ޝަރުޢީ ސަބަބެއް ނެތި ދަރިންވައްޓަން ހެޔޮނުވާނެ! ޢުމުރަށް އެކަމުގެ ވޭނާ ހިތާމަކުރަންޖެހެނީ މަދަކުން ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 48ސ
ޝަރުޢީ ސަބަބެއް ނެތި ދަރިންވައްޓަން ހެޔޮނުވާނެ! ޢުމުރަށް އެކަމުގެ ވޭނާ ހިތާމަކުރަންޖެހެނީ މަދަކުން ނޫން!

މިވާހަކަ ނުދައްކައި ތިބެވެން ނެތީ ގިނަ ބައަކު މިކަމަށް ހޭލުންތެރިކަން ކުޑަވީމައެވެ. އެކަމުގެ ސަބަބުން ބޮޑެތި އަނިޔާތައް ވޭން އުފުލަންޖެހުނަސް އެކަމުގެ ވާހަކަ ދައްކަން ގިނަ ބައަކު ލަދުވެތިވަނީ ކުރެވުނު ފާފައިގެ ސަބަބުންނެވެ. ލަދުވެތިވެސް ކަމަކަސްވާތީއެވެ.  

ކުރިން ބުނި ފަދައިން މިއީ އަޅުގަނޑުމެން ފަދަ މުސްލިމް ޤައުމެއްގައި ދައްކަން ދެރަވުމުގެ އިތުރަށް ލަދުވެތިވާންވެސް ޖެހޭނެ ވާހަކައެކެވެ. ބަލިވެ އިނުމުން ދަރިވައްޓާލަން ކުރި ކަންތައްތަކުގެ ސަބަބުން ޢުމުރަށް ލޭފޭބުމުން ސަލާމަތް ނުވެވި ތިބި އަންހެނުން އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަތިއްބެވެ. އަދި މިނޫން މައްސަލަތައް ކުރިމަތިވެފައި ތިބި އަންހެނުންވެސް އެބަތިއްބެވެ.  

އަނބި މީހާއަށް އެޙާލު ޖައްސުވާފައި ވަރިވެސް ކުރެއެވެ. ބައެއް ފިރިހެނުން 2 ވަނަ އަންތބަކު ހޯދައި އޭނާގެ އުފާތައް ޙާޞިލުކުރެއެވެ. ހުރިހާ ދެރައަކާއި ނިކަމެތިކަމެއް ލިބެނީ އަންހެނުންނަށެވެ.  

އަޅުގަނޑު ބޭނުންވަނީ ސުވާލެއްކުރާކަށް ނޫނެވެ. މިބޮޑު ފާފަނުކުރަން ޚާއްޞަކޮށް އަންހެނުން ހޭލުންތެރިކުރުވާށެވެ! ފާފަވެރިވުމުގެ އިތުރުން ބަލިޙާލުގައި ޢުމުރު ހޭދަކުރަން ނުޖެހޭނެ ގޮތަކަށް އުޅެން ބުނުމަށެވެ. ހުރިހާ ދެރައެއް ލިބެނީވެސް އަންހެނުންނަށް ކަމަށްވުމުން އެކަމަށް އަންހެނުންގެ ހޭލުންތެރިކަން އިތުރުކުރުވޭތޯ ބެލުމަށެވެ.  

މިއީ ކިޔުންތެރިއެއްގެ ބަސްކޮޅެކެވެ. މައުލޫމާތާއި ޚިޔާލު ފައުޅު ކުރެއްވި ކިޔުންތެރިޔާއަށް ދަންނަވަން އޮތީ ތިއަ މަސައްސަލައަކީ "ޢިބްރަތްތެރި ވާހަކަ" ސިލްސިލާގައިވެސް އެތައް ފިލާވަޅުތަކެއް ގެނެސްދެވިފައިވާ މައްސަލައެކެވެ.  

ތިރީގައި އެވަނީވެސް އެފަދަ ލިޔުމެކެވެ!  

އަހަރެންނަކީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެކެވެ. އެމަސައްކަތް އަހަރެން ކުރާތާ 6 ވަނަ އަހަރު ވަރަށް އާދައާ ޚިލާފް ކަމެއް ކުރިމަތިވިއެވެ. އަނބިމީހާ ބަލިވެއިނދެގެން އައި ޒުވާން ދެމަފިރިންނެވެ. އާދައިގެމަތިން ބަލާފައި ދޭންޖެހޭ ނަޞޭޙަތްތައް ދިނުމުން އަޑުއަހަން އިނދެފައި ފިރިމީހާ ބުނީ މިއައީ ނަޞޭޙަތް އަޑު އަހަން ނޫން ކަމަށާއި ދަރިއަކު ބޭނުން ނުވާތީ ދަރިފުޅު ވައްޓާލަން ބޭނުންވެގެން ކަމަށެވެ. ނަމަވެސް އެކަމަށް އަނބިމީހާ ހަމަ އެވަގުތު އިންކާރުކުރިއެވެ.  

އެއިރު އަދި ބަނޑަށް 40 ދުވަހެވެ. އެހެންކަމާއިއެކުވެސް ދަރިވައްޓާލަންޖެހޭ ފަދަ ޞިއްޙީ ސަބަބެއް ނެތި ، ޚާއްޞަކޮށް އަނބިމީހާ އިންކާރުކުރަނިކޮށް ދަރިފުޅު ވައްޓާލައި ނުދެވޭނެ ކަމަށް ބުނުމުން ފިރިމީހާ ބުނީ އެހެންވީމާ ވިހޭމަ ދަރިފުޅާ ޙަވާލުވާން ތައްޔާރުވެގެން ޑޮކްޓަރު ހުރުމަށެވެ. އެހެން ބުނެފައި ނުކުމެގެންދިއައީ އެވެ.  

އެއީ ޙަޔާތުގައި އެހައިތަނަށް ދިމާވެފަ ނެތް ކަމަކަށްވާތީ ވަރަށް ކަންބޮޑުވިއެވެ. އަދި އަނބިމީހާއަށް ދެރައެއް ދީފާނެ ކަމުގެ ބިރަށް ފުލުހުންނަށްވެސް އެކަން އެންގީމެވެ. ނަމަވެސް ފުލުހުންނަކަށް އެދެމަފިރިންނެއް ނުހޯދުނެވެ.  

އެއިގެފަހުންވެސް ކޮންމެރެއަކުހެން އެ އަންހެން މީހާ އާއިމެދު ވިސްނނައިލެވެއެވެ. އޭނާގެ ޙާލަކީ ކޮބައިބާވައެވެ. ފިރިމީހާ ކަންކަން ކުރާނީ ކިހިނަކުންބާވައެވެ! މިފަދަ ޚިޔާލުތަކެއްގައި އުޅެމުންދަނިކޮށް  އެއްރޭ ދަންވަރު ގޭކައިރިން ކުޑަކުއްޖަކު ރޯއަޑު އިވެން ފަށައިފިއެވެ. ފިރިމީހާ އަވަސް އަވަހަށް ބޭރަށް ނުކުމެ ބެލިއިރު ކުޑަކުއްޖަކު ބާއްވާފައި އޮތެވެ. ކައިރީގައި ނޯޓެއް ބާއްވާފައި އޮތެވެ. "ދަރިފުޅު މިއޮތީއެވެ! ކަލޭ ބަލާށެވެ!"  

ފިރިމީހާ ފުލުހުންނަށް ގުޅުމުން އައިސް ސެކިޔުރިޓީ ކެމެރާތަކުގެ ބޭނުންކޮށްގެން އެމީހާ އައި ކާރުގެ ނަންބަރު ހޯދައި އޭނާ ހޯދިއެވެ. އެމީހާވީ ހަމަ އަހަރެން ހީކުރިފަދައިން ދަރިފުޅު ބޭނުންނުވެގެން ވައްޓާލަން ހޮސްޕިޓަލަށް ދިއަ މީހާއަށެވެ.  

އަންހެންމީހާ ފުލުހުންނަށް ކިޔައިދިނެވެ. "އެދުވަހު ހޮސްޕިޓަލުން އައިގޮތަށް އަހަރެން ބެހެއްޓީ ގޭގައި ބަންދުކޮށްފައެވެ. ފޯނެއްވެސް އަތަކަށް ނުދެއެވެ. ވިއްސީވެސް ފިރިމީހާއެވެ. ވިއްސާފައި ކުއްޖާ ގޮވައިގެން ނުކުމެގެންދިއައީއެވެ."  

މައްސަލަ ކޯޓަށް ހުށަހެޅުމުން ދިގުމުއްދަތަކަށް ފިރިމީހާ ޖަލަށްލާން ޙުކުމްކުރަމުން ފަނޑިޔާރު ބުންޏެވެ. "ކަލޭކަހަލަ އަނިޔާވެރިން ވީއްލިފައި ތިބެގެން ނުވާނެއެވެ. ތިބެންޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ."  

އަންހެން މީހާ އާއި ދަރިފުޅަށް އެހީތެރިވެދީ ބެލެހެއްޓީ ޑޮކްޓަރުގެ ދެމަފިރިންނެވެ.   

މިވާހަކަ ކިޔާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވުމުން ކަންކަން ފަޅާއަރާނެތީ  ސީދާ ވާހަކައިގައި އެބުނާގޮތަށް ކަންކަން ނުކުރެވުނު ނަމަވެސް ދަރިން ބޭނުން ނުވެގެން ކުރާ ނުރަނގަޅު ކަންކަމުގެ މައްސަލަތައް މަދުމަދުން ނަމަވެސް ފެންމަތިވެއެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ވިސްނަން ވަރަށް މުހިންމު ކަމެކެވެ. ބަލިވެ އިނުމުން އެކަން ކުރަން ޝަރުޠުހަމަވާ ގޮތަށް ކަންކަން މެދުވެރިވެގެން ނޫނީ ދަރިއަކު ވައްޓާލަން ހެޔޮނުވާނެއެވެ.  

ނަމަވެސް އިންޑިއާއިން 60 ރުފިޔާއަށް ލިބޭ ދަރިވައްޓަން ބޭނުންކުރާ ބޭސްގުޅައެއް ރާއްޖޭގައި 2000 ރުފިޔާއަށްވެސް ގަންނަން ނުލިބިގެން އުޅޭވާހަކައަކީ ޢާންމު ވާހަކައެކެވެ. ބޭސްކައިގެން ދަރިވެއްޓުމަކީވެސް ހަމަ ދަރިވެއްޓުމެވެ. އެބޯޝަން ނުވަތަ ޑީއެންސީ ހަދައިގެން ދަރިވެއްޓުމަކީވެސް ހަމަ ދަރިވެއްޓުމެވެ. ކުރެވެނީ ހަމައެއްކަމެކެވެ.  

ވީމާ ﷲ ދެއްވަވާނެ ޢަޛާބަށް ވިސްނައިލަމާތޯއެވެ! އަޅުގަނޑުގެ މިބަސްކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

- ޝިޢުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން