މުސްލިމް އަޚުންނޭވެ! اللهُ سُبْحَانَهُ وَتَعَالَىގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، ބައެއް ވަގުތަތުތަކާއި މައްސަރުތައް ޚާއްސަކުރައްވައި މާތްކުރައްވައިފައިވެއެވެ. އެއީ، އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށް ޓަކައެވެ. އަދި މާތް الله ގެ ޝިޢާރުތައް މަތިވެރިކޮށް، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށް ޓަކައެވެ. މާތް الله
ވަޙީކުރައްވައިފައިވެއެވެ. --- މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، الله ކަނޑައަޅުއްވައިފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، اللهގެ ޙަޟުރަތުގައި ބާރަ މަހެވެ. އޭގެ ތެރެއިން، ހަތަރު މަސް، ޙުރުމަތްތެރިވެގެން ވެއެވެ. އެއީ ޙައްޤު ތެދު ދީނެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ!"
މި އާޔަތުގެ ތަފްސީރުގައި އިބުނު ޢައްބާސް (رَضِيَ اللهُ عَنْه) ވިދާޅުވެފައިވެއެވެ. "ފާފަތަކަށް އަރައިގަތުމުން ތިބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިނުވުމަށް، މާތް الله އަންގަވައިފައިވަނީ އަހަރުގެ ބާރަ މަސްދުވަހުގައެވެ. ފަހެ މީގެ ތެރެއިން ހަތަރު މަސް ޚާއްޞަކުރައްވައި ހުރުމަތްތެރިކުރައްވައި މަތިވެރިކުރެއްވިއެވެ. އަދި އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރެއްވިއެވެ. އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުކުރެއްވިއެވެ."[1]
މާތް اللهގެ އަޅުތަކުންނޭވެ! މާތް اللهގެ خَلِيْل إِبْرَاهِيْم عَلَيْهِ السَّلَامއާއި އެކަލޭގެފާނުގެ ދަރިކަލުން إِسْمَاعِيْل عَلَيْهِ السَّلَامގެ ޝަރީޢަތުގައި ޙުރުމަތްތެރިވެގެންވާ މައްސަރުތައް ބަޔާންކުރެވިފައިވެއެވެ. ނަމަވެސް ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން، އެ މީހުން ހިތުހުރި ގޮތަކަށް އެ މައްސަރުތައް ބަދަލުކުރަމުން ދިޔައެވެ. ޙައްޖަތުލްވަދާޢުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެ މައްސަރުތަކަކީ ކޮބައިކަން އުންމަތަށް ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ހަދީޘްކުރައްވައިފައިވެއެވެ. (إِنَّ الزَّمَانَ قَدِ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللهُ السَّمَاوَاتِ وَالْأَرْضَ، اَلسَّنَةُ اثْنَا عَشَرَ شَهْرًا، مِنْهَا أَرْبَعَةٌ حُرُمٌ، ثَلَاثٌ مُتَوَالِيَاتٌ: ذُو الْقَعْدَةِ، وَذُو الْحِجَّةِ، وَالْمُحَرَّمُ، وَرَجَبُ مُضَرَ الَّذِيْ بَيْنَ جُمَادَى وَشَعْبَانَ)[2] މާނައީ: "ހަމަކަށަވަރުން، މާތް الله، އުޑުތަކާއި ބިން ހެއްދެވި ދުވަހެކޭ އެއްގޮތަށް އަހަރުގެ މަސްތައް ވަނީ އިޢާދަވެފައެވެ. އަހަރަކީ، ބާރަ މަސްދުވަހެވެ. އޭގެ ތެރެއިން ޙުރުމަތްތެރިވެގެންވާ ހަތަރު މަސް ވެއެވެ. އެއީ ވިދިވިދިގެން އަންނަ ތިން މަސްކަމުގައިވާ، ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހާއި މުޙައްރަމް މަހެވެ. އަދި ޖުމާދަލްއާޚިރާއާއި ޝަޢުބާން މަހާ ދެމެދުގައި އަންނަ، މުޟަރުވަންހައިގެ މީހުން ކަމޭހިތި ރަޖަބު މަހެވެ."
މުސްލިމް އަޚުންނޭވެ! އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައްކުރުމެވެ. ފަހެ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެކެވެ. ވަކީން ޚާއްޞަކޮށް ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވެއެވެ. އެއީ އެ ފަދަ ޢަމަލަކީ، މާތް ﷲއަށް އުރެދުމާ އެކު، އެކަލާނގެ ޚާއްޞަކުރައްވައި މަތިވެރިކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ ކަންކަމުގެ ޙުރުމަތްކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށްހިތުން ކަމުގައި ވާތީއެވެ. ޙުރުމަތްތެރިކުރެވިގެންވާ މައްކާގެ ޙަރަމުގައި ފާފައަކަށް އަރައިގަތުމުގެ ނުބައިކަމުގެ ބޮޑުކަން ބަޔާންކުރައްވައި، މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އެ ތާނގައި އަނިޔާވެރިކަމާއެކު، ދީނާ ޚިލާފު ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި ޢަޛާބުން ރަހަދައްކަވާހުށީމެވެ."[3] ހަމައެފަދައިން، ޙުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވެސް ބޮޑުވެގެންވެއެވެ. މި ސަބަބަށް ޓަކައި، اَلْإِمَامُ الشَّافِعِي - رَحِمَهُ الله - ފަދަ ގިނަ ޢިލްމުވެރީންގެ އަރިހުގައި، މި މައްސަރުތަކުގައި މީހަކު މެރުމުން ދޭން ޖެހޭ މަރުގެ ދިޔަ ބޮޑެވެ.
މުސްލިމް އަޚުންނޭވެ! މި ފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން، މުއުމިނު އަޅާގެ މައްޗަށްވަނީ، އަޅުކަމުގައި ހީވާގިވުމެވެ. އެއީ މާތް ﷲ ހަނދުމަކޮށް، ގިނަގިނައިން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ތަސްބީޙައާއި ތަޙުމީދާއި ތަކުބީރުކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރުމެވެ. އަދި ކޮންމެ މުސްލިމަކަށް ވެސް ހެޔޮ ނަސޭހަތްދިނުމެވެ. އަދި ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، އަނިޔާ ލިބިފައިވާ މީހާއަށް ނަޞްރުދިނުމާއި، ނިކަމެތީންނަށް އެހީތެރިވުމާއި، މުޞީބާތެއް ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ޢަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް ވެސް ގިނަކުރުމެވެ. އަދި ހިތުގެ އަޅުކަންތައްތަކުން ވެސް މި ވަގުތުތަކުގެ ފައިދާ ޙާޞިލުކުރާންވާނެއެވެ. އެއީ މާތް ﷲއަށް އިޚުލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމާއި، އެކަލާނގެ މަތިވެރިކުރުމާއި، އެކަލާނގެ ދެކެ ލޯބިވުމާއި، އެކަލާނގެ މަތިވެރިކޮށް ޤަދަރުކުރުމާއި، މާތް ﷲ ލޯބިވެވޮޑިގެންވާ އެ ނޫން ވެސް ހިތުގެ އެންމެހައި ޢަމަލުތަކެއް ކުރުމެވެ. އަދި ހަމައެހެންމެ،اللهُ سُبْحَانَهُ وَتَعَالَى ރުހިވޮޑިނުގަންނަވާ އެންމެހައި ކަންކަމުން ހިތް ޠާހިރުކުރުން ވެސް ލާޒިމުވެގެންވެއެވެ. ހަމަ އެއާ އެކު، ޣީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުމާއި، މީހުންނަށް އެއްޗެހި ގޮވުމާއި، ލަޢުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުމެވެ. ފަހެ، ބާއްޖަވެރިޔަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި، އެކަލާނގެ ލޯބިވެވޮޑިގަތުމާއި، ފާފަފުއްސެވުމާއި، ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަތަކާއި މަޤާމުތަކަށް ވާޞިލުވުމަށް އެމީހެއްގެ ނަފުސު އެދި މަސައްކަތްކުރާ މީހާއެވެ.
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ފާފަތަކުން ދުރުހެލިވެ އިބަރަސްކަލާނގެ އެންގެވި ގޮތުގެ މަތީން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ!
މާތް ﷲގެ އަޅުތަކުންނޭވެ! ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި، މާތްވެގެންވާ ވަގުތުތަކާއި ޒަމާންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ތިޔަބައިމީހުން މާތް ﷲއަށް ތަޤުވާވެރިވާށެވެ! އަދި ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައްޔާއި، އަހަރުގެ އެހެނިހެން މަސްތަކުގައި ވެސް، ކިޔަމަންތެރިކަމުގެ ޢަމަލުތަކާއި ސަވާބުލިބެނިވި ކަންކަންކުރުމާ އެކު ތެދުމަގުގައި ސާބިތުވެތިބޭށެވެ! އަދި މުޅި އިންސާނިއްޔަތުގެ ސާހިބާ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ޞައްޙަކޮށް ސާބިތުވެފައިވާ ސުންނަތުގައި ހިފަހައްޓާށެވެ! އަދި މާތް ﷲގެ ފޮތުން ނުވަތަ މާތް ނަބިއްޔާ zގެ ސުންނަތުން ސާބިތުވާން ނެތް، ދީނަށް އަލަށް ގެނެސްފައިވާ ކޮންމެ ބިދުޢައަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ!