އަޅުގަނޑުގެ ބައިވެރިޔާއަކީ ގޯސްމީހެއް ނޫނެވެ. އެކަމަކު އެކުގައި އުޅެވޭ މީހުންގެ ސަބަބުން ވަރަށް ނުބައި އާދައެއް ހަރުލާފައި ހުރެއެވެ. އެއީ ކިތަންމެ ކުޑަ ކުށެއް ފާހަގަކުރެވުނަސް ރުޅިއައުމާއި ހަރުކަށި ބަސްތައް ބުނުމެވެ. ހީވާނީ އަބަދު އަޅުގަނޑަށް ކަންތައްކުރެވެނީ ގޯސްކޮށްހެންނެވެ. ގިނަ ފަހަރަށް ހަރުކަށި އިންޒާރުތައްވެސް ވަޤުތުން ދޭނެއެވެ. އެކަން ތަކުރާރުވާލެއް ގިނަކަމުން ވަކިވާންވެސް އެބަވިސްނަމެވެ. ވަކިވެއްޖެނަމަ އަޅުގަނޑު ފާފަވެރިވާނެތޯ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ އަދިވެސް ވަކިވުމުގެ ވިސްނުން އިސްނުކުރާށެވެ! ފިރިމީހާއަށް ވިސްނައިދޭން މަސައްކަތްކުރާށެވެ. އަދި ފިރިމީހާޢަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. ތިއަ ޙާލަތުގައިވެސް ކެތްތެރިވެ އެކުގައި ދިރިއުޅެން މަސައްކަތްކުރުން ބައެއް ޢިލްމްވެރިން ސިފަކުރައްވަނީ ދިރިއުޅެން ކުރާ ޖިހާދެއްގެ ގޮތުގައެވެ. ޘަވާބު ދެއްވަވާނެ އަޅުކަމެއްގެ ގޮތުގައެވެ.
ތިއަ މައްސަލައަކީ ކިޔުންތެރިން ވަރަށް ގިނައިން ފާހަގަކުރައްވާ މައްސަލައެކެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ. އަދި ފިރިކަލުންނަށް ޝެއާވެސް ކޮށްލައްވާށެވެ.
އަޅުގަނޑަކީވެސް ވީހާ ރަނގަޅަކަށް އުޅެން މަސައްކަތްކުރާ އަންހެނަކީމެވެ. ވީހާ ރަނގަޅަކަށް ފިރިމީހާއަށް ޚިދުމަތްކުރަންވެސް މަސައްކަތްކުރަމެވެ. އެކަމަކުވެސް ބައެއް ފަހަރު ހަނދާން ނެތިގެންނާއި އެހެންވެސް ސަބަބުތައް ދިމާވެ އަތްދޮށުންވެސް ކަންކަން ދެއެވެ.
އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަބަދުވެސް ފިރިމީހާ ދޭނީ ވަރުގަދަ އިންޒާރުތަކެވެ. ވަރިކޮށްފައި ފޮނުވައިލާނެ ކަމުގެ އިންޒާރުތަކެވެ. އޭނާ ދެކޭ ގޮތުގައި ކަންކަން އިޞްލާޙްކުރަން ފުރުޞަތު ދިނުމަކީ ބޭކާރު ކަމެކެވެ.
އެއީ ހަމަ ރަނގަޅު ވިސްނުމެއްތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކިތަންމެ ބޮޑަށް އެކަކު އަނެކަކު ދެނެގެންފައި ކައިވެނިކުރިނަމަވެސް ކައިވެންޏަށްފަހު އިޞްލާޙްކުރަންޖެހޭ ނުވަތަ ބަދަލުކުރަންޖެހޭ ކަންތައްތަކެއް ދެމީހުންގެވެސް ހުންނާނެއެވެ. އެކަން ދެމީޙުންވެސް ޤަބޫލުކުރަންވާނެއެވެ. އެކަކު އަނެކަކަށް ފުރުޞަތުދޭން ޖެހޭނެއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
"އެކަނބަލުންނީ (އަނބިންނަކީ) ތިއަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިއަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ." (ސޫރަތުލްބަޤަރާ- 18)
މިއާޔަތުން އެނގިގެންދަނީ އެދަމަފިރިން އެކެއް އަނެއްގެ ކިބައިން ހިތްހަމަޖެހުން ލިބިގަންނަން މަސައްކަތްކުރަންޖެހޭނެ މިންވަރެވެ. އެއްވެސް ޙާލެއްގައި އޮތީ ކަމެއް ދިމާވާއިރަށް ޒުވާބުކުރުމާއި ތަޅާފޮޅުމާއި އަދި ކައިވެނި ރޫޅާލުންވެސް ނޫން ކަމެވެ.
ދެން މިދައްކަނީ މުޅިންތަފާތުވާހަކައެކެވެ. ވިސްނައިގެން އަޑުއަހާށެވެ!
ކިތަންމެ ބޮޑު އަގުގައި ފޮތި ގަނެގެން ކިތަންމެ މޮޅު މީހަކު ލައްވައި ފެހި ނަމަވެސް އަޅުގަނޑުމެން ފަހާ ކޮންމެ ހެދުމެއް ގައަށް ހެޔޮވަރު ނުވެދާނެއެވެ. ފަތިޖަހާލަން ޖެހިދާނެއެވެ. އަދި ތަންކޮޅެއް މެހެލާފައި ދޫކޮށްލަންވެސް ޖެހިދާނެއެވެ. ނަމަވެސް އޮތީ ހެދުން އެއްލައިލުމެއް ނޫނެވެ. ފަތިޖަހައި ހެޔޮވަރުކޮށްލުމެވެ. ކަންކުރަނީވެސް އެމަގުންނެވެ. ވީމާ އޮތީ ކުޑަ މަސައްކަތެއް ކޮށްލައިގެން ގައަށް ހެޔޮވަރުކޮށްލުމެވެ.
ފެހި ހެދުން ގައަށް އެންމެ ހެޔޮވަރު ނުވި ނަމަވެސް ފޭރާން ރީތިނަމަ ހެދުން ރީތިވާނެއެވެ. ލައިގެން ހުންނައިރު ހަމަ ތިބާއަށްވެސް އެހެދުމުގެ ރީތިކަން އިޙްޞާޞްކުރެވޭނެއެވެ. އެހެން މީހުންގެ ތަޢްރީފްވެސް ލިބޭނެއެވެ.
ކައިވެނީގައިވެސް އޮތީ ހަމަ މިގޮތެވެ. އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ތިބާއަށް އެންމެ ފުރިހަމަ ނޫން ބައެއް ސިފަތައް ހުރި މީހަކަށް ވެދާނެއެވެ. އެފަދަ ކަމެއް ފެނިއްޖެނަމަ އެކަމެއް އިޞްލާޙްކޮށްލަން މަސައްކަތްކުރާށެވެ. މާތްﷲ ވާގިފުޅާއިއެކު ކަންކަން ދާނީ ރަނގަޅުވަމުންނެވެ. އެކަމުގެ ހިތްހަމަޖެހުން ދާނީ ލިބެމުންނެވެ.
ގައަށް އެންމެ ހެޔޮވަރު ނޫން ހެދުމެއް ލިބުމުން އަމަލުކުރިގޮތް މިސާލަކަށް ބަލާށެވެ. އެކަން އެގޮތަށް ބަލަންޖެހެނީ ކީރިތި ޤްރްއާނުގައިވާ މި އެންގެވުމުންނެވެ. "ދެމަފިރިންނަކީ ވެސް އެކަކު އަނެކަކަށް ހުރި ލިބާހެއް" ކަމަށް މާތްﷲ ބަޔާންކުރައްވަވާފައިވަނީ މުހިންމު ސަބަބުތަކެއް ހުރުމުންނެވެ. އެކެއް އަނެއްކެއްގެ އުނިސިފަތައް ފޮރުވައިދީ އިޞްލާޙްކުރަން މަސައްކަތްކުރަން ޖެހޭނެތީއެވެ. އެކަމުގައި ދެމީހުންވެސް އެކަކު އަނެކަކަސް އެހީތެރިވެދޭން ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން