ނަމާދުތަކަށް ފަރުވާކުޑަކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. ވީމާ ނަމާދުކުރުމަށްދޭ ސަމާލުކަން މިވަނީ އިތުރުކުރަންޖެހިފައެވެ. އެކަން ނަމާދުނުކުރާ މުސްލިމުންވެސް ޤަބޫލުކުރެއެވެ. ދެކޮޅެއްވެސް ނުހަދައެވެ. ޢަމަލުނުކުރަނީއެވެ.
އަބަދުވެސް އެންމެ ބޮޑަށް ރައްކައުތެރިވާންޖެހޭނެ ކަމަކީ ފަރުޟު 5 ނަމާދުކުރުމެވެ. އިސްލާމް ދީނުގެ ރުކުންތަކަށް ބެލިނަމަވެސް މުސްލިމަކަށްވުމަށްފަހު ފުރަތަމަ އޮތީ ފަރުޟު 5 ނަމާދުކުރުމެވެ. ރޯދަހިފުންވެސް އޮތީ އެއިގެ ފަހަތުންނެވެ.
"ބައެއް މީހުން ކޮންމެ މީހަކު ކޮންމެ ދުވަހަކުވެސް ކުރަން ފަރުޟު ކުރެއްވެވި 5 ނަމާދު ހަމައަކަށް ނުކުރެއެވެ. ކުރަނީ އެއަށްވުރެ މަދުންނެވެ. 4،3،2 ނަމާދެވެ. އެހެންވެއްޖެނަމަ އެމީހަކީ ނަމާދުކުރާ މީހަކަށް ވާނެ ހެއްޔެވެ؟"
މިމޭރުމުން ކުރެވޭ ސުވާލުތަކުގެ ޖަވާބަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބޭނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ކޮންމެ ދުވަހަކު އަދާކުރަންޖެހޭ 5 ނަމާދު އަދާނުކުރާނަމަ އެމީހަކު އެޢަމަލުކުރަނީ އިސްލާމް ދީނުގައި ޢަމަލުކުރަން އޮތް ގޮތަކަށް ނޫނެވެ. އަމިއްލައަށް ގޮތެއް އުފައްދައިގެންނެވެ. އެކަން ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އަދި އެމީހަކަށް އެކަމުގެ ޢަޛާބުވެސް ޙައްޤުވާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ
ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ނަމާދު އެއްގޮތަކަށްވެސް ނުކުރާ އަދި ކުރަން ދެކޮޅުހަދާ މީހާ އެވަނީ ދީނުން ބޭރުވެފައެވެ. އަދި ފަރުޟް 5 ނަމާދު ހަމައަށް ނުކުރާ މީހަކީ ނަމާދުކުރާ މީހަކަށްނުވާނެއެވެ. ކޮންމެއަކަސް މިއީ ކޮންމެ މުސްލިމަކުވެސް ވިސްނަން ޖެހޭނެ ކަންކަމެވެ.
ނަމާދުކުރުން އޮތީ ތަރުތީބުންނެވެ. ފަތިސްނަމާދުނަ ފަށައި ޢިޝާނަމާދުން ނިންމުމެވެ. އެދެމެދުގައި ހުރި ނަމާދުތައް ކުރަން އޮތީ ތަރުތީބުންނެވެ. ވީމާ އެއްނަމާދު އަޅައިގެން ހުރެ އަނެއް ނަމާދެއް ނުކުރެވޭނެއެވެ. ވަޤުތު ފާއިތުވެއްޖެނަމަ އޮތީ ޤަޟާއަށް ނަމަވެސް ކުރުމެވެ.
ގުޅުންހުރި ލިޔުމެއް!:
މުދައްރިސް ކްލާހުގައި ކުރެއްވި ސުވާލެކެވެ. "ދުވާލަކު ކުރަން މިޖެހެނީ ފަރުޟު 5 ނަމާދެވެ. ނަމަވެސް މީހަކަށް ކުރެވެނީ 3 ނުވަތަ 4 ނަމާދެވެ. ވީމާ ދެން ވާނީ ކިހިނެއްހެއްޔެވެ؟"
އެވަގުތު އުމުރުން 8 އަހަރުގެ ދަރިވަރަކު ޖަވާބު ދައްކަލީ ކަރުދާހުގައި ލިޔެ ހިސާބު އަކުރުންނެވެ. އެއިގައި ލިޔެފައިވަނީ 5 އަކުން 1 ކެނޑީމާ އަންނާނީ 0 ކަމަށެވެ.
އެއީ ކީއްވެގެންތޯ މުދައްރިސް ސުވާލު ކުރެއްވީމާ ދަރިވަރު ބުނީ "ﷲ އަންގަވާފައިވަނީ 5 ނަމާދު ކުރަން ނޫންތޯއެވެ! ވީމާ އެ އަދަދު ހަމަ ނުކުރެވޭނަމަ އެމީހަކީ ﷲ އެންގެވި ގޮތަށް އެކަން ކުރެވުނު މީހަކަށް ނުވާނެ ނޫންތޯއެވެ؟ އެހެންވީމާ ﷲ އެންގެވި ގޮތަށް އެކަން ނުކުރެވުނީމާ އޭނާއަށް ލިބޭނީ ސުމެއް ނޫންތޯއެވެ"
އެކަމުގެ ހެކިވެސް ދަރިވަރު ދެއްކި އެވެ. ދަރިވަރު ބުނީ ސްކޫލުން ބޭއްވި އެތްލެޓިކްސް މުބާރާތެއްގައި އޭނާ ބައިވެރިވެ 100 މީޓަރު ދުވުމެއްގައި ވާދަކުރި ކަމަށެވެ. ރޭހުގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑުތަނުގައި ދުވިއިރު އޭނާ އޮތީ އެންމެ ކުރީގައި ކަމަށެވެ. ނަމަވެސް ފައަށް ތަދުވެގެން ރޭސް ނުނިންމުމުން ރޭސް ނިންމި ކަމުގެ ސެޓުފިކެޓް އޭނާއަށް ނުލިބުނު ކަމަށެވެ. އަދި އެއްވެސް އިނާމެއްވެސް ނުލިބުނު ކަމަށެވެ. އަދި އިނާމެއް ނުލިބުނު ސަބަބަކީ ރޭސް ފުރިހަމަ ނުކުރެވުން ކަމަށާއި ރޭސް ފުރިހަމަ ނުކުރެވުނީމާ އިނާމެއް ސެޓުފިކެޓެއް ނުލިބޭނެ ކަމަށް ބައްޕަ ބުނުއްވި ކަމަށެވެ.
ސުވާލަކީ އުމުރުން އެންމެ 8 އަހަރުގެ މި ކުޑަ ކުއްޖާގެ ހުރި ވިސްނުން އަހަރެމެން ބޮޑެތި މީހުންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ ހުރިނަމަ ނަމާދު އަޅާނެ ހެއްޔެވެ؟
ނިކަން ވިސްނަވައިލަ ބައްލަވާށެވެ! ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިމެދުގައިކަން އެނގެން އެބައޮތެވެ. އެކަމުން ފޭލްވެއްޖެނަމަ ދެން ކުރި ހުރިހާ ކަމަކުން ފޭލްވާނެކަންވެސް އެނގެން އެބައޮތް ނޫންތޯއެވެ!
އެޑިޓަރުގެ ނޯޓް:
މިއީ ހަމަ ރާއްޖޭގެ ސްކޫލެއްގައި ހިނގާފައިވާ ކަމެއްކަމަށް މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި ކަމެކެވެ. މި ދަރިވަރަށް ފުރިހަމަ ކާމިޔާބީ މިންވަރު ކުރެއްވެވުން އެދި ދުޢާކުރަމެވެ. އަދި އެ ކުއްޖާ ތަރުބިއްޔަތުކުރަމުންދާ މައިންބަފައިން އެކުރާ މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުން އެދި ދުޢާ ކުރަމެވެ.