މުސްލިމުންނަށް އާޚިރަތް ދުވަހާއިމެދު ވިސްނައި
ނުލެވެނީ، ބިރުވެތިނުވެވެނީ އެދުވަހުގެ ކަންކަން ނުއެނގޭތީއެއް ނޫނެވެ. ޞިރާޠު މަގު ހުރަސްކުރެވިގެން ނޫނީ ސުވަރުގެ ނުލިބޭނެ ކަމާއި މީޒާނުގައި ހެޔޮ ޢަމަލުތަކުގެ ކޮޅަށް ބުރަކުރެވިގެން ނޫނީ ސުވަރުގެ ނުވައްދަވާނެކަން އެއީ އެއްވެސް މުސްލިމަކަށް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ.
އެމީހަކަށް ދެއްވެވި ނިޢްމަތްތައް ބޭނުން ކުރި ގޮތަކާއިމެދު ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސުވާލު ކުރައްވަވާނެތެވެ. މިއީ އާދައިގެ މައްސަލައެއް ނޫނެވެ. ޢިލްމުވެރިން ބަޔާން ކުރައްވަވާގޮތުގައި މީހަކަށް ދެއްވެވި ބޯފެންފޮދާއި ކަދުރު އޮށްކޮޅާއި އަދި މިނޫންވެސް މިފަދަ ތަކެއްޗާއިމެދު ވެސް ސުވާލު ކުރައްވަވާނެތެވެ. އެހެންކަމަށްވާއިރު މިހާރު ދުނިޔޭގައި މިއުޅޭ މުއްސަނދި ފުދުންތެރިންނަށް ކުރިމަތިކުރައްވަވާނެ ސުވާލުތަކާއިމެދު ނިކަން ވިސްނައިލަބަލާށެވެ.
ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިވެސް ސުވާލުތަކެއް ކުރައްވަވާނެއެވެ. މަސްއޫލިއްޔަތެއް ޙަވާލު ކުރެއްވެވި ހަމަ ކޮންމެ މީހަކާއިވެސް އެމީހަކާއި ހަވާލުކުރެއްވެވި މަސްއޫލިއްޔަތު އަދާކުރި ގޮތަކާއިމެދު ސުވާލު ކުރައްވަވާނެއެވެ. އެއިގެ ތެރޭގައި ރަސޫލްބޭކަލުންވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮންމެ މީހަކާއި ވަކިވަކިން ކުރައްވަވާ ސުވާލުތައް ކުރައްވަވައި ނިމެންދެން މަލާއިކަތް ބޭކަލުން މީހުން ހިފަހައްޓަވާނެތެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅަށެވެ. ޤިޔާމަތް ދުވަހު ކުރައްވަވާނެ ބައެއް ސުވާލުތައް ރަސޫލް (ﷺ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެއީ މީސްތަކުން އެކަންކަމާއިމެދު ވިސްނައި ފިކުރުކުރުމަށެވެ. އަމަލުތައް އިޞްލާޙްކުރުމަށް އެހީތެރިވެދެއްވުމުގެ ގޮތުންނެވެ.
ސްވިޗަކަށް ޖައްސައިލުމުން އެބަ ކާބޯތަކެތި ލިބެއެވެ. މޯބައިލް ފޯނުން ނުކުރެވޭ ހަމަ އެއްކަމެއް ނެތް ކަމަށްވެސް ބުނެވިދާނެއެވެ.
އިސްލާމް ދީން ފެތުރުއްވެވުމަށްޓަކައި ކުރީ ޒަމާނުގައި ޢިލްމުވެރިން ދަތުރުފުޅު ކުރެއްވެވީ ސަވާރީތަކުގައެވެ. ދަތުރުފުޅުތައް ކުރެއްވެވީ ނުހަނު ބޮޑެތި ތަކްލީފްތައް އުފުއްލަވަމުންނެވެ. ދަތުރުފުޅުގައި އެތައް އަހަރެއް ހޭދަކުރެއްވެވިއެވެ. ނަމަވެސް މިއަދު އިސްލާމް ދީން ފަތުރަން މަސައްކަތްކުރުމަކީ ގޭގެ އެއާކޮންޑިޝަންކުރި ސިޓިންގ ރޫމްގެ ސޯފާގައި އިނދެގެން ކުރެވެން އޮތް ކަމެކެވެ. އެއްފަހަރާ ދުނިޔޭގެ ހުރިހާ ޤައުމުތަކުގައި އެ މަސައްކަތް ކުރުމުގެ ޤާބިލުކަން މިއަދުގެ ޓެކްނޮލޮޖީ މިވަނީ ގެނެސްދީފައެވެ.
ހަމަ އެއާއިއެކު ކުރީ ޒަމާނުގައި ޢިލްމު ހޯދުމަކީ އެހައި ދަތި އުނދަގޫ ކަމެކެވެ. ފޮތުގައި ޢިލްމް ލިޔެވެން ފެށީވެސް ދާދިފަހުންނެވެ. ނަމަވެސް އެމީހަކު ބޭނުން ކޮންމެ މައުލޫމާތެއް މިއަދު ވަނީ އިނގިލިކުރީގައެވެ. ކީރިތި ޤްރްއާނުގެ ތަފްސީރާއި ޙަދީޘްފުޅުތަކުގެ ސަރަހަވެސްމެއެވެ. ބޭނުން ބޭކަލެއްގެ ސިޔަރަތުވެސްމެއެވެ.
ﷲ ތަޢާލާ ދެއްވެވި މިފަދަ މަތިވެރި ނިޢްމަތްތަކުގެ
ބޭނުން ހިފަމުން ގެންދާ ގޮތާއިމެދު އަބަދުވެސް މިގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ހިފަމުން ތިއަ ގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވެވޭ ގޮތަށް ހެއްޔެވެ؟ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހިފަނީ ސަލާމަތްވެވޭނެ ގޮތަށް ހެއްޔެވެ؟ ރިޒްޤްގެ ބޭނުން ހިފަނީ އެންގެވި ގޮތަށް ހެއްޔެވެ؟ އިސްލާމް ދީނުގެ ޞައްޙަ މައުލޫމާތު ހޯދައި އަމަލުކުރަން އަދި އިސްލާމް ދީން ފަތުރަން އެއްވެސް މަސައްކަތެއް އެބަ ކުރަން ހެއްޔެވެ؟
ޔަޤީން ކަމަކީ ޖަވާބުދާރީވާން ޖެހޭނެ ކަމެވެ. ސަލާމަތްކަން ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން