ބައެއް މީހުން ސުންނަތް ރޯދަތައް ނުހިފައި ތިބެގެން ބުނަނީ މަސައްކަތްކުރަންޖެހޭތީ ބުރއަކަށްވަނީ ކަމަށެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ ސުންނަތް ރޯދަހިފަން އޮތީ ހަމައެކަނި އެއްވެސް މަސައްކަތެއް ނުކޮށް މުޅި ދުވަހު އަރާމުކުރަން ލިބޭނެ ދުވަސްތަކުގައި ކަމަށެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ.
އެއްވެސް މީހަކަށް 14،15 ގަޑިއިރު ނުކައި ނުބޮއިހުރުމަކީ ކުރަން އެހައި ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް ރޯދަ ހިފުމުން ތިމާއަށް ލައްވަވާ ރަޙްމަތުގެ ބޮޑުކަން ހިތަށްއަރާނަމަ އެއީ ބުރައެއް ކަމަކަށް ނުދެކޭނެއެވެ.
"--- ތިއަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިއަބައިމީހުން ޠޯހިރު ކުރެއްވުމަށާއި، ތިއަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢްމަތް ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިއަބައިމީހުން ޝުކުރު ކުޅައުމަށްޓަކައެވެ." (މާއިދާ: 6)
ﷲ ތަޢާލާ އީ ރަހްމާންވަންތަ ރަޙީމްވަންތަ އިލާހް ކަމުގައިވާއިރު މީސްތަކުންނަށް ދަތި އުނދަގޫ ކަންތައްތަކާއި މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ކީއްވެގެން ކަމާއިމެދު ސުވާލު އުފައްދާ ފަރާތްތަކަށް މި އާޔަތުގައި އެއޮތީ ފުރިހަމައަށް ޖަވާބު ލިބޭށެވެ! ވީމާ އިސްލާމް ދީނާއި މެދު ޝައްކުތައް އުފައްދުވަން ކުރެވޭ މަސައްކަތްތައް އެއްވެސް ވަރަކަށް ބަލައި ނުގަންނާށެވެ! އެކަންކަމަށް ކީރިތި ޤުރްއާނުން މިއޮތީ ޖަވާބު ލިބޭށެވެ!
މީސްތަކުންނަށް ދަތިކުރުމުގެ މަޤްޞަދުގައި އެއްވެސް ކަމެއް އިސްލާމް ދީނުގައި އައިސްފައެއް ނުވެއެވެ. އިސްލާމް ދީނުގައިވާ އެއްވެސް ކަމަކީ ތަކްލީފެއް ކަމަށް ބުނާނަމަ އެހެން އެބުނަނީ އިސްލާމް ދީނުގައިވާ ލުއި ފަސޭހަ ގޮތްތައް ނުއެނގޭތީއެވެ. މިކަމުގެ ޔަޤީންކަން ލިބިގެންދަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުންނެވެ.
"ﷲ، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ.---) (ބަޤަރާ: 286)
ވީމާ އިސްލާމް ދީނަކީ ތަކްލީފްތަކުން ފުރިގެންވާ ދީނެއް ކަމަށް ބުނެ ފަތުރާ ވާހަކަތައް ޤަބޫލުކުރުމެއް ނެތެވެ. އެފަދަ ވާހަކަތައް އަޑު ނުއަހާށެވެ! އަދި ބަލައިވެސް ނުގަންނާށެވެ! އެފަދަ ވާހަކަތަކަސް އެއްވެސް ވަރަކަށް ސަމާލުކަން ވެސް ނުދޭށެވެ!
އިންސާނުންނަށް ކުރިމަތި ކުރައްވަވާ ކޮންމެ ކަމެއްވެސް ކުރިމަތި ކުރައްވަވަނީ މީސްތަކުން ޠޯހިރު ކުރެއްވެވުމަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން