މަރުވުމުން ކައްވަޅުގައި ޢަޛާބުލިބޭ މީހުންނަށް ކައްވަޅުގެ ޢަޛާބު ލިބެމުންދާނީ ހަށިގަނޑާއިއެކުގައި ހެއްޔެވެ؟ މިއީވެސް ކުރެވޭ ސުވާލެކެވެ.
އެއީ އެއްވެސް މީހަކަށް ޖަވާބު ދެވޭނެ ސުވާލެއް ނޫނެވެ. އެހެނީ އެކަން ހިނގާނެ ގޮތް އެނގެން ނެތުމުންނެވެ. އެނގެން އޮތް ވަރަކީ ކައްވަޅުގައި ޢަޛާބު ލިބެންޖެހޭ މީހުންނަށް ލިބޭނެ ކަމެވެ. އެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. މިބާވަތުގެ ކަންކަމުގައި ކީރިތި ޤްރްއާނާނާއި ޙަދީޘްފުޅުތަކުން ކަޑައެޅިގެން އެގެން ނެތް ފަތުވާއެއް އެއްވެސް މީހަކު ދީގެން ނުވާނެވެ.
މިޘާލަކަށް ބުނާނަމަ ކައްވަޅުގައި މީހުންނަށް ޢަޛާބު ލިބޭތަން ﷲ ތަޢާލާ ވަނީ މިޢްރާޖްގެ ދަތުރުފުޅުގައާއި ހުވަފެންފުޅުތަކުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދައްކަވައިފައެވެ. ނުއެނގެނީ އެއިރު އެތިބެނީ ކޮން ހަށިގަނޑެއްގައި ކަމެވެ. ހަމަޤައިމުވެސް އެނގޭކަމަކީ ވަޅުލެވުމުން އޭނާ ދުނިޔޭގައި އުޅުނު ހަށިގަނޑު ކުނިވެ ހަލާކުވެގެންދާކަމެވެ.
މަރުވުމުން މަސްގަނޑު ވަޅުލަމުއެވެ. އެމަސްގަނޑު ކުނިވެ ހަލާކުވެގެންދެއެވެ. އެހެން ނަމަވެސް ކައްވަޅުގައި ޢަޛާބު ލިބެން ޖެހޭ މީހުންނަށް ދާނީ ހަމަ ޢަޛާބް ލިބެމުންނެވެ. ކުރިން ބުނިފަދައިން އެކަން ﷲ ތަޢާލާ މެދުވެރިކުރައްވަވަނީ ކޮން ގޮތަކަށް ކޮން ސިފައެއްގައިކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
މިސާލަކަށް އެކި ސަބަބުތައް މެދުވެރިވެ މަސްގަނޑު ވަޅު ނުލެވޭ މީހުންވެސް ބައިވަރެވެ. އެފަދަ މީހުންނަށްވެސް ކައްވަޅުގެ ޢަޛާބު ލިބެން ޖެހޭނަމަ ދެއްވަވާނެއެވެ. ކައްވަޅުގެ ޢަޛާބު ލިބުމަށް މަސްގަނޑު މުހިންމު ނޫންކަން ކުރިން މިބުނި ވާހަކައިންވެސް އެނގިގެންދެއެވެ. ވީމާ އެންމެ މުހިންމީ ކައްވަޅުގެ ޢަޛާބުން ސަލާމަތް ވެވޭނެ ގޮތަށް އަދި ޤިޔާމަތް ދުވަހުގެ ޢަޛާބުން ސަލާމަތްވެވޭނެ ގޮތަށް ދުނިޔޭގައި އުޅުމެވެ.
ކައްވަޅުގެ ޢަޛާބާއިމެދު ޝައްކުކުރުމެއް ނެތެވެ! އެހެނީ ކުރިން މިބުނިފަދައިން ކައްވަޅުގައި ޢަޛާބު ލިބެމުންދަނިކޮށް ﷲ ތަޢާލާ ވަނީ ރަސޫލް (ﷺ) އަށް ދައްކަވައިދެއްވަވައިފައެވެ. އެއީ ޙަދީޘްތަކުން ސާބިތުވާ ކަމެކެވެ.
- މުފްތީ މެންކްގެ ދަރުސަކުން