"ބައިވެރިޔާ ނުބައި ގުޅުމެއް ހިންގާކަމަށް ޝައްކުވެއްޖެނަމަ ފާރަލުން ހުއްދަވާނެތޯ؟" މިސުވާލުގެ ޖަވާބުގައި ބުންނަ ޖެހެނީ ހަމަ ޙަޤީޤަތުގައިވެސް އެފަދަ ޝައްކެއް ކުރެވޭނަމަ ކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫނެވެ. ނަމަވެސް އެފަދަ ތުހުމަތެއް ނެތި ނުރަނގަޅު ކަމެއް ކޮށްފާނެ ކަމަށް ވިސްނައިގެން ފާރަލުން ހުއްދައެއް ނޫނެވެ. އެއިރުން ވާނީ ޖާސޫސްކުރުމުގެ ތެރެއިންނެވެ.
މުސްލިމުން އެންމެ ބޮޑަށް ފާރަވެރިވާންވީ އަމިއްލަ ނަފްސަށެވެ. އެއަށްފަހު އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތަށެވެ. ނަމަވެސް ގިނަ ބައަކަށް ފާރަލެވެނީ އެކަމުން ތިމާ ފާފަވެރިވާނެ ގޮތަށެވެ. ވީމާ ދަސްކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
ކޮންމެ މީހެއްގެވެސް ހަސަދަވެރިން ތިބޭނެއެވެ. ގެއްލުންދޭން ބޭނުންވާ ބައަކުވެސް ތިބޭނެއެވެ. އަދި އެމީހަކަށް އެއްވެސް ރަނގަޅު ގޮތެއް ވުމަށް ނުއެދޭ މީހުން ވެސް ތިބޭނެއެވެ. އެފަދަ މީހުން ފާހަގަކުރެވޭނަމަ އެމީހެއްގެ ކިބައިން ރައްކައުތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
ނަމަވެސް ޝައްކެއްގެ މައްޗަށް އެއްވެސް މީހަކަށް ފާރަ ނުލާށެވެ. ފާރަލުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އެކަން ތިމަން ﷲ އަށް ދޫކޮށްލުމަށެވެ. ތިމަން ﷲ އެކަން ބައްލަވައިވޮޑިގަންނަވާ ކަމަށެވެ. ވީއިރު ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމެއް ކޮށް، ފާފަވެރިވާންވީ ކީއްވެގެން ހެއްޔެވެ؟
މީހަކު ތިބާއަށް ދެރައެއް ދޭން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ﷲ ތަޢާލާ އެކަމަށް އިރާދަކުރައްވަވާފައިވާނަމަ މެނުވީއެވެ. ﷲ ތަޢާލާ އެކަން އެމީހެއްގެ ސަބަބުން މެދުވެރިވުމަށް މިންވަރު ކުރައްވަވާފައިވާނަމަ އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއްވެސް ނުއޮންނާނެއެވެ. ވީއިރު މީހަކު ދީފާނެ ގެއްލުމަކުން ބަރީޢަ ވުމުގެ ވިސްނުމުގައި ﷲ ތަޢާލާ ނަޙީ ކުރެއްވެވި ކަމެއް ކުރަންވީ ކީއްކުރަން ހެއްޔެވެ؟ އަމަލުކުރަން ޖެހޭނީ ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް ނޫން ހެއްޔެވެ؟
މިތަނުގައިވެސް ބުނެލަން ބޭނުންވަނީ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމާއި ފާރަލުން އޮޅުވައި ނުލުމަށެވެ. ރައްކައުތެރިކަމުގެ ފިޔަވަޅު އަޅަން ﷲ ތަޢާލާ ވަނީ އަންގަވަފައިފައެވެ. ފާރަލުން ވަނީ ނަހީ ކުރައްވަވައިފައެވެ. ވީމާ މިއީ މުޅިންތަފާތު ދެކަމެކެވެ. މި ދެކަންތައް އޮޅުވައިނުލާށެވެ.
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ." (އަލްޙުޖްރާތު: 12)
ހަމަ އެއާއިއެކު ވަރަށް ބޮޑަށް ފާރަލާން ޖެހޭ ޙާލަތެއްވެސް އެބަ އޮތެވެ. އެއީ ދަރިންގެ ކަންކަމުގައެވެ. ދަރިއަކު ނުރަނގަޅު މަގަކުން ކުރިއަށްދާކަމަށް ޝައްކު ކުރެވޭނަމަ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކަމެއް ހިނގާކަން ކަށަވަރުކުރުމެވެ. އެކަމެއް ދަރިފުޅު ކުރާކަން ޔަޤީން ނުކޮށް ފިޔަވަޅު އެޅޭގޮތް ބައެއް ފަހަރު މެދުވެރިވެއެވެ.
އެފަދަ ޙާލަތްތަކުގައި މައިން ބަފައިން އިތުބާރު ނުކުރީތީ ދުނިޔޭގައި ހުންނަން ބޭނުން ނުވެގެން ދަރިން އަމިއްލައަށް މަރުވެފައިވެސް އެބަހުއްޓެވެ. ވީމާ ދަރިއަކާއިމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ބޮޑަށް ބަލަން ޖެހޭނެއެވެ.
މިގޮތަށްވެސް ވިސްނާށެވެ! މީހަކު ތިބާއަށް ދެރައެއް ދީފިނަމަ އެކަން އެނބުރި ތިބާއަށް ލިބޭނީ ފައިދާއެއްގެ ގޮތުގައެވެ. އަނިޔާ ނުވަތަ ގެއްލުން ދިން މީހާގެ ކިބައިން އެކަމަށް ހައްޤު ބަދަލު އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ތިބާއަށް ހޯއްދަވައިދެއްވަވާނެތެވެ. ނަމަވެސް ތިބާއަށް ބަލަހައްޓަން ޖެހޭ ދަރިއަކު ތިބާ ނުބަލަހައްޓައިގެން މަގުން ކައްސައިލި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ތިބާއަށެވެ. ވީމާ މިއީ މުޅިން ދެ ޙާލަތެކެވެ.
ދަރިން ބޮޑެތިވެ ތިބާގެ ކިބައިން ބެލެނިވެރިކަން ނެތިގެން ދިއުމުން ފާރަލައިގެން ނުވާނެއެވެ. ބައެއް ޢާއިލާތަކުގައި ދަރިން ބޮޑެތިވެ ކައިވެނިކޮށް އަމިއްލަ ދިރިއުޅުމަށް ފެށުމުން ވެސް އެބަފާރަލައެވެ. ދެމަފިރުން ދައްކާވާހަކަ ސިއްރުން އެބަ އަޑުއަހައެވެ. މިއީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން އެއީ ދަރިންނަށްވީތީ އެފަދަ ކަމެއް އެއްވެސް ބެލެނިވެރިއަކު ކޮށްގެން ނުވާނެއެވެ. ކޮށްފިނަމް އެކަން ވާނީ އިމުން ބޭރުވުން ކަމަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން