މީސްތަކުން ޢިލްމީ ގޮތުން ކުރިއަރައި މިހާބޮޑަށް ހޭލުންތެރިވެފައިވާއިރުވެސް އަދިވެސް ގިނަ ބައަކު ކައިވެނިކުރަނީ ބޭރުފުށަށް ބަލައިގެންނެވެ. ފައިސާގެ ތަނަވަސްކަމާއި ޢިއްޒަތަށް ބަލައިގެންނެވެ. ނަސަބާއި ހަސަބަށް ބަލައިގެންނެވެ. ބައިވެރިޔާގެ ކިބައިގައި ހުންނަން ޖެހޭނެ އެންމެ މުހިންމު ސިފަކަމުގައިވާ ރިވެތި އަޚްލާޤަށް ނުވަތަ ޚުލްޤަށް ބަލަނީ މަދު މީހެކެވެ.
ފައިސާގެ ތަނަވަސްކަމާއި ޢިއްޒަތާއި ބާރާއި ނުފޫޒާއި ނަސަބާއި ހަސަބަށް ބެލިނަމަވެސް މިއިން އެއްވެސް ކަމަކީ އެމީހެއްގެ ކިބައިގައި ރިވެތި ޚުލްޤް ނެތްނަމަ އުފާވެރި ޒަވާޖީ ޙަޔާތަކަށް އެއްވެސް ވަރަކަށް މުހިންމު ކަމެއް ނޫނެވެ. ފައިދާކުރާނެ ކަމެއްވެސް ނޫނެވެ. މިފަދަ ހުރިހާ ކަންކަމަށްވުރެ ރިވެތި ޚުލްޤްގެ މުހިންމުކަން މާބޮޑެވެ.
ކިތަންމެ ތަނަވަސްވެފައި، ކިތަންމެ މަތީ މަޤާމެއްގައި ހުރިނަމަވެސް އަދި ބާރާއި ނުފޫޒު ކިތަންމެ ގަދަ ނަމަވެސް ޚުލްޤް ނުބައި މީހަކާއި ކައިވެނި ނުކުރާށެވެ! އެއީ އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސް މެއެވެ. އެމީހާ ނުކުރާނެ ނުބައި ކަމެއް، ނުދޭނެ އަނިޔާއެއް ނޯންނާނެއެވެ! ތެދުވެރިކަން ނުވެސް ދަންނާނެއެވެ! އިޚްލާޞްތެރިކަމަކީ އެމީހުންގެ ބަސްފޮތުގައި އޮންނަވެސް ބަހެއް ނޫނެވެ.
ކައިވެނި ކުރާއިރު ޚުލްޤް ރަނގަޅު ތަޤްވާވެރިންނާއި ކުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްފުޅު ކުރެއްވެވީ މަތިވެރި ސަބަބުތަކަށްޓަކައެވެ. ރިވެތި ޚުލްޤް ނެތި ތަޤްވާވެރިވެސް ނުވެވޭނެތީއެވެ! ކައިވެންޏަށްފަހު ދިރިއުޅުން އާރާސްތުކުރަން ބޭނުންވާ އެއްވެސް ރަނގަޅު ސިފައެއް ޚުލްޤް ނުބައި މީހެއްގެ ކިބައަކު ނުހުންނާނެތީއެވެ.
ކައިވެނީގެ ޚުޠުބާތަކުގައި އެންމެ ބޮޑަށް ބާރުއަޅަނީ ތެދުވެރިވުމަށާއި އޯގާތެރިވުމަށެވެ. އެކަކު އަނެކަކަށް އެހީތެރިވެ ރަޙްމް ކުރުމަށެވެ. ވަފާތެރިކަމާއި އިޚްލާޞްތެރި ކަމަށެވެ. ރިވެތި ޚުލްޤް ލިބިފައި ނުވާނަމަ މިއިން އެއްވެސް މަޤްޞަދެއް ޙާޞިލެއް ނުކުރެވޭނެއެވެ.
ވީމާ ބޭރުފުށަށް ބަލައިގެން ކައިވެނިކޮށްފައި އަނިޔާ އާއި ނިކަމެތިކަން ލިބެން ފެށުމުން ޝަކުވާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ބުއްދީގެ ބޭނުން ހިފިކަމަށްވާނީ ކުރިއަށް ވިސްނައިގެން ކަންކަން ކުރީމައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން