ހުރި އެންމެ ދަރިފުޅު ފިލުމުން ނިކަމެތިވި މައަކު ބަލައިދޭން ފެށުމުން ދިރިއުޅުމަށް ބޮޑު އުފާވެރިކަމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ހުރި އެންމެ ދަރިފުޅު ފިލުމުން ނިކަމެތިވި މައަކު ބަލައިދޭން ފެށުމުން ދިރިއުޅުމަށް ބޮޑު އުފާވެރިކަމެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަހުރެންނާއި ޝާހިދަކީ ދެއެކުވެރިންނެވެ! ޝާހިދުގެ މައިންބަފައިން ވަރަށް ބޮޑު ޤުރްބާނީއެއްވެގެން ޝާހިދަށް ކިޔަވައިދިނެވެ. އެންމެފަހުން އެނގިފައި އޮތީ ޝާހިދަށް ބޭރު ޤައުމަކުން ރަނގަލު ވަޒިފާއެއް ލިބިގެން މަސައްކަތްކުރަން ދިއަކަމެވެ.  

އެއްރޭ 8 ޖަހާއެހައިކަންހާއިރު މަޖީދީމަގުން ޝާހިދުގެ މަންމައާއި ބައްދަލުވިއެވެ. ހުރީ ވަރަށް ދެރަވެފައެވެ. ޝާހިދުގެ ވާހަކަ އަހައިލުމުން ފެށީ ރޯށެވެ. އެހެންވެ މަގުމަތީގައި ނުހުންނަންވެގެން މަންމަގެ އަތުގައި ހިފައިގެން ގެއަށް ގެނައިމެވެ. ވަރަށް ހެޔޮކޮށްހިތާފައި އަނެއްކާވެސް ކަންކަން އޮޅުންފިލުވޭތޯ ވާހަކަދައްކަންފެށީމެވެ. އަނެއްކާ ޝާހިދަށް ދެރަގޮތެއް މެދުވެރިވީތޯ ސުވާލުކުރީމެވެ.  

މަންމަ ރޮމުން ކިޔައިދިނެވެ. "ދަރިފުޅަށް ދެރަގޮތެއްވީކަމެއް އެނގިފައެއް ނެތެވެ. ވަޒީފާއަށް ގޮސް 3 މަހު ފައިސާ ފޮނުވިއެވެ. ދެން ޚަބަރެއް ނުވެއެވެ. ފޯނެއް ނުނަގައެވެ. މިހާރު އެނަންބަރަށް ނުވެސް ގުޅެއެވެ. ކުލި ނުދެއްކިގެން ތިބިތަނުން ނެރެލީއެވެ. ދިއައީ އެއްބަނޑު ދައްތައެއްގެ ގެއަށެވެ. އެގޭގައި ދުވަސްކޮޅެއްވީތަނާ ޝާހިދުގެ ބައްޕަ ނިޔާވެ ދުނިޔެއަށް އެކަނިވާންޖެހުނީއެވެ.  

ދައްތަމެންނަކީ ތަނަވަސްބައެއް ނޫނެވެ. ވީމާ އެމީހުންނަށް ލުއިކުރަންވެގެން މިހާރު ގެއެއްގައި މަސައްކަތްކުރަމެވެ. ބަލިޙާލުހުރިގޮތުން މަސައްކަތްކުރެވެނީ ކުޑަވަޤުތުކޮޅަކުއެވެ. އެހެންވެ ލިބެނީ ވަރަށް މަދު ފައިސާކޮޅެކެވެ. ލިބޭ ފައިސާކޮޅުން އަމިއްލަ ކަންކަން ކޮށްލައިގެން އުޅެނީއެވެ. އަދި 65 އަހަރުނުވާތީ ދުބަސްވީ މީހުންނަށްދޭ ޕެންޝަނެއްވެސް ނުލިބެއެވެ."  

އަހުރެންނަށް ވަރަށް އަސަރުކުރިއެވެ. ބުނީމެވެ. "މިގޭގައި އުޅެނީ އަހުރެންނާއި ދެދަރިންނެވެ. ދިރިއުޅެނީ ވަޒީފާއަދާކޮށްގެން ލިބޭ އެއްޗަކުންނެވެ. މަންމަ ބޭނުމިއްޔާ މިގޭގައި ބައިންދާނަމެވެ. އަދިއަހުރެން އެދެނީވެސް މަންމަފަދައިންވެދިނުމަށެވެ. އިރާދަކުރެއްވިއްޔާ މަންމަގެ ހުރިހާ ކަމެއްވެސް ބަލަހައްޓައިޑޭނަމެވެ."  

މަންމަ އަހުރެންގެ ހުށަހެޅުން ޤަބޫލުކުރުމުން ހަމައެރޭ ގެއަށް ގެނެސް ގެންގުޅެންފެށީމެވެ. އުޅެންދިނީވެސް މަންމައާއި ބައްޕަ އުޅުނު ކޮޓަރިއެވެ. އަމިއްލަ މަންމަ ދުނިޔޭގައި އިންއިރު ހެޔޮކޮށްހިތި ފަދައިން ހެޔޮކޮށްހިތީމެވެ. އެއްވެސް މަސައްކަތެއް ކުރާކަށް ނުބުނަމެވެ.  

އެއިގެ ފަހުން 4 މަސްވީއިރު ގެއަށްވަނީ ދިރުން ލިބިފައެވެ. ހެޔޮލަފާ ފިރިއަކު ލިބުނީއެވެ. ފިރިމީހާ އަހުރެން ވަޒީފާއިންވެސް ވަކިކުރުވިއެވެ. އޭނާއަކީ ދީނުގެ ކަންކަމުގައި ވަރަށް ވަރުގަދައަށް ހިފަހައްޓާ މީހެކެވެ. ބުނީ ދެދަރިންނާއި އަހުރެންނާއި ގޭގެ ޚަރަދުތައް އޭނާއަށް ކުރެވޭނަމަ އަނބިމީހާއަށް ވަޒީފާއަދާކުރަން ނުޖެހޭނެ ކަމަށާއި އިންނަންވާނީ ގޭގައި ކަމަށެވެ. އެފަދަ ފިރިއަކު ލިބުމުން ޝުކުރުވެރިވެ ބަސްޤަބޫލުކޮށް ވަޒީފާއިން ވަކިވީއެވެ.  

އެއިގެފަހުން މިހާރު 5 އަހަރެވެ. އެމަންމަވެސް މިގެންދަނީ ބަލަމުންނެވެ. އިރާދަކުރެއްވިއްޔާ ޢުމުރަށްވެސް ބަލާނަމެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި އަހުރެންގެ ދިރިއުޅުމަށް މިހާބޮޑު ކުރިއެރުމެއް ލިބުނީ އެމަންމަ ބަލަން ފެށީމައެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ވިސްނައިފި މީހަކަށް ފައިދާކުރާނެކަމުގެ އުންމީދުގައެވެ.  

- ޒާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން