ޢާއިލާގަ ނެތްނަމަ ހޯދައިގެންވެސް ޔަތީމް ކުއްޖަކު ބެލުމަކީ ސުވަރުގެ ލިބެން އޮތް ފަސޭހަ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 15ސ
ޢާއިލާގަ ނެތްނަމަ ހޯދައިގެންވެސް ޔަތީމް ކުއްޖަކު ބެލުމަކީ ސުވަރުގެ ލިބެން އޮތް ފަސޭހަ މަގެއް!

ބައެއް މީހުންނަށް އެމީހާއަށް ބަލަދުއަރާ ޔަތީމްކުއްޖަކު ބަލަންޖެހުނަސް އެނބުރެވެނީ ފުރަގަހަށެވެ. ބަލަނީ އެކަން ނުކޮށް ސަލާމަތްވެވޭނެ ގޮތަކަށެވެ. ވަރަށް ސާފުކޮށް ބުނަމެވެ. އެނަގައިލެވެނީ ފަސޭހައިން ސުވަރުގެ ލިބެން އޮތް މަގެކެވެ. އެނަގައިލެވެނީ ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވުމުގެ ފުރުޞަތެވެ.  

ޔަތީމް ކުއްޖަކު ބަލަންޖެހިއްޖެ ނަމަ އަމިއްލަ ދަރިންނަށްވުރެވެސް ހެޔޮކޮށް ކަންތައްކުރަން މަސައްކަތްކުރާށެވެ! އަމިއްލަ ދަރިންނާއި އެއްވެސް ތަފާތެއް ނުކުރާށެވެ! އަމިއްލަ ދަރިން ތިބޭނީ އެކުދިންގެ މައިންބަފައިންގެ ގާތުގައި ތިބޭތީ އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ. އެކުދިން ތިބޭނީ ވަރަށްބޮޑު މާޔޫސްކަމެއްގައެވެ. ޔަތީމްކުއްޖަކު ބެލުމުގެ ބޭނުމަކަށް ހަދަންވާނީ އެކުދިންނަށް މާޔޫސްކަން އިޙްޞާޞްކުރަން ނުޖެހޭނެ ފެންވަރުގައި އެކުދިންނަށް ލޯބިދީ އަޅާލައިގެން ބެލުމެވެ. 

ޔަތީމް ކުދިން ބަލަން ޖެހުމުން އެއީ ތިމާއަށް ޖެހުނު ތަކުލީފެއްކަމަށް ބައެއް މީހުންނަށް ހީކުރެވެއެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. ޔަތީމްކުއްޖަކު ބެލުމުގެ ފުރުޞަތު ލިބުމަކީ ސުވަރުގެ ވަނުމަށް ތިމާއަށް ދެއްވަވާ ފުރުޞަތެކެވެ. އަދި ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމަށްވެސް ލިބިގެންދާ ފުރުޞަތެކެވެ. އިން ޝާ ﷲ

މިފިލާވަޅު ދަސްކުރައްވާށެވެ! ދަސްކޮށް ޢަމަލުކުރިނަމަ އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ   

ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. " أَنَا وَكَافِلُ الْيَتِيْمِ فِى الجَنَّةِ هكَذَا " (أخرجه البخارى)  މާނައީ: " ތިމަންކަލޭގެފާނާއި، ޔަތީމު ކުއްޖާ ބަލާބޮޑުކުރާމީހާ ސުވަރުގޭގައިވާނީ މިފަދައިންނެވެ. " މިހެން ވިދާޅުވެ ޝަހާދަތް އިނގިލި ފުޅާއި މެދުއިނގިލިފުޅުން އިޝާރާތް ކުރައްވައި އެދެ އިނގިލިފުޅު ދުރުކޮށްލެއްވިއެވެ.   

މާތް ﷲ ވަޙީ ކުރައްވަނީ " فَأَمَّا الْيَتِيمَ فَلَا تَقْهَرْ (9) " (الضحى: 9)  މާނައީ: " ޔަތީމު ކުއްޖާ އާމެދު ދަންނާށެވެ! ފަހެ ކަލޭ އޭނާ ދެރަކޮށް ނިކަމެތި ކޮށްނުލާށެވެ! 

ޔަތީމަކަށް ވުމަކީ އައިބެއް ނޫނެވެ. މަލާމާތް ރައްދުކުރެވޭ ކަމެއްވެސް ނޫނެވެ. އަދި ކިއެއްތަ؟ އެއީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށް ޓަކައި ﷲ މިންވަރު ކުރައްވާފައިވާ ކަމެކެވެ. ރިޒުޤު ދެއްވާ ދީލަތި ވަންތަ ބާރުވެރި ވަންތަ ރަސްކަލާނގެ އެއީ ﷲ ކަން ދެނެގަތުން ހުއްޓެވެ.  

ކުޑަކުއްޖެއްގެ ބައްޕަ ނިޔާވުމަކީ އެކުއްޖާގެ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. އަދި އެކުއްޖާ ނުލަފާވުމުގެ ފެށުމެއްވެސް ނޫނެވެ. ބައްޕަ މަރުވެފައިވާ ކިތައް ކިތައް ކުދިން ބޮޑުވެ ބާއްޖަވެރި ރަގަޅު ދިރިއުޅުމެއް ހޯދާފައި ވޭތޯ އެވެ؟ އަދި ބައްޕައާއި މަންމަ ދުނިޔޭގައި ތިބި ކިތައްކުދިން އެކުދިންގެ މައިން ބަފައިންގެ އިހްމާލުގެ ސަބަބުން ގޯޅި އަޅައިގެންގޮސް ވިޔާނުދާ ކުދިންކަމުގައި ވެފައިވޭތޯއެވެ. ބައްޕައާއި މަންމަގެ ކުލުނާއި އެހީތެރިކަން ލިބެމުން އަންނަ އެފުރައިގެ ކުދިންނަށްވުރެ ޔަތީމު ކުދިން ހުރިހާ ރޮނގަކުން ކުރިއަރައިގެން ގޮސްފައިވަނީވެސް މަދެއްކޮށް ނޫނެވެ.  

ޔަތީމު ކުދިންނަށް އެކުދިންގެ މައިން ބަފައިންގެ އޯގާވެރިކަމާއި ކުލުނު ގެއްލިފައި ވާތީ އެކަން ފޫބެއްދޭތޯ ލޯތްބާއި އޯގާވެރިކަން އެކުދިންނަށް ދޭން ޖެހޭނެއެވެ. އެކުދިންނަށް ހިތްހެޔޮކަމާއެކު ބަސްބުނަން ޖެހޭނެއެވެ. ނަފްސާނީ ބަލިތަކުން ސަލާމަތްވެގެންވާ  ހަމަޖެހޭ ފުރިހަމަ ޝަޚްޞިއްޔަތަކަށް ހެދޭނީ އޭރުންނެވެ. މިފަދަ އެހީތެރިކަމެއް އޭނާއަށް ނުލިބިއްޖެނަމަ މުޖުތަމަޢަށް ގެއްލުންދޭ ފާސިދު ދެކޮޅުވެރި ފަރުދަކަށް އޭނާ ވެގެންހިނގައި ދާނެއެވެ.  

އެހެންވީމާ އިސްލާމްދީންވަނީ ޔަތީމުކުދިންނަށް ޚާއްޞަ ޢިނާޔަތެއް ދީފައެވެ. އެކުދިންނަށް އިޙްސާންތެރި ވުމަށާއި އެކުދިން ބަލާ ބޮޑުކުރުމަށާއި އެކުދިންނަށް ރައްކާތެރިކަން ދިނުމަށާއި ރަގަޅު ތަރުބިއްޔަތެއް ދިނުމަށް އިސްލާމްދީން ވަނީ ގޮވާލާފައެވެ. އެކުދިންނާމެދު ޢަދްލުވެރި ގޮތުގައި ކަންތައް ކުރުމަށް އަންގަވާފައި ވެއެވެ.. " وَأَنْ تَقُومُوا لِلْيَتَامَىٰ بِالْقِسْطِ ۚ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ كَانَ بِهِ عَلِيمًا " (النساء : 127)   މާނައީ: އަދި ތިޔަބައިމީހުން ޔަތިމުންނާމެދު ޢަދްލު އިންޞާފުގެ ގޮތުގައި ކަންތައް ކުރުމަށް (އަންގަވައެވެ.) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވާ ކަން ކަށަވަރެވެ." 

ޤިޔާމަތްދުވަހުން  ދިންނަވާނޭ ހެޔޮލަފާ މުއުމިނުންގެ  ސިފަތަކުގެ ތެރޭގައި ޔަތީމުކުދިން ނަށް ކަމޭހިތުން ހިމެނިގެން ވެއެވެ. "وَيُطْعِمُونَ  الطَّعَامَ  عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا (8) " (الإنسان: 8)  މާނައީ: " އެތަކެއްޗަށް ލޯބިހުރުމާއި އެކުވެސް މިސްކީނުންނަށާއި ޔަތީމުންނަށާއި ހައްޔަރު ކުރެވިގެންވާ މީހުންނަށް ކާންދީ އެބައިމީހުން އުޅެއެވެ."

ޣަނީމާ މުދާ ބަހާއިރު ޔަތީމުކުދިންނަށް ބައެއް އެޅުމަށް އަންގަވާފައި ވެއެވެ.  الأنفال ސޫރަތުގެ ސާޅީސް އެއް ވަނަ އާޔަތުގަ އާއި الحشر ސޫރަތުގެ ހަތްވަނަ އާޔަތުގައި މުދާ ބަހާއިރުވެސް އެކުދިންނަށް ބައެއް އެޅުމަށް އަންގަވާފައި ވެއެވެ.

 

 

މިއަދު އޮންލައިން