ބަދަލުވަމުން މިދާ ކަންތައްތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރާ އެއްކަމަކީ މައިންބަފައިން މުސްކުޅިވާ ދުވަހު ނުވަތަ ބަލިވުމުން އެހީތެރިވެ ބަލަހައްޓައިދޭ އަންހެން ދަރިން ގިނަވާ ކަމެވެ. ޝަރުޢީ ގޮތުން ބަލަދުއަރާނީ ފިރިހެން ދަރިންނަށެވެ. އަންހެންދަރިން އެކަންކޮށްދޭނަމަ އެއީ ވަރަސް ރަނގަޅު ކަމެކެވެ. ބައެއް މީހުންނަށް ވިސްނެނީ އަންހެންދަރިންނަށް އެކަންކުރަން ވަރަށް އުނދަގޫވާނެކަމަށެވެ. އަދި ރަނގަޅަށް ނުވެސް ބެލޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެބާވަތުގެ ވިސްނުމެއް ގެންގުޅުނީ މާކުރީ ޒަމާނުގައެވެ. އެއީ އަންހެނުން އަމިއްލައަށް އާމްދަނީ ހޯދަން މަސައްކަތް ނުކޮށް ހުރިހާ ކަމަކަށް ފިރިމީހާއަށް ބަރޯސާވެގެން ތިބި ޒަމާނެވެ. މިއަދު ޙާލަތު މިވަނީ ބަދަލުވެފައެވެ. ފިރިމީހާއަށްވުރެ ގިނައިން އާމްދަނީ ހޯދާ އަނބިންވެސް އެބަތިއްބެވެ. ވީމާ ކޮންމެހެން މައިންބަފައިބަލަން ފިރިމީހާއަށް ބަރޯސާވާކަށްވެސް ނުޖެހެއެވެ. މިވާހަކަކޮޅު ބުނެލަން ޖެހުނީ ކިޔުންތެރިއެއްގެ ސުވާލަކާއި ގުޅިގެންނެވެ. އެސުވާލަކީ ފިރިމީހާއާއި ދަރިންގެ ކަންކަން ކުރަމުން މައިންބަފައިން ބެލޭނެތޯއެވެ؟ އެކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! އެއިރުން އެކަނބަލުންގެ ހިތްވަރުގަދަކަން ވިސްނިލައްވާނެއެވެ. މަންމާ އެވެ! މަންމަދެކެ ވަރަށް ލޯބިވަމެވެ. މަންމަ އުފުލި ބުރަ އިޙުސާސް ކުރަމެވެ. މީގެ އަހަރުތަކެއް ކުރިއެވެ. ފުރަތަމަ ކައިވެނި ކުރީ އާއިލާގެ ނުރުހުމުގައެވެ. ނަމަވެސް އޭރު އެނޫން ގޮތެއް ނެތީއެވެ. ވަރަށް ކުޑަ އިރު މައިންބަފައިން ވަކިވެ، އުޅެން ޖެހުނީ ހަލަބޮލި ދިރިއުޅުމެކެވެ. މަންމަ ބުރަ މަސައްކަތް ކުރަނީ ލިބިފައި ތިބި ދަރިންނަށް ކިޔަވައިދީ އަމިއްލަ ފައި މައްޗަށް ތެދުކުރެވޭތޯއެވެ. ބައްޕަ އެހެންމީހަކާއި އިދެގެން އުފަލުގައި އުޅެއެވެ. މާލޭގެ އެ ދިރިއުޅުން ވެސްވީ ބޮޑު އިމްތިޙާނަކަށެވެ. ކިޔެވީ އަމިއްލަ ސްކޫލަކުންނެވެ. އެއިރު ކަންކަން ހުންނަގޮތުން ފީ ނުދެއްކިގެން އެތައް ދުވަހަކު ކުލާހުން ބޭރުގައި ބަހައްޓައެވެ. މަންމައަށް އެވަރަށް ނުލިބެއެވެ. ބައްޕަ އަށް ގުޅީމަ ހިތުހުރިހާ އެއްޗެއް ކިޔާފަ ފީދެއެވެ. ކައިބޮއިހެދުމުގެ ވާހަކަ ރަނގަޅީ ނުދެއްކިޔާއެވެ. މަހެއްގެ މައްޗަށް 150 ރުފިޔާ ބައްޕަ ދެއެވެ. އިތުރަށް ހޯދަން ގުޅިއަސް ފޯނެއް ނުނަގައެވެ. މީހުން ކައިރީގައި ކިޔަނީ ވަރަށް ލޯބިން ގެންގުޅޭ ދަރިން ކޮޅެކެވެ. އެކަމަކު 3 މަހުން އެއްފަހަރު ކަހަލަ ގޮތަކަށް ދެކިލަން ނަމުގައި އާދެއެވެ. އަންނަނީ ކަލަ ގޮވާށެވެ. ހުރިހާ އުފާތަކުން މަހުރޫމް ކުރަން ދުނިޔެމަށްޗަށް އައިސް ތިބި ދަރިންކަން ހަނދާން ކޮށްދޭށެވެ. ދިރިއުޅޭތަން ކުއްޔަށް ހިފާފައި ހުންނަނީ ވެސް ބައްޕައެވެ. އިތުރު ކައިވެންޏެއް ނުކޮށް މަންމަ ހުރީ މި 4 ދަރިންގެ ޙައްޤުގައެވެ. އޯލެވެލްގައި ރަނގަޅު ނަތީޖާއެއް ނުލިބި ކިޔެވުން ނިމިއްޖެއެވެ. އިތުރަށް އެންމެ ޚަރަދެއް ވެސް ނުކުރާނެ ކަމަށް ބުނެ ބައްޕަ އިންޒާރު ދޭން ފަށައިފިއެވެ. އޭރު އަމިއްލަ ތަނަކުން ކޯހެއްވެސް ހަދަން ފަށައިފީމެވެ. މަންމަ ގެ ބުރަ މަސައްކަތުންނެވެ. އިތުރަށްކިޔަވަން ބޭނުން ވާކަމަށް ބައްޕަ ކައިރީގައި ބުނުމުން ބުނީ ތީ ކިޔެވޭނެ މީހެއް ނޫންކަމެވެ. މީހަކާއިނަސް ތިއަށް ވުރެ މާ ރަނގަޅުވާނެ ކަމަށެވެ. ވަޒީފާއެއް ލިބޭތޯ ހިތްވަރު ކުރީމެވެ. އެއްވެސް ވަޒީފާއެއް ނުލިބުމުން މީހަކާއިނީމެވެ. އެއްބަނޑަށް ތިބި ފިރިހެނުންނަށް ބޮޑު އުދަގުލަކަށް ވާން ނޭދޭތީއެވެ. ދިމާލަށް ބުނެލާ ބަސްބަހުން ހިތަށް ކެތް ނުވީމައެވެ. ފިރިމީހާވީ ވަރަށް ނުބައި ފިރިއަކަށެވެ. ޚަރަދެއް ނުކުރެއެވެ. ދީނުގެ އެއްވެސް ކަމެއް ނުކުރެއެވެ. ހިލޭ އަންހެނުން ކައިރިއަށް ދިއުން ވެސް އެވަރެއެވެ. އެކަމަކު ވަރި ކުރާކަށް ބޭނުން ނުވެއެވެ. އަހަރެންގެ ބުރުގާ ނާޅާ ފޮޓޯތައް ވެސް ރައްޓެހިންނަށް ދައްކާހަދަނީއެވެ. އޮރިޔާން ފިލްމު ބެލުން ޙައްދުން ނައްޓާފައެވެ. އޭނަގެ ކޫލް ލައިފްސްޓައިލާ ނުގުޅެނީޔޯލައެވެ. އެކަން އެގުނު ހިސާބުން ވަރި އަށް އެދުނީމެވެ. ވަރިނުކުރަން ގަދަ ދައްކާފައި އެނޫން ގޮތެއް ނެތުމުން ވަރި ކޮށްދިނެއެވެ. އެކަމާ އަހަރެން ވަރަށް އުފާވެސް ވިއެވެ. އިއްދަ ހަމަ ވިތަނުން މިހާރުގެ ފިރިމީހާ އިންނަން އެހުމުން އިސްތިހާރާ ނަމާދުކޮށްގެން ކައިވެނި ކުރީއެވެ. އަދި ފިރިމީހާއާއި އެކު އޭނަގެ ރަށައް ވަގުތުން ބަދަލު ވީމެވެ. މެދު ރާއްޖެތެރޭގެ ރަށަކަށެވެ. މިއަދު އަތުގައި މާސްޓާރސްވެސް އެބަ އޮތެވެ. މި އުޅެނީ ސަރުކާރު ވަޒީފާގައެވެ. މަންމަ ވެސް އަހަރެން ކައިރިއަށް ގެނެސްފީމެވެ. ގުދާރު ބިންދައިގެން ބަލާ ބޮޑުކުރި ދަރިންގެ ވިހަ ބަސްތަކުން ސަލާމަތް ކުރުމަށެވެ. ހިތަށް އެރިއްޔާ އެ މައިމީހާއަށް ގުޅައެވެ. އެ 4 ދަރިންގެ ވެސް ވިހަގަދަ ބަސްތައް ކަނުލާ އެމައިމީހާ އަހައެވެ. މަންމަ އިނަންޖެހޭނީ އެމީހުން ކައިރީގައި ކަމެއެވެ. ވާނީވެސް އެހެންތާއެވެ. އަދި ގައިގައި ވަރު އެބަހުއްޓެވެ. 50 ގެ އަހަރުތައް މަންމަ ދަނީ ގުނަމުންނެވެ. އަހަރެންގެ 2 ކުދިން އަހަރެންގެ މަންމަ ނުބަލާ ވާހަކައެއް ނުބުނަމެވެ. އެކަމު އެ މަންމައަށް ހެކޮށް ހިތަނީ ކޮންދަރިއެއް ކަން މިއަދު އެ މަންމަ އަށް އެނގޭނެއެވެ. ތި 4 ދަރިންނާއި އެކު އެ މަންމަ ދރިއުޅުނެވެ. ހެދުނުގޮތް ނިކަން ވިސްނާލާށެވެ. ހުއްޓާ ނުލާ ކޮސް އަނގަ ތަޅާ މަންމަ އެކެވެ. ބޭކާރު ވާހަކަ މާ ގިނަ މަންމަ އެކެވެ. މިއީ ތި 4 ދަރިން މަންމަ ސިފަ ކުރާގޮތެވެ. ބައްޕަ އަށް ގުޅާ ހަދަމެވެ. މިހާ ބުރަ މަސައްކަތުން ކިޔެވުނީމަ މި ދަރި ފެނިއްޖެއެވެ. ކުރީގެ ފިރިމީހާ ދެއްތޯއެވެ. އަހަނަށްވުރެއް ރީތި، ޅަ، ތަޢުލީމީ ބިކުރުވެރި އަކު ހޯދާނަމޭ ވަރި ކުރި ދުވަހު ބުންޏެވެ. އޭރު އަހަރެނަށް 22 އަހަރެވެ. 2 ކުދިން ގެ މަންމަ އަކާއި އިދެގެން މިހާރު 5 ކުދިން ވެއްޖެއެވެ. 2 ކުދިންގެ މަންމަ އޭ މިތާގައި މި ބުނީ މަލާމާތް ކުރުމަށް ނޫނެވެ. އަހަރެން އޭނައާއި އިދެގެން ހުރި އިރު ކުރީގެ ފިރިމީހާއާއި ނަހަމަ ގުޅުން ބޭއްވީތީއެވެ. ޒުވާބު ބޮޑު ތި ދިރިއުޅުން އާރާސްތު ނުވީތީ އަމިއްލަ އަށް ވިސްނާލާށެވެ. ބައްޕާ އެވެ. ވަރަށް ހިތްދަތިކަން ދިނީމުއެވެ. ދޮންމަންމާއެވެ. މި ދިރިއުޅުން ހަލާކު ކޮށްފައި އުފަލެއް ނުލިބި ބައްޕަގެ ގޯސްވާހަކަ ދައްކަން ނުގުޅާށެވެ. ބޭވަފާތެރިއެއްގެ ރޯލު ބައްޕަ ކުޅެން ޖެހުނީ ދޮންމަންމަ އާއި ހެދި ނޫން ހެއްޔެވެ. މަންމަ ފަގީރު ވުމުން މަލާމާތްވެސް ކުރީމެ ނޫން ހެއްޔެވެ. ތި މުއްސަނދި ކަމުން ބައްޕަ އިސްލާހު ނުކުރެވުނު ނޫން ހެއްޔެވެ. އެކަމަކު އެއްވާހަކަ ބުނެލާނަމެވެ. ބައްޕަ ވަރަށް މަންމަ އާއި ވާހަކަ ދައްކަން ބޭނުމެވެ. އެކަމަކު މަންމަ ބައްޕައެއް ބޭނުމެއް ނޫނެވެ. އެއްބަނޑު އެއްބަފާ އަޚުންނޭވެ. މި މުޞީބާތެއްފަދަ އުޚުތު ކަމަކު ކިޔަންވެސް ނުދާނަމެވެ. އިންޝާ ﷲ. އަދި ބުރައެއް އުފުލަން ނުޖެހި މި ހިސާބަށް އާދެވުނީތީ ޙަމްދު ކުރަމެވެ. އެއްބަނޑު އެއްބަފާ އުޚްތުންނޭއެވެ. ތި ވެސް މަންމައިންނެވެ. މަޔަކަށް ތިވަރު ކުރަން ހެޔޮނުވާނެއެވެ. ތި ދަރިން މަންމަ އާއި މެދު ވަރަށް އިހާނެތިކޮށް ކަންތައް އެބަ ކުރަމުއެވެ. ހިލޭ މީހުންގެ ލޮލަށް ހާދަހާވާ ރަނގަޅެވެ. އެކަމަކު އެ މައިމީހާ ރޮމުން އެ ދުޢާ ކުރަނީ ތެދުމަގު ދައްކަވާތޯއެވެ. އަހަރުމެން 5 ދަރިން ބަލަން މަންމަ ވީ ޤުރުބާނީ ތިކަހަލަ މަތީފެންވަރުގެ ދަރިންނަށް ނުވިސްނޭނެއެވެ. މަންމާ އެވެ. އަހަރެން ބަލާބޮޑުކުރަން ވަރަށް ބުރަ އުފުލައިފީމެވެ. އަދިވެސް އަހަރެންގެ ފުށުން ބުރަ ލިބޭނަމަ މާފް ކޮއްދެއްވާށެވެ. ހުރިހާ ހިތާމަތަކެއް މަންމަ އާއި އެކު އުފުލާނީ މިދަރިއެވެ. އިން ޝާ ﷲ (މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު އޭނާގެ އަމިއްލަ ޢިބާރާތުން ލިޔމިއަދުނޫހާއި ޙިއްޞާކޮށްފައިވާ ލިޔުމެކެވެ.)