިކަލުން ޢަބްދުﷲ އަށް ގޮވައިލައްވައިފައި އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމަށް ވިދާޅުވިއެވެ. އޭރު އެގެކޮޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ވެސް އިންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [ދަރިފުޅު މިކޮޅަށް އައިސް ބަލާށެވެ. މަންމަ ދަރިފުޅަށް އެއްޗެއް ދޭންވެގެންނެވެ.]  

މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާކުރެ އެއްސެވިއެވެ. [ކަމަނާ އެދަރިކަލުންނަށް ދެއްވަން ތިޔަ އުޅުއްވަނީ ކޮންއެއްޗެއްތޯއެވެ؟]  

އެކަމަނާ ވިދާޅުވިއެވެ. [ކަދުރު ކޮޅެކެވެ.]  

މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އޭނާ އައުމުން ކަމަނާ އެއްޗެއް ނުދެއްވިނަމަ ކަމަނާ ވިދާޅުވި ބަސްފުޅު ލިޔެވޭހުށީ ދޮގެއްގެ ގޮތުގައެވެ.

{ސުނަނު އަބީދާވުދު، ކިތާބުލް އަދަބު، ޙަދީޘް ނަންބަރު 4991}

 

މިއަދު އޮންލައިން