"ބައެއް މީހުން މިސކިތުގެ ދަރުންވަންނަ ގޮތަށް ފަހަތު ސފުގައި ހުއްޓިހުރެ އެބަ ޙަރަމްބަނދެއެވެ. 2،3 މީހުން އެގޮތަށް ޙަރަމްބަނީމާ ދެން މިސްކިތަށް އަރަންވެސް އޮންނަނީ އުނދަގޫވެފައެވެ. އޮންނަނީ ސުންނަތްވެސް ނުކުރެވިފައެވެ."
މިއީ އެންމެންގެ ސަމާލުކަމަސް ގެނެސްދޭން ކިޔުންތެރިއަކު އެދިފައިވާ ކަމެކެވެ. ވީމާ އެދެނީ ތިރީގައިވާ ގުޅުންހުރި ލިޔުން ވިދާޅުވެލެއްވުމެވެ.
ކޮންމެ ނަމާދަކަށްވެސް ވަގުތު ޖެހުމުގެ ކުރިން މިސްކިތަށް ގޮސްތިބޭ ބައަކު އުޅެއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. މައްސަލައަކަށްވަނީ ގިނަ މީހުން ތިބެނީ އެކި ދިމާލުގަ އެކި ސަފުތަގައި ކަމަށްވެފައި ކުރީ ސަފުތައް ފުރަން ސަމާލުކަން ދެނީ މަދުބައަކު ކަމެވެ. މިސްކިތް ފުރޭނެކަން އެނގޭއިރުވެސް ކައިރިކައިރީގައި ނުތިބޭކަމެވެ.
އެހެން ތިއްބާ ބަންގިގޮވީމާ އެމީހަކު ހުރި ތަނެއްގައި ހުރެ ސުންނަތްކުރަން ފަށަނީއެވެ. ނަތީޖާއަކަށް ވަނީ އެމީހުން ހުރަސްކޮށް ނުވަތަ ކުރިކަނޑައި ދެވެން ނެތިގެން ފަހުން އަންނަ މީހުންނަށް މިސްކިތަށް ނޭރޭކަމެވެ. ސުންނަތް ނުކުރެވޭކަމެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިސްކިތަށް ކުރިން ދެވޭ މީހުން ކުރީ ސަފުތައް ފުރަންވާނެ އެވެ. އެންމެ ކުރީސަފުން ފެށިގެންނެވެ. ހުހަށް ބަހައްޓަންވީ އިމާމް އާއި މައުމޫމްގެ ޖާގަ އެކަންޏެވެ.
(އެހެނީ މައުމޫމުންނަށް ތިބެން ޖެހޭނީ އިމާމްމީހާއަށް ކަމެއް ދިމާވެއްޖެނަމަ އިމާމްވެ ނަމާދުކުރެވޭވަރުގެ މީހުންނެވެ. އަދި އިމާމަ މީހާއަށް ކުށެއް ކުރެވިއްޖެނަމަ އަންގައިދެވޭވަރުގެ މީހުންނެވެ. އަޑުއަހަރުކޮށް ކިޔަވާއިރު އިމާމް މީހާއަށް ކުށެއް ކީއްޖެނަމަ ރަނގަޅުކޮށްދެވޭވަރުގެ މީހުންނެވެ.)
ސުތުރާ ނުލައި ނަމާދުކުރާއިރު ފަހުން އަރާ މީހުންނަށް ޖާގަހުސްކޮށްދޭން ނުވިސްނައި އެމީހަކު ހުރިތަނެއްގައި ހުރެގެން ޙަރަމްބަނީމާ ފަހުން އަންނަ މީހުންނަށް ސުންނަތް ނުކުރެވުމަކީ ވަރަށް ދެރަކޮށް މެދުވެރިވާ ކަމެކެވެ.
ނަމާދަށް ސަފުހަދަން އޮތީ ސަފަކަށްފަހު ސަފެކެވެ. ފުރަތަމަ ފުރާލަންވީ ފުރަތަމަ ސަފެވެ. ދެން ދެވަނަ ސަފެވެ. ދެން 3 ވަނަ ސަފެވެ. މިސްކިތް ފުރާލަން އޮތީ އެފަދައިން ސަފަކަށްފަހު ސަފެކެވެ. ވީމާ ފުރަތަމަ މިސްކިތަށް ދެވޭ މީހުން އެކަމަށް ސަމާލުކަން ދީގެން ސަފުތައް ފުރަމުން ގެންދިއުމުގެ މުހިންމުކަން މި ޙަދީޘފުޅުން އެނގިގެންދެއެވެ.
“Complete the first row, then the next one, and if there is to be any incomplete row let it be the last row.”
(Ahmad, Abu Dawood- Saheeh by al-Albaani)
މިއީ ގިނަ ބައަކަށް ސަމާލުކަން ނުދެވޭ، އެހެނަސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައިވާ ކަމެކެވެ. އެކަމަށް ސަމާލުކަން ނުދިނުމުން ރަމަޟާން މަހު ގިނަ ބައަކު ޖަމާއަތަށްދާތީ ވަރަށް ގިނަ ދަތިތައް ކުރިމަތިވެއެވެ.
އެންމެ ބޮޑަސް ދެރަވާންޖެހެނީ މިފަދަ މައްސަލަތަކުގެ ވާހަކަ ހުކުރު ޚޠުބާގައި ގެނެވޭލެއް މަދުކަމެވެ. ހުކުރަށް ގޮސް ތިބޭ ނަމާދުކުރާ މީހުންނަށް އަނގައިދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދީ ހުކުރަށް ނުގޮސް ނިދަންތިބޭ މީހުންނަށް އަޑުއިއްވަން ކިޔާ ވާހަކަތައް ގިނަކަމެވެ.