ޤުރްއާން ކިޔެވުން ހުއްދަވާނީ ވުޟޫމަތީގެ އިނދެގެންތޯ؟
ޤުރްއާން ކިޔެވުމުގައި ތަނެއްގައި އިނދެ ޤުރްއާން ކިޔަވާނަމަ ސާފުތާހިރު އަދި އެކަށީގެންވާ ފޭރާމެއް ލައިގެން އަދި އުނދަގޫ ކަމަކަށް ނުވާނަމަ އަޢުރަ ނިވާކޮށްގެން އިނުމަކީ ޤުރްޢާން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ނަމާދަށް ޒީނަތްތެރިވާ ފަދައިން ޤުރްއާން ކިޔަވަން ޒީނަތްތެރިވަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް ކިޔާއިރު އެއީ އާދައިގެ ކަމަކަށް ނުހަދައި އަދަބުވެރިވުމުގެ ގޮތުންނެވެ.
ކުރީ ޒަމާނުގައި މީސްތަކުން ކިޔަވައި އުޅުނީ މުޞްޙަފް އުފުލައި، މުޞްޙަފްގައި ބީހި، މުޞްޙަފް ހުޅުވައިގެން މުޞްޙަފުންނެވެ. ވީމާ ވުޟޫކުރަންޖެހެނީއެވެ. ނަމަވެސް މިހާރު ގިނަ ބައަކު ފޯނުންނާއި އެނޫންވެސް އެފަދަ ވަސީލަތްތަކުގެ އެހީގައި ކިޔަވައެވެ. ވީމާ އެމީހުން އެ ކިޔަވަނީ މުޞްޙަފްގައި ބީހުމަކާއި ނުލައެވެ. އެގޮތަށް ނުވަތަ ހިތުން ކިޔަވާއިރު ވުޟޫކުރާކަށް ނުޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ސުވާލު:. ފިރިހެން ބޭފުޅުން ސޯޓް ލައިގެން އަންހެން ކަނބަލުން ބުރުގާ ނާޅާ ޛިކުރު އަދި ޤުރްއާން ކިޔަވާތަން ފެނޭ، އަޢުރަ ނިވާ ނުކޮށް ވުޟޫ ނުކޮށް ޒިކުރު އަދި ޤްރުއާން ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:.
އާދެ! ޒިކުރުކުރާއިރު ކޮންމެހެން އަޢުރަ ނިވާކުރާކަށް އަދި ވުޟޫމަތީގައި ހުންނާކަށްވެސް ނުޖެހޭނެ. ޤުރުއާން ކިޔަވާއިރުގައިވެސް ކޮންމެހެން ވުޟޫމަތީހުންނާކަށް އަދި އަޢުރަ ނިވާކޮށްފައި ހުންނާކަށްވެސް ލާޒިމުކަމެއްނޫންއެއީކީއެއް.
އެހެން ނަމަވެސް މުސްޙަފް ގައި ބީހިގެން ކިޔަވާކަމަށް ވަނީނަމަ މުސްޙަފްގައި ބީހުމަށްޓަކައި ވުޟޫކުރަން ޖެހޭނެ. އެހެނެއް ނޫން މިހާރު މީހަކު ހިތުން ޤުރުއާން ކިޔަވަނީ ނޫނިއްޔާ ފޯނުން ބަލައިގެން ކިޔަވަނީ ނުވަތަ ލިޔެފައި އޮންނަ އެއްޗެއް ބަލައިގެން އޭގައި އަތްނުލާ މިސާލަކަށް ޚަތިމް ގައި އަތްނުލައި އޭނާ ކިޔަވާކަމަށް ވަނީނަމައެއަކު އޭނާ ވުޟޫކުރުން ލާޒިމެއް ނުވޭ .
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް