ދަރިން މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އަދި މައިންބަފައިން އެންމެ ދެރަވާނެ ގޮތަށް އުޅެމުންދާ ކަމުގެ ޝަކުވާ ލިބުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ފުންކޮށް ވިސްނަވައިލެއްވުމެވެ.
"ދަރިފުޅާއެވެ! ދަރިފުޅު ތިއަކުރީ ވަރަށް ދެރަ ކަމެކެވެ. ﷲ ތަޢާލާ ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ ކަމެކެވެ. ދަރިފުޅު ތިއަފަދަ ކަމެއް ކޮށްފާނެ ކަމަށް މަންމަމެން ހީވެސް ނުކުރަމެވެ. އަވަހަށް ތައުބާވެ އިޞްލާޙްވާށެވެ!" މި މޭރުމުން ދަރިންނާއި ދިމާއަށް ބުނަން ޖެހެނީ މަދަކުން ނޫނެވެ.
"ލޯބިވާ މަންމާއެވެ! ލޯބިވާ ބައްޕާއެވެ! ތިއަ ނަޞޭޙަތްދޭން މިއަދު މިއީ ދެން ކޮން ދުވަހެއް ހެއްޔެވެ؟ މިހުރިހައި ދުވަހު މަންމަމެން، ބައްޕަމެން ކޮބައިހެއްޔެވެ؟ އެންމެ ދުވަހަކުވެސް އަހަރެމެންނާއިއެކު އިށީނދެ ވާހަކަދައްކައިލާނެ ވަގުތުކޮޅެއް ލިބުނު ހެއްޔެވެ؟ ނަޞޭޙަތެއް ދިނިން ހެއްޔެވެ؟ އެކުގައި ތިބި ނަމަވެސް އަބަދުވެސް ތިބެނީ ފޯނާއި ކުޅެން ނޫން ހެއްޔެވެ؟ ވީމާ އަހަރެމެން ދަރިންނަށްވުރެ މުހިންމުވީ ފޯނު ނޫން ހެއްޔެވެ؟ ވީމާ މިއަދު ތިއަ ވާހަކަތައް ވެސް ފޯނާއި ދައްކާށެވެ!"
ދަރިން މިމޭރުމުން ޖަވާބު ދިނީމާ ދެން ބުނެވެން އޮތީ ކީކޭހެއްޔެވެ؟ މިއީ ނުހިނގާ ކަންކަމެއް ނޫނެވެ. ހިނގަމުންދާ ކަންކަމެވެ. ތަކުރާރުވަމުންދާ މައްސަލަތަކެވެ.
ނިކަން ބުނެބަލާށެވެ! ދަރިއަކު މިމޭރުމުން ޖަވާބު ދީފިނަމަ، މައިންބަފައިންނަށް އެ ޖަވާބު އަލިފާނަށްވުރެ ހޫނު ނުވާނެ ހެއްޔެވެ؟ އެ ގަދަ ހޫނުގައި އަނދައިގެން ނުދާނެ ހެއްޔެވެ؟ ދެން މިދޭ ނަބޭޙަތްކޮޅުގެ އަޑުއަހައި އަމަލުކޮށްފިނަމަ ސަލާމަތް ވެވިދާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދަރިންނާއިއެކު ހޭދަކުރާ ވަގުތު ފޯނަށާއި އެހެން ކަންކަމަށް ސަމާލުކަން ނުދޭށެވެ. ކޮންމެހެން ޖަވާބު ދޭން ނުޖެހޭ ފޯނަކަށް ނޫނީ ޖަވާބު ނުދޭށެވެ. އެފަދަ ހާލުގައި ވެސް ދަރިން ގާތު ބުނެލާފައި ފޯނަށް ޖަވާބުދޭށެވެ. އެއީ ދަރިންގެ ހުއްދަ ހޯދަން ޖެހޭ ކަމަށްވާތީއެއް ނޫނެވެ. ރިވެތި ގޮތަކީ އެއީއެވެ. މައިން ބަފައިން ދަރިންނަށް ދޭ ސަމާލުކަން އިހްޞާޞް ކުރެވޭނީ އެއިރުންނެވެ.
ލޮބުވެތި މައިން ބަފައިންނޭވެ! ދަރިންނަކީ ތިއަބައިމީހުންނަށްޓަކައި ﷲ ތަޢާލާ ދެއްވެވި އެންމެ ބޮޑު އެއް ހަދިޔާއެވެ. އަމިއްލަ އަތުން ފެންދީ ހެއްދި ގަހުގައި އެޅި ތާޒާމޭވާއެވެ! ބަގީޗާގައި ފުޅުނު އެންމެ ރީތިމާތަކެވެ. މާތައް ފޮޅުމުން ފެން ދިނުން މަދުކުރީމާ ބަގީޗާ އަނަރޫފަވާނެއެވެ. ގަސްތައް މަރުވެ ހިނގައިދާނެއެވެ. އަލުން ދިރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ދަރިންގެ މިސާލަކީވެސް ހަމައެއީއެވެ. އެކުދިންނާއި އަޅައި ނުލުމުން އެކުދިންގެ ހިތުގެ ލޯބި ތިއަބައިމީހުންނަށް ގެއްލިގެންދާނެއެވެ. އެހިސާބުން އަނބުރައި ހޯދުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ.
--މުފްތީ މެންކުގެ ދަރުސަކުން