މިރޯދަމަހު ރޯދައަށް ހުރެފައި އަޅުގަނޑުގެ 10 އަހަރުގެ ދަރިފުލަށް 3 ދުވަހު ހަނދާން ނެތި ފެންބޮވުނެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ދެންވެސް އެދުވަހު ރޯދައަށް ބަހައްޓަންވީތޯ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ އެޙާލަތުގައިވެސް ދުވަހުގެ ބާކީ އޮތްބައިގައި ރޯދަހިފުމުން ރޯދަ ޞައްޙަވާނެއެވެ. ބޮޑު މީހެއް ނަމަވެސްމެއެވެ. އެކަން ތިރީގައިވާ ލިޔުމުންނާއި ޙަދީޘްފުޅުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ރޯދައަށް ހުރެފައި ކުއްޖަކަށް އެއްޗެއް ކެވިއްޖެނަމަ ނުވަތަ ފެންފޮދެއް ބޮވުނު ނަމަވެސް އެއީ ކަމަކަށް ހަދައި ހަރުކަށިބަސްތައް ނުބުނާށެވެ! ކުދިންނަށް އެފަދަ ކަމެއް ކުރެވުމުން ރުޅި އިސްކުރެވޭނަމަ ކުދިން ރޯދަހިފަން ފޫހިވާނެއެވެ. ރޮދަހިފުމަށް ނަފްރަތުވެސް ކުރެވެން ފަށާނެއެވެ. ވީމާ ކުދަކުދިންނާއި މުޢާމަލާތުކުރަންވާނީ އެންމެ ހެޔޮ ގޮތުގައެވެ. ވިސްނައިދޭން މަސައްކަތްކުރަންވީ ދީނުގެ އެއްވެސް ކަމަކީ ތަކްލީފެއް ނޫންކަމެވެ.
ބުނެލާށެވެ! "ހަނދާން ނެތިގެން ކެވުމަކީ ﷲ ދެއްވެވި ރިޒުޤެވެ. ޝުކުރުވެރިވެ ދުވާލުގެ ދެން އޮތްބައިގައި ރޯދައަށް ހުންނަން މަސައްކަތްކުރާށެވެ!" "ތިއަކުރީ ކުށެއް" ކަމަށް ބުނެ ދަރިފުޅު މާޔޫސްނުކުރުވާށެވެ!
އަބަދު ރޯދަ ހިފާ، ވިސްނުން ހުރި ބޮޑެތި މީހުންނަށްވެސް ރޯދައަށް ތިބެ ހަނދާން ނެތިގެން އެބަ ކެވެއެވެ. ކުޑަކުދިންނަށް އެމައްސަލަ ބޮޑުވާނެއެވެ. ފެންބޮވައިގަތުމުން ވިސްނާނުލައި ފެންފޮދެއް ބޮއިލެވިދާނެއެވެ. މީރު ކާއެއްޗެއް ފެނުމުން މިހުރީ ރޯދައަށްކަން ހަނދާންނެތި ކައިވެސް ލެވިދާނެއެވެ.
މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެއްވެސް ޙާލަތެއްގައި ކުދިން ދެކެ ރުޅިއައިސް އެއްޗެތި ނުގޮވާށެވެ! ހިނިތުންވެގެންހުރެ ވިސްނައިދޭށެވެ. އަދި އެހިސާބުންފެށިގެން ދުވާލުގެ ދެން އޮތްބައިގައި ރޯދައަށް ހުންނަން ހިތްވަރުދޭށެވެ. (މިބުނީ ނުކައި ނުބިއި ރޯދައަށް ހުންނަ ވާހަކައެވެ.)
ރޯދައަށް ހުރެ ހަނދާންނެތި ކުއްޖާއަށް އަދި ބޮޑުމީހަކަށް ނަމަވެސް ކެވުމަކީ ރަޙްމަތެކެވެ. އެއީ އެއްވެސް ޙާލެއްގައި ރުޅިއަންނަންވީ ކަމެއް ނޫނެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“Whoever eats or drinks forgetfully while he is fasting, let him complete his fast for Allah has fed him and given him drink.”
Source: Ṣaḥīḥ al-Bukhārī 1933, Ṣaḥīḥ Muslim 1155
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
މިބަޔާންކުރި ޙަދީޘްފުޅުން މިބުނި ކަންކަން ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ. މިޙަދީޘްފުޅުގައި އެވަނީ ރޯދައަށްހުރެ ހަނދާން ނެތިގެން މީހަކަށް ކެވުނު ނަމަވެސް ރޯދައަށް ހުންނަންވީ ކަމަށެވެ. އަދި ކެވުނު ނުވަތަ ބޮވުނު އެއްޗަކީ ﷲ ތަޢާލާ އޭނާއަށް ދެއްވެވި ދެއްވެވި އެއްޗެއް ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން