ޤިޔާމަތް ދުވަހު ކަންބޮޑުވާންޖެހޭނީ ކުރެވިފައިވާ ފާފަތައް ބޮޑެތިވެ ޢަދަދު ގިނަވެގެނެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ޤިޔާމަތް ދުވަހު ކަންބޮޑުވާންޖެހޭނީ ކުރެވިފައިވާ ފާފަތައް ބޮޑެތިވެ ޢަދަދު ގިނަވެގެނެއް ނޫން!

އަޅުގަނޑަކީ ޒުވާން ޢުމުރުގައި މަސްތުވާތަކެތީގެ ބޭނުންކުރެވުނު މީހެކެވެ. އެއިރު ވަރަށް ގިނަ ފާފަތައް ކުރެވުނެވެ. އެކަންކަން ވިސްނުމުން ތައުބާވެ އިޞްލާޙްވީމެވެ. ނަމަވެސް މިހާރުވެސް މާޔޫސްވެވެއެވެ. ދެން އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯ؟  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ކުރައްވަން އޮތް ކަންތައް ތިއައޮތީ ކުރެއްވިފައެވެ. އެއީ ތައުބާވުމެވެ. ދެން ކުރަން އޮތް ކަމަކީ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިހުރުމެވެ. އެއިރުން ކުރިން ކުރެވިފައިވާތަކަކީ ކުރެވުނު ހެޔޮ ޢަމަލުތަކަށް މާތް ﷲ ބަދަލުކޮސްދެއްވަވާނެތެވެ. ވީމާ މާޔޫސްވުމެއް ނެތެވެ. އޮތީ އުފާކުރުމެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.  

ފުރަތަމަ ކަމަކަށް ވިސްނާށެވެ! އަހަރެމެން ކޮންމެ ކަމެއް ކުރަން ފަށަމުންވެސް މިކިޔަނީ   بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِއެވެ. ﷲ ތަޢާލާގެ ނަންފުޅުން ފަށަމުން ދެން ދެއްވަވާފައިވާ ދެ ނަންފުޅާއިމެދު ވިސްނައިލާށެވެ. "އައްރަޙްމާން" ގެ މާނައިގައި އެންމެހައި މީސްތަކުންނަށް ރަޙްމްކުރައްވަވާ ރަޙީމްވަންތަ ރަސްކަލާގެ ހިމެނިގެންދެއެވެ.

"އައްރަހިމް"ގެ މާނަ ޚާއްޞަ ކުރައްވަވާފައިވަނީ ﷲ ތަޢާލާއަށް އީމާންވީ މީހުންނަށެވެ. އީމާންވީ މީހުންނަށް އިތުރަށް ރަޙްމް ކުރައްވަވާ ރަޙީމްވަންތަ ރަސްކަލާނގެކަން ބަޔާން ކުރެއްވެވުމަށެވެ.   

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ ކިޔައިގެން ކޮންމެ ކަމެއް ކުރަން ފަށަންޖެހޭ ސަބަބަކީ ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ، އޯގާތެރިވަންތަ، ރަޙްމާންވަންތަ، އަދި ރަޙީމްވަންތަ ރަސްކަލާނގެކަން ހިތް މައްޗަށް ގެނެސް އެކަމަށް އީމާންވުމަށެވެ. އެކަންކަމަށް ފުރިހަމައަށް އީމާންވެގެން ހުންނަ މީހަކަށް އެއްވެސް ކަމެއްގައި މާޔޫސްވާކަށް ނުޖެހޭނެއެވެ. ކޮންމެ ނިޢްމަތެއް ވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެއީވެސް އިމްތިޙާނެއްކަން ޔަޤީން ކުރެވޭނެއެވެ. އަދި ހަމަ އެފަދައިން ކޮންމެ މުޞީބާތެއްވެސް ކުރިމަތި ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެއީވެސް އިމްތިޙާނެއްކަން ޔަޤީން ކުރެވޭނެއެވެ.  

މީގެ ދެތިން ދުވަސްކުރިން ބައްދަލުވި އެކުވެރިއަކާއިއެކު ހުރި ޒުވާނަކު ވަރަށް ދެރަވެލާފައި ސުވާލުކުރިއެވެ. "ޝައިޚް އެވެ! އަޅުގަނޑަށް ވަނީ ވަރަށް ގިނަ ފާފަތައް ކުރެވިފައެވެ. އަޅުގަނޑު ޝިރުކެއް ނުކުރަމެވެ. މީހަކު ނުމަރަމެވެ. ދެން ނުކުރެވެނީ ކޮން ފާފައެއްކަން ބުނަންވެސް އުނދަގުލެވެ. އެހައި ގިނަ ފާފަތައް ވަނީ ކުރެވިފައެވެ. އަޅުގަނޑު ހިފާ ރޯދަ ޤަބޫލުފުޅު ކުރައްވަވާނެތޯއެވެ؟"  

ޖަވާބުގައި އަހުރެން ބުނީމެވެ! "ދަރިފުޅާއެވެ! ކަންބޮޑުނުވާށެވެ! ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ އިޚްލާޞްތެރި ތައުބާވުމަކުން ތައުބާވެލުމެވެ! އެހިސާބުން ކުރީގެ ބައި އެކުގައި ފުހެވިގެން ދިއައީއެވެ. ވަގުތީ ގޮތަކުން ނޫނެވެ. ހަމަ އެކުގައެވެ. ވީމާ އަވަހަށް ތައުބާވެ ނަމާދުތަކަށް މިހާރުންސުރެ ރައްކައުތެރިވެ ރޯދަހިފަން ތައްޔާރުވާށެވެ! ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ" 

މީސްތަކުންނޭވެ! އުޑާއި ބިމާއި ދެމެދު ފުރޭވަރަށް ގިނަ ފާފަތައް ކުރެވި ލިޔެވިފައިވީނަމަވެސް ތިބާއަކީ ﷲ ތަޢަލާއަށް ޝަރީކު ނުކުރާ މީހަކު ކަމުގައިވާނަމަ، އެ ފާފަތަކުން ތައުބާވުމަށް ތިބާ މަސައްކަތްކޮށްފައިވާނަމަ އެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އެއީ އެކަލާނގެއަށް އެއްވެސް ބޮޑުކަމެއް ނޫނެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައި އަނގަވައިދެއްވަވައިފައެވެ.  

އެހެންކަމަށްވާއިރު ﷲ ތަޢާލާ ފާފަ ނުފުއްސަވައިފާނެތީ ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ޝައްކު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ގަންދީ ބުނަމެވެ. އެފަދަ ވަސްތަކަކީ ޝައިޠާނާގެ ކިބައިން ލިބެމުންދާ ވަސްވާސްތަކެވެ. އެފަދަ ވަސްވާސްތައް ޤަބޫލުނުކުރާށެވެ! ކުރެވިފައިވާ ފާފަތައް ކިތަންމެ ގިނަ ނަމަވެސް އަވަހަށް ތައުވާވާށެވެ! ފާފަތައް ފުއްސަވައިދެއްވެވުން އެދި އަވަހަށް މަސައްކަތް ކުރަން ފަށާށެވެ!

ޤިޔާމަތް ދުވަހު ކަންބޮޑުވާންޖެހޭނީ ކުރެވިފައިވާ ފާފަތައް ބޮޑެތިވެ ޢަދަދު ގިނަވެގެނެއް ނޫނެވެ. އެންމެ ކަމެއް ނުކުރެވުނީތީއެވެ. އެއީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން