މަރްޔަމް ސާޖިދާ
އެއްދުވަހަކު އިމާމް ޙަސަނުލް ބަޞަރީގެ އަރިހަށް ތިން މީހަކު ތަފާތު ތިން ޝަކުވާ އަކައިގެން އައެވެ.
މީގެތެރެއިން ފުރަތަމަ މީހާ އައީ، އޭނާގެ ރަށަށް ވާރޭ ނުވެހި، ހަނަފަސްކަން ކުރިމަތިވެފައިވާތީ އެކަމުގެ ޝަކުވާއާއިގެންނެވެ. އެމީހާއަށް އިމާމް ޙަސަނުލް ބަޞާރީ ވިދާޅުވިއެވެ. "ގިނަގިނައިން އިސްތިޣްފާރުކުރާށެވެ."
ދެވަނަ މީހާ ޝަކުވާ ދެންނެވީ އޭނާގެ ފަޤީރުކަމާއި، މުދަލުގައި ބަރަކާތް ނެތްކަމުގެ ޝަކުވާއިންނެވެ. އިމާމް ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ. "ގިނަގިނައިން އިސްތިޣްފާރުކުރާށެވެ."
ތިންވަނަ މީހާ އައީ އޭނާ އަށް ދަރިއަކު ނުލިބިގެން އެކަމުގެ ހިތާމައިގައެވެ. އެމީހާއަށް އިމާމް ޙަސަނުލް ބަޞާރީ ވިދާޅުވިއެވެ. "ގިނަގިނައިން އިސްތިޣްފާރުކުރާށެވެ."
އެހިނދު އެތަނުގައި ތިއްބެވި ބޭކަލުން އަޖައިބުވެ، ސުވާލުކުރިއެވެ. "އޭ އިމާމެވެ! ތަފާތު ތިން މައްސަލައަކަށް ތިދެއްވީ އެއް ޖަވާބެކެވެ. އެއީ ކީއްވެގެންތޯއެވެ؟"
ޖަވާބުގައި އިމާމް ޙަސަނުލް ބަޞަރީ ނޫޙު ސޫރަތުގެ 10 ވަނަ އާޔަތުން 12 ވަނަ އާޔަތަށް ކިޔަވާވިދާޅުވެދެއްވިއެވެ. އެއާޔަތްތަކުގެ މާނައިގައިވަނީ:
"ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12) "
މި ޙާދިސާއަށް ވިސްނާލުމުން އަހަރަމެންނަށް އެނގިގެންދަނީ އިސްތިޣްފާރު ކުރުމަކީ އެކަމުގެ ސަބަބުން އަހަރެމެންގެ ފާފަތައް ފޮހެވުމުގެ އިތުރުން، އަހަރެމެންގެ ދިރިއުޅުމުގެ ތަފާތު އެތައް ދަތިތަކެއް ޙައްލުވުމަށްވެސް އޮތް މަގެއްކަމެވެ.
އިސްތިޣްފާރުކުރުމަކީ އަހަރަމެންނަށް ނުހަނުފަސޭހައިން ކުރެވެން އޮތް މަތިވެރި ޢަމަލެކެވެ. ވެހިކަލްގައި ދުއްވާފައިދާއިރު، ކިއުގައި މަޑުކޮށްލައިގެން ހުންނަ ވަޤުތު، ބަދިގޭގައި ކެއްކުމުގައި މަޝްއޫލުވެ އުޅޭ ވަޤުތު، މިފަދަ ކޮންމެ ވަގުތަކީވެސް، އޭގެ މާނައަށް ވިސްނައިގެން އިސްތިޣްފާރުކޮށްފިނަމަ، އެކަމުގެ ހެޔޮކަން ޙާޞިލްކުރެވެން އޮތް ފުރުޞަތެކެވެ. إن شاء الله . އެހެންކަމުން އަހަރަމެންގެ ދޫ އަބަދުވެސް އިސްތިޣްފާރުގެ ކަލިމަތަކުން ތެތްކަންމަތީގައި ބާއްވަމާތޯއެވެ.