ފަށްކުރުމެއް!: އަބޫޛައްރުގެފާނު: ބިން އެމީހަކު އޭގެ މަތީގައި އުފުލި އަދި އުޑު އެމީހެއްގެ މައްޗަށް ހިޔާއެޅި، އެންމެ ތެދުވެރި މީހާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 31ސ
ފަށްކުރުމެއް!: އަބޫޛައްރުގެފާނު: ބިން އެމީހަކު އޭގެ މަތީގައި އުފުލި އަދި އުޑު އެމީހެއްގެ މައްޗަށް ހިޔާއެޅި، އެންމެ ތެދުވެރި މީހާ-

ޢަލީ އިޙްޞާން ފިރާޤް

 

އަބޫޛައްރު ރަޟިޔަﷲ ޢަންހަކީ ޣިފާރުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ ޖުންދުބު ބްނު ޖުނާދާއެވެ. މައިކަނބަލުންގެ ނަންފުޅަކީ ރަމްލާއެވެ. އަބޫޛައްރުގެފާނަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ބައިއަތު ހިއްޕެވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދަރަޖަ މަތިވެރި ޞަޙާބީއެކެވެ. 

ތަބޫކު ހަނގުރާމައަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ނިކުމެވަޑައިގެންނެވި ދުވަހު އަބޫޛައްރުގެފާނުވެސް މާތް ރަސޫލާއާ އެކުވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޖަމަލު ބަލިވުމުގެ ސަބަބުން އެކަލޭގެފާނު ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ލަޝްކަރުގެ މާ ފަހަތުންނެވެ. އެދުވަހު މާތް ރަސޫލާ صلّى اللّـه عليه وسلّم މީސްތަކުންނާ މުޚާތަބު ކުރައްވާ ޙަދީޘު ކުރެއްވިއެވެ. 

"އަބޫޛައްރުގެ ކިބައިގައި އެއްވެސް އެއްވެސް ހެޔޮކަމެއް ވާނަމަ، މާތް ﷲ އޭނާ އާ ތިޔަބައިމީހުންނާ ބައްދަލުކުރެވޭނެ ގޮތް މިންވަރު ކުރައްވާނެއެވެ. އޭނާގެ ކިބައިގައި އެއްވެސް ހެޔޮ ކަމެއް ނުވާނަމަ، އޭނާގެ ކިބައިން ތިޔަބައިމީހުން ސަލާމަތް ކުރައްވާނެއެވެ." 

އަބޫޛައްރުގެފާނު މަސައްކަތްޕުޅު ކުރައްވަ ކުރައްވާވެސް އެކަލޭގެފާނުގެ ޖަމަލު ކުރިއަށް ދާގޮތެއް ނުވިއެވެ. އެހެންކަމުން އެކަލޭގެފާނު އެކަލޭގެފާނުގެ ފޮށިތަންމަތި ކޮނޑުފުޅަށް ލައްވައިގެން ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ލަޝްކަރު ވަޑައިގެންނެވި ނިޝާންތައް ބައްލަވަމުން ދަތުރުފުޅު ކުރައްވަމުން ވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ދަތުރުފުޅު ކުރައްވަމުން ވަޑައިގެން މަންޒިލަކަށް ފައިބައިވަޑައިގެން މަޑުކޮށްލެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. [އެ އަންނަ މީހަކީ އަބޫޛައްރު ކަމުގައި ލައްވަވާށިއެވެ.] 

ޞަޙާބީން އެދިމާއަށް ނަޒަރު ހިންގަވައިލެއްވުމަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އެއީ ހަމަ އަބޫޛައްރެވެ.] އެ އަޑު އައްސަވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [މާތްﷲ އަބޫޛައްރަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އޭނާ ހިންގަވައިފައި އެވަޑައިގަންނަވީ އެކަންޏެވެ. އޭނާ އަވަހާރަވާނީވެސް އެކަންޏެވެ. އޭނާ މަހުޝަރު ކުރައްވާނީވެސް އެކަންޏެވެ.]

{ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 430-431}

އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހު އަކީ ޞަޙާބީންގެ ތެރެއިން ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އިސްލާމްދީނުގެ އެންމެހައި މަކާރިމްތަކަކުން ޒީނަތްތެރިވެވަޑައިގެން ހުންނެވި ބޭކަލެކެވެ. ތެދުވެރިކަމާއި، އަމާނާތެރިކަމާއި، ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި، ފަގީރުންނާއި މިސްކީނުންނަށް ހޭދަކުރެއްވުމަކީ އެކަލޭގެފާނުގެ ފާހަގަކޮށްލެވޭ ޚާއްޞަ ބައެއް ސިފަތެކެވެ. އަބޫޛައްރުގެފާނުގެ ތެދުވެރިކަމަށް ތާރީފުކުރައްވައި، މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.  

‏[ مَا أَظَلَّتِ الْخَضْرَاءُ وَلاَ أَقَلَّتِ الْغَبْرَاءُ أَصْدَقَ مِنْ أَبِي ذَرٍّ ‏"{ جامع الترمذي، كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް 4171}

މާނައީ: [ބިން އެމީހަކު އޭގެ މަތީގައި އުފުލި އަދި އުޑު އެމީހެއްގެ މައްޗަށް ހިޔާއެޅި، އެންމެ ތެދުވެރި މީހަކީ އަބޫޛައްރެވެ.]  

އަދި އިމާމު ތިރުމިޒީ ރިވާކުރެއްވި އެހެން ރިވާޔަތެއްގައި އައިސްފައިވަނީ މިދަންނަވާ އިބާރާތުންނެވެ. ބިން އެމީހަކު އޭގެ މަތީގައި އުފުލި އަދި އުޑު އެމީހެއްގެ މައްޗަށް ހިޔާއެޅި، ބަހުގައި އެންމެ ތެދުވެރި، ވަޢުދު ފުއްދާ މީހަކު އަބޫޛައްރު މެނުވީ ނުވެއެވެ. މި ސިފަތަކުގައި އެކަލޭގެފާނު އެންމެ ވައްތަރުކޮޅީ މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނާ ކަމަށް މާތް ނަބިއްޔާ صلّى اللّـه عليه وسلّم ވަނީ ޙަދީޘު ކުރައްވައިފައެވެ. {جامع الترمذي، كتاب المناقب عن رسول الله صلى الله عليه وسلم، ޙަދީޘް 4172}

އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުގެ އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އަޅުކުއްޖާއަށް ވިދާޅުވިއެވެ. [އަހަރެން މަރުއްވެޖެނަމަ ހިނަވައި، ކަފުންކޮށް، މަގުމަތީގެ އެއްފަރާތުގައި ބާއްވާށެވެ. އަދި އެތަނަށް އެންމެ ފުރަތަމަ އަންނަ ޤާފިލާގެ މީސްތަކުންނަށް މިއީ އަބޫޛައްރުގެ ގަބުރު ކަމުގައި ބުނާށެވެ.]

އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުން ވަރަށް ރަނގަޅަށް  އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅާ އަމަލުކުރެއްވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ކަފުންކުރައްވައި މަގުމަތީގައި ބޭއްވިތަނުން ޤާފިލާއެއް ދަތުރުކޮށްފައި އަންނަ މަންޒަރު އެބޭފުޅުންނަށް ފެނިވަޑައިގެންފިއެވެ. އެ ޤާފިލާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނުހަނު އަރިސް ޞަޙާބީއެއްކަމުގައިވާ ޢަބްދުﷲ ބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުވެސް ހިމެނިވަޑައިގަންނަވައެވެ. 

އެ ޤާފިލާގެ މީސްތަކުން ދަތުރުކުރައްވަމުން ވަޑައިގެން އެ ގަބުރުފުޅާ އަރާ ހަމަކުރެއްވުމުން އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [މިއީ ކޮން އެއްޗެއް ހެއްޔެވެ؟] އެކަލޭގެފާނަށް ދެންނެވުނެވެ. [މިއީ އަބޫޛައްރުގެ ގަބުރުފުޅެވެ.] އެ ވާހަކަ އިވިވަޑައިގަންނަވާއިރަށް އިބްނު މަސްޢޫދުގެފާނު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސުލާ ﷺ ޙަދީޘް ކުރެއްވީ ޙައްޤު ތެދު ބަސްފުޅެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވެއެވެ. [މާތްﷲ އަބޫޛައްރަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ. އޭނާ ހިންގަވައިފައި އެވަޑައިގަންނަވީ އެކަންޏެވެ. އޭނާ އަވަހާރަވާނީވެސް އެކަންޏެވެ. އޭނާ މަހުޝަރު ކުރައްވާނީވެސް އެކަންޏެވެ.]

އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވަރަށް ފުރިހަމައަށް އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުގެ ކަށުކަމާ ކެމީގެ ކަންތައްތައް ކުރިއަށް ގެންދެވިއެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރައްވައި ފަސްދާނުވެޑުވިއެވެ. އެކަންތައްތަކުން އަވަދިވެވަޑައިގެން އެނބުރި ވަޑައިގަންނަވާން ފެއްޓެވުމުން އަބޫޛައްރުގެފާނުގެ ދަރިކަނބަލުން އަބޫޛައްރުގެފާނު އަވަހާރަވުމުގެ ކުރީން ކުރެއްވި ވަޞިއްޔަތް ހަނދުމަކޮށްދެއްވިއެވެ. އެކަމަނާ އެ ޤާފިލާގެ މީހުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ.  

"އަބޫޛައްރު ތިޔަ ބޭކަލުންނަށް ސަލާމް ވިދާޅުވިއެވެ. އަދި އެކަލޭގެފާނުގެ ކަށުކަމާކެމީގެ ކަންތައް ކުރާ ބަޔަކު، އެކަމުން އަވަދިވުމުން އެބޭކަލުން ފަރީއްކުޅުއްވައިގެން ނޫނީ ވަޑައިނުގަތުމަށް ވަނީ ވަޞިއްޔަތް ކުރައްވައިފައެވެ." 

އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު އާއި އެކަލޭގެފާނުގެ އެކުވެރީން ފަރީކުޅުއްވައި އަވަދިވެވަޑައިގެން މައްކާއަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ފެއްޓެވިއެވެ. އެބޭކަލުން ވަޑައިގެންނެވީ އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުގެ އަހުލުއިޔާލުންވެސް ގޮވައިގެންނެވެ. އޭރު އަމީރުލް މުއުމިނީން ޢުޘްމާނު ބުނު ޢައްފާން ރަޟިޔަﷲ ޢަންހު ހުންނެވީ ޙައްޖުވެވަޑައިގެންނެވުމަށްޓަކައި މައްކާގައެވެ. އިބްނު މަސްޢޫދު އާއި އެކަލޭގެފާނުގެ އެކުވެރީން އަބޫޛައްރުގެފާނު އަވަހާރަވީ ޚަބަރު ޢުޘްމާނުގެފާނަށް ދެއްވުމުން އަބޫޛައްރުގެފާނުގެ ދަރިކަނބަލުން ޢުޘްމާނުގެފާނުގެ ބެލެހެއްޓެވުމުން ދަށަށް ގެންނެވިއެވެ.

{ޑރ. ޢަލީ މުޙައްމަދު އައްޞަލާބީ، ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 430-431}

ސިޔަރު ޢައުލާމުއް ނުބަލާއުގައި، އިމާމް ޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައިވަނީ އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހު އަވަހާރަވީ ހިޖުރައިން 31 ވަނަ އަހަރުގެ ޛުލްޙިއްޖާމަހުގެ ތެރޭގައި ކަމަށެވެ. 

އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހަކީ ޞަޙާބީންގެ ތެރެއިން ވަރަށް ޢިލްމުވެރިކަމުގައި ވަރަށް ފާހަގަކޮށްލެވޭ ޞަޙާބީއެކެވެ. ސިޔަރު ޢައުލާމުއް ނުބަލާއުގައި ބަޔާން ކުރައްވައިފައިވާ ގޮތުގައި އަބޫޛައްރުގެފާނުގެ އަރިހުން 281 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން ބުޚާރީ އާއި މުސްލިމު އިއްތިފާޤުވެވަޑައިގަންނަވާ ޙަދީޘްތަކުގެ އަދަދަކީ ބާރައެވެ. މީގެ އިތުރަށް ބުޚާރީގައި ދެ ޙަދީޘް އަދި މުސްލިމުގައި ނަވާރަ ޙަދީޘް ވާރިދުވެގެން އައިސްފައިވެއެވެ.

 

 

މިއަދު އޮންލައިން