ސުވަރުގެ ލިބުން ފަސޭހަވުމަށް އެދޭމީހާ މައިންބަފައިންނަށް ޚިދުމަތްކުރުމުގަ ވަރުބަލިނުވާށެވެ! ހޭދަކުރަން ފަސްނުޖެހޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ސުވަރުގެ ލިބުން ފަސޭހަވުމަށް އެދޭމީހާ މައިންބަފައިންނަށް ޚިދުމަތްކުރުމުގަ ވަރުބަލިނުވާށެވެ! ހޭދަކުރަން ފަސްނުޖެހޭށެވެ!

ހެޔޮ ޢަމަލުތައް ކުރަން ބޭނުންވެގެން ކުރާނެ ހެޔޮ ޢަމަލެއް ހޯދަން ހިނގާ މީހުންމަދެއްނޫނެވެ. ސުވާލުކުރާ މީހުންވެސް މަދެއް ނޫނެވެ. މިފައިން އުޅޭ ބައެއް މީހުންނަށް ނުއެނގޭ އެއްކަމަކީ އެންމެ ހެޔޮ ޢަމަލުކުރުމުގެ ފުރުޞަތު އަމިއްލަ ގޭތެރެއިންވެސް ފަހިވެފައި އެބައޮތްކަމެވެ.  

މީހަކަށް ކުރެވޭނެ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު އެއް ޢަމަލަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމާއިއެކު މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅުކުރައްވަވައިފައެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.

"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

(އަލްއިސްރާ: 23)  

"އީމާންވެ ޞާލިޙް ޢަމަލް ކުޅަމީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުރިކަމަށް އެއުރެންނަށް ﷲ ވަޢުދް ކުރައްވާފައިވެއެވެ." (އަލްމާއިދާ: 9) 

ބައެއް ކަންތައްތައް ކުރުމުން ސުވަރުގެ ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވާފައެވެ. އެއިން އެއްވެސް ކަމަކީ ކުރަން އެހައި ފަސޭހަ ކަންކަމަށް ނުވެދާނެއެވެ. އެއިގެ ތެރެއިން ކުރަން އެންމެ ފަސޭހަ އެއް ކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެހީތެރިވެ އެމީހުން ބެލެހެއްޓުމެވެ.  

މިސާލަކަށް ކޮންމެ މީހަކީ ދިރިއުޅެން މަސައްކަތް ވެސް ކުރާނެ މީހެކެވެ. ބައިވަރު ދަރިން ތިބޭނެއެވެ. އަންތބަކުވެސް ހުންނާނެއެވެ. އަދި ގިނަ ފަހަރު އަނބިމީހާ އާއި މައިންބަފައިންނާއިމެދު މައްސަލަތަކެއްވެސް އޮންނާނެއެވެ. އެހެންކަމުން އެމީހުން ބަލަހައްޓަމުން މައިން ބަފައިން ބެލެހެއްޓުމަކީ ގިނަބައަކަށް ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަން ކުރުމުން ސުވަރުގެ ވައްދަވާނެ ކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ އެކަމުގެ ބުރަކަމަށްޓަކައެވެ.  

ގިނަ ޢާއިލާތަކުގައި ޢާއިލީ މަޞްލަހަތު ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަވާނެއެވެ. އުފެދޭ މައްސަލަތައް ހައްލުކުރަން ދައްކަން ޖެހޭ ވާހަކަތައް ވަރަށް ގިނަވާނެއެވެ. ބައެއް ފަހަރު ތިމާ ދައްކަން ބޭނުން ނުވާ ވާހަކަތައްވެސް ދައްކަން ޖެހޭނެއެވެ. ކުރަން ބޭނުން ނުވާ ކަންކަން ވެސް ކުރަން ޖެހޭނެއެވެ. މިހުރިހާ ހަނގުރާމަތަކާއިއެކު ވެސް ޢާއިލާގެ މަޞްލަހަތު ހިފަހައްޓައި މައިން ބަފައިން ރަނގަޅު ގޮތުގައި ބަލަހައްޓައިފި މީހަކަށް އެކަމަށް ދެއްވަވާނެ އަގަކީ ސުވަރުގެއެވެ.  

ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެ ކަމަށް ބަޔާން ކުރައްވަވާފައިވާ އެއްވެސް ކަމަކީ އެންމެ ދުވަހަކު ކޮށްގެން ނިމެން އޮތަ ކަމެއް ނޫނެވެ. މިސާލަކަށް ބަލާށެވެ. ފަތިސް ނަމާދުން ފަށައި ދުވާލުގެ 5 ނަމާދު ކޮންމެ ދުވަހަކު ކުރަން ޖެހެއެވެ. އެކަން ނުކުރުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. މައިން ބަފައިން ބެލެހެއްޓުމާއި އެހީތެރިވުމަކީވެސް އެންމެ ދުވަހަކު ނުވަތަ އެމީހަކަށް ފަސޭހަ ދުވަހަކު ކޮށްލައިގެން ނިމޭނެ ކަމެއް ނޫނެވެ. އެމީހުން ދުނިޔޭގައި ތިބިހައި ދުވަހަކު ޤަވާއިދުން ކުރަން ޖެހޭނެ ކަމެކެވެ.

މީސްތަކުންނޭވެ! ފޯނުން ނުވަތަ އެނޫންވެސް ގޮތަކުން މައިން ބަފައިންގެ ޙާލު ބެލުމަކީވެސް ސަވާބު ދެއްވަވާނެ ކަމެކެވެ. ނަމަވެސް އެމީހުންގެ ގާތަށް ގޮސް އެމީހުން ހިތް ހަމަޖައްސައިދިނުމުން ދެއްވަވާ ސަވާބާއި ރަޙްމަތް އެތައް ގުނައަކަށް އިތުރުވާނެއެވެ. އަމިއްލަ އަތުން ޚިދުމަތް ކުރުމުން ދެއްވްވާނެ ސަވާބާއި ރަޙްމަތްފުޅުވެސް މެއެވެ.  

ވީމާ މައިން ބަފައިން ބަލަހައްޓައި އެހީތެރިވާންވީ ޤާނޫނީ ވާޖިބު ނުވަތަ އިންސާނީ ވާޖިބު އަދާކުރުމަކަށް ނޫނެވެ. އެއީ އެއަށްވުރެ މާމަތިވެރި މަސްއޫލިޔަތެވެ. އެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާ ކުރުމުން ތިމާއަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު ﷲ ތަޢާލާ ދެއްވަވާފައިވާ ކަމެކެވެ. ވީމާ އެންމެންވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން