ކިތަންމެ ތަނަވަހަސް ކިތަންމެ ރީތިނަމަވެސް ހަރުދަނާ އަންހެނުން ގުޅެން ބޭނުންވާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކިތަންމެ ތަނަވަހަސް ކިތަންމެ ރީތިނަމަވެސް ހަރުދަނާ އަންހެނުން ގުޅެން ބޭނުންވާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު!

ކޮންމެ ކަމެއް ނަމަވެސް ތިމާ ބޭނުންވާއިރަށް އެކަމެއްވުމަކީ ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ. މީހަކު ކަމަކު އެދިއްޖެނަމަ ވަޤުތުންވެސް ތިމާގެ އަތުގައި އޮތްއެއްޗެއް ދެވިދާނެއެވެ. އަދި އޮތީވެސް ވީހާ އަވަހަކަށް ދިނުމެވެ. ނަމަވެސް ލޯބިޤަބޫލުކުރުމާއި ކައިވެނިކުރަން އެއްބަސްވުމުގައި ތަފާތެވެ. އެއީ ހަމަ ހުށަހަޅާއިރަށް ނިންމޭނެ ކަންކަމެއް ނޫނެވެ. ޚާއްޞަކޮށް ތިމާއަށް ވަރަށް ރަނގަޅަށް ޙަޤީޤަތް ނުއެނގޭ މީހުންގެ ފަރާތުން ހުށަހެޅުން ލިބުމުންނެވެ.  

ގިނަ ފިރިހެނުންނަކީ އެމީހުންގެ އަތުގައި ފައިސާހުރިނަމަ އެމީހުން ބޭނުންވާ އަންހެނަކު ހޯދަން ކިތަންމެ ބޮޑު ޚަރަދެއްވެސް ކޮށްފާނެ ބައެކެވެ. ބައެއް އަންހެނުންނަށްވެސް ވާގޮތަކީ އެމީހުން ރުހޭ ސިފަތައް ހުރި ފިރިހެނަކާއި ބައްދަލުވެއްޖެނަމަ އޭނާގެ އެހެން ކަންކަމަކަށް ބަލައިވެސް ނުލައި ގުޅެނީއެވެ.  

އަނެއްބައި އަންހެނުންނަކީ އެމީހުން ރުހޭ ކިތަންމެ ގިނަ ސިފަތަކެއް ހުރި މީހަކާއި ބައްދަލުވިނަމަވެސް އެހައިފަސޭހައިން ގުޅޭނެ ބައެއް ނޫނެވެ. އޭނާހުރީ އެކަނިތޯ އާއި ލިބޭ މިންވަރުން ފުއްދައިގެން އުޅޭ މީހަކުތޯ ބަލާނެއެވެ. ރަނގަޅު ގޮތުގައި މަސައްކަތްކޮށް އާމްދަނީ ހޯދާތޯވެސް ބަލާނެއެވެ. އެއިގެ އިތުރުން އޭނާގެ އަޚްލާޤީ ސިފަތަކަށްވެސް ބަލާނެއެވެ.  

މިބުނި ކަންކަމަށް ބަލާތީ ބައެއް ފިރިހެނުންނަށް ހީވަނީ އެއަންހެނަކީ އަންހެނެއްގެ ކިބައިގައި ހުންނަން ޖެހޭނެ މުހިންމު ސިފަތައް ނެތް އަންހެނަކު ކަމަށެވެ. އެހެންވެ އޭނާއަކީ ގުޅެން ކަމުދާނެ މީހެއް ނޫންކަމަށެވެ. އެހެންވެ ބަލާނީ އޭނާ ދޫކޮށްލައި ފަސޭހައިން ގުޅެވޭނެ އަންހެނަކާއި ގުޅުމަށެވެ.  

ތިމާ އާއިބެހޭ ގޮތުން މައުލޫމާތު ހޯދަން މަސައްކަތްކުރީ ތިމާއަށް ރަނގަޅަކަށްކަމާއިމެދު ވިސްނާނީ މަދު ފިރިހެނެކެވެ. ގިނަ ފިރިހެނުން ބުނާނީ އެއީ ވަރަށް ކަންތައްގަނޑު އަންހެނަކު ކަމަށެވެ.  

ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ޙަޤީޤަތުގައި ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންނަމަ ގުޅެންޖެހޭނީ ތިމާގެ ކަންކަން އޮޅުންފިލުވަން ބޭނުންވި ކަންތައްގަނޑު ބޮޑު މީހާ އާއިއެވެ. ސަބަބަކީ އޭނާ ކަންތައްގަނޑު އެބޮޑުކުރީ ކައިވެންޏަކީ ކުޅޭކުޅޭ ކަމަކަށް ހަދަން ބޭނުންނުވާތީއެވެ. ކައިވެނިކުރުމަށްފަހު އެމީހަކާއިއެކުގައި ޢުމުރަށް ދިރިއުޅެން ބޭނުންވާތީއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން