މިކަންކަމަށް ސަމާލުކަންދީފިނަމަ ތިބާއާ ޤުރްއާނާ ދާނީ ގުޅުން ބަދަހިވަމުން! ގޭތެރޭގަވެސް އޮންނާނީ ހަމަޖެހުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މިކަންކަމަށް ސަމާލުކަންދީފިނަމަ ތިބާއާ ޤުރްއާނާ ދާނީ ގުޅުން ބަދަހިވަމުން! ގޭތެރޭގަވެސް އޮންނާނީ ހަމަޖެހުން! އިން ޝާ ﷲ

އަޅުގަނޑުމެންގެ ތެރެއިން ނަމާދުކުރާ ގިނަމީހުންނަށްވެސް އޮންނަނީ ޤުރްއާނާއި ގުޅުން ބަދަހިނުކުރެވިފައެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ކީރިތި ޤުރްއާނާއި ގުޅުން ބަދަހިކުރުމުން ކުރާނެ ފައިދާތައް ވަރަށް ގިނައެވެ. އެކަމަށް އެދޭމީހާ މިކަންކަމަށް ސަމާލުކަންދޭށެވެ!  

1 ގަދަވެ ހެޔޮޙާލުގައި ހުރިނަމަ ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް މަސައްކަތްތަކެއް ކުރަންޖެހޭނެ މީހެކެވެ. އެކަންކަމަށް ވަގުތު ތާވަލުކުރާ އުޞޫލުން ޤުރްއާން ކިޔެވުމަށްވެސް ވަގުތުކޮޅެއް ތާވަލުކުރާށެވެ.  

2 މަސައްކަތް ހުންނަ ގޮތުން އެއްފަހަރާ ގިނަ ވަގުތުތަކެއް ހޭދަނުކުރެވޭ މީހާ ކޮންމެ ނަމާދަކަށްފަހުގައިވެސް ކޮންމެވެސް މިންވަރަކަށް ކިޔަވާށެވެ.  

3 ގޭގައި ޤުރްއާން ކިޔަވާނަމަ ގޭތެރޭގެ ހަލަބޮލިކަން ކުޑަ ވަގުތުތަކަށް ސަމާލުކަންދޭށެވެ. އެހެނީ ކީރިތި ޤުރްއާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. ވީމާ ކިޔަވަންވާނީ އަވަސް އަރުވާލައި ނުވަތަ ތެޅިފޮޅިގަނެގެނެއް ނޫނެވެ. ކިޔަވާ އެއްޗެއް ތިމާގެ ވިސްނުމަށް ގެނެވޭނެ ގޮތަކަށެވެ.  

4 ގޭގައި އުޅެނީ ހަމައެކަނި ތިމާ އާއި އަމިއްލަ ޢާއިލާ ނަމަ ޤުރްއާން ކިޔަވާ ވަގުތަކީ އެންމެން އެކުގައި ތިބެ ކިޔަވާނެ ވަގުތަކަށް ހަދާށެވެ. އެއިރުން ބޭކާރު އަޑުތައް އިވުމުން ސަލާމަތްވެވޭނެއެވެ.  

5 ޤުރްއާން ކިޔެވުމަކީ ވަގުތުވާވަރަކުން ކުރާކަމަކަށް ނުހަދައި އެއީވެސް ކުރާ އެހެން ކަންކަން ފަދައިން ވަގުތު ހޯދައި ވަގުތު ކަނޑައަޅައިގެން ކުރާ ކަމަކަށް ހަދާށެވެ.  

6  ޤުރްއާން ކިޔަވަން އިށީންނަންވާނީ ސިކުނޑިން އެހެންކަންކަން ބޭރުކޮށްލައިގެންނެވެ. ސިކުނޑި އެކަމަށް ހުސްކޮށްލައިގެންނެވެ.

7 ޤުރްއާން ކިޔަވާ ވަޤުތު އެންމެ ރަނގަޅީ ފޯނު ފްލައިޓް މޯޑްގައި ބޭއްވުމެވެ. ފޯނުކޮށްފައި މީހުން ދައްކާ ވާހަކަތައް އަޑުއަހާނަމަ އެކަމަށް ފަހުންވެސް ވިސްނޭނެތީއެވެ.  

8 ޤުރްއާން ކިޔަވަން އިށީނދެ ފުރަތަމަ ކަމަކަށްވެސް އަޢޫޛް ބިސްމި ކިޔަވައި ކިޔަވާ އެއްޗެއް ތިމާއަށް ފަހުމްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ. އަދި ކިޔަވައި ނިމިގެން އެ ޢަމަލު ޤަބޫލުފުޅު ކުރެއްވެވުން އެދިގެން ދުޢާކުރާށެވެ.  

9 ވީހައި ގިނައިން ޤުރްއާނުގެ މާނަކިޔައި މާނައާއިއެކު އަޑުއަހަންވެސް މަސައްކަތްކުރާށެވެ.  

10 ލޮލަށް ފެނުމުގެ ބާރު ލިބިފައިވާ މިންވަރަށް ބަލައި ކިޔަވަން އެންމެ ފަސޭހަ ސައިޒުގެ އަކުރުން ލިޔެފައިވާ ޚަޠިމަކުން ކިޔަވާށެވެ. ފޯނުން ކިޔަވާނަމަ ފަސޭހަ ސައިޒަކަށް ފޮންޓް  ބަހައްޓާށެވެ.  

11 ކޮންމެ ދުވަހަކުވެސް ކިޔަވާނެ މިންވަރެއް ކުރިން ކަނޑައަޅާށެވެ. އެދުވަހަކު ކިޔަވަން ޖެހޭ ބައެއް އަނެއް ދުވަހަށް ނުބާއްވާށެވެ! މަދުވެގެން ރަމަޟާން މަސް ނިމެންވާއިރަށް މާނަކިޔަމުން 1 ޚަތިމް ކުރަން މަސައްކަތްކުރާށެވެ.  

މިކަންކަމަށް ސަމާލުކަންދީފިނަމަ އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ. އިން ޝާ ﷲ  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން