ފަށްކުރުމެއް-: އެއްވެސް ނަމާދެއްނުކޮށް ސުވަރުގެ ލިބިވަޑައިގެންނެވި ޞަޙާބީ-

ކިޔުމަށް ހޭދަވާނީ 2މ 39ސ
ފަށްކުރުމެއް-: އެއްވެސް ނަމާދެއްނުކޮށް ސުވަރުގެ ލިބިވަޑައިގެންނެވި ޞަޙާބީ-

ޢަލީ އިޙްޞާން ފިރާޤް

 

އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ عمرو بن ثابت އެވެ. ނަމަވެސް އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ الأصيرم ގެ ނަންފުޅުންނެވެ. އެކަލޭގެފާނަކީ މަދީނާގެ ޤަދަރުހުރި ވަންހައެއްކަމުގައި ޢަބްދުލް އަޝްހަލުވަންހައިގެ ބޭކަލެކެވެ.  

الأصيرم رضى اللّـه عنــه ގެ ޤަބީލާގެ މީސްތަކުން ހިތުން ރުހުމުން އިސްލާމްދީން ޤަބޫލު ކުރިއެވެ. ނަމަވެސް الأصيرم رضى اللّـه عنــه ހުންނެވީ ކާބަފައިންގެ ދީން ދޫކޮށްލައްވާ ގޮތަކަށެއް ނޫނެވެ. އުޙުދުގެ ދުވަހާ ހަމައަށްވެސް އެކަލޭގެފާނު ހުންނެވީ ކާބަފައިންގެ ދީން މަތީގައެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ އުޙުދު ހަނގުރާމައިގެ ދުވަހުގައެވެ. 

އިސްލާމީ ތާރީޚު ރިވާކުރައްވާ ބޭކަލުންނާއި ސީރަތުގެ ޢިލްމުވެރިން الأصيرم رضى اللّـه عنــه ގެ ނަންފުޅު ފާހަގަކުރައްވައިފައިވަނީ އެއްވެސް ނަމާދެއްނުކުރައްވައި، ސުވަރުގެ ލިބިވަޑައިގެންނެވި ޞަޙާބީގެ ގޮތުގައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم، އުޙުދު ހަނގުރާމައަށް ނިކުމެވަޑައިގެންނެވުމުން الأصيرم رضى اللّـه عنــه އިސްލާމްވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ކަނޑިކޮޅު ހިއްޕަވައިގެން ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވިއެވެ. ނުހަނު ވަރުގަދައަށް މުޝްރިކުންނަށް ޙަމަލާ ދެއްވަނިކޮށް އެކަލޭގެފާނު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ.

އަޝްހަލުވަންހައިގެ މީހުން ހަނގުރާމައިގެ މައިދާނުން ޒަޚަމްވެފައިވާ މީސްތަކުން ހޯދަމުން ގެންދަނިކޮށް الأصيرم رضى اللّـه عنــه އާ ދިމާވިއެވެ. އޭރު އެކަލޭގެފާނުގެ ފުރާނަފުޅު ހުއްޓެވެ. އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. [ކަލޭގެފާނު ހަނގުރާމައަށް ނުކުމެވަޑައިގެންނެވީ ޤައުމުގެ މީހުންގެ ޙައްޤުގައި އެބައިމީހުންނަށްޓަކައި ތޯއެވެ؟ ނުވަތަ އިސްލާމްދީނަށްޓަކައި ތޯއެވެ؟]   الأصيرم رضى اللّـه عنــه  ޖަވާބު ދެއްވިއެވެ. [އިސްލާމްދީނަށްޓަކައެވެ.] އޭގެ މާގިނަ އިރުތަކެއްނުވެ الأصيرم رضى اللّـه عنــه އަވަހާރަވެއްޖެއެވެ. 

ދެން އެބައިމީހުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން މިވާހަކަ ދެންނެވިއެވެ. އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ހަމަކަށަވަރުން އެކަލޭގެފާނަކީ ސުވަރުގޭގެ އަހުލުވެރިއެކެވެ. 

މިދެންނެވި ވާހަކަ ކުޑަ ތަފާތަކާއެކު ސުނަނު އަބީދާއޫދުގައިވެސް ރިވާވެގެންވެއެވެ. އިބްނު ހިޝާމްގެ އައްސިޔަރަތުއް ނަބަވިއްޔާގައިވެސް ތަންކޮޅެއް ދިގުކޮށް މިވާހަކަ ބަޔާންކުރައްވައިފައިވެއެވެ.

މިއަދު އޮންލައިން