ނަމާދުކުރާ ތަނުގައި ހުއްޓި ޙަރަމްބަނދެ އަދި ޙަރަކާތްތަކެއް ކުރަމުން ގޮސް ސަލާމްދިނުމަކުން އެއީ އަދި ނަމާދުކުރުން ކަމަކަށް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ނަމާދުކުރާ ތަނުގައި ހުއްޓި ޙަރަމްބަނދެ އަދި
ޙަރަކާތްތަކެއް ކުރަމުން ގޮސް ސަލާމްދިނުމަކުން އެއީ އަދި ނަމާދުކުރުން ކަމަކަށް
ނުވާނެ!

ނަމާދުކުރާ ތަނުގައި ހުއްޓި ޙަރަމްބަނދެ އަދި

ޙަރަކާތްތަކެއް ކުރަމުން ގޮސް ސަލާމްދިނުމަކުން އެއީ އަދި ނަމާދުކުރުން ކަމަކަށް ނުވާނެއެވެ. ނަމާދުކުރިކަމަށްވާނީ ސުންނަތުން ޘާބިތުވާން އޮތް ގޮތަށް ނަމާދުކުރީމައެވެ. ހަމައެކަނި ޙަރަކާތްތަކެއް ކުރުމުގެ ބަދަލުގައި ހިތާއި ޢަމަލުތައް ގުޅުވާލައި ނަމާދަށްދޭންޖެހޭ ސަމާލުކަންދީގެން ނަމާދުކުރީމައެވެ.  

މީސްތަކުންނޭވެ! މިސްކިތަށް އަރަމުން ނުވަތަ މުސައްލަ މައްޗަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބަހައްޓަމު ނޫން ހެއްޔެވެ؟ އެހިސާބުން ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. 

 ދުނިޔޭގެ ބޭނުންތައް ހިފައިގެން (އެކަންކަމަށް ވިސްނަމުން) މިސްކިތަށް ނުވަތަ މުސައްލަ މައްޗަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ. މާނައަކީ އެފަދަ މީހަކަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެ ކަމެވެ.  

ނިކަން ބުނެބަލާށެވެ. ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟ ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް

سُبْحَانَ اللَّهِ  وبِحَمْدِهِ  سُبْحَانَ اللَّهِ الْعَظِيمِ މިދެކަލިމައަށް ވިސްނައިލާށެވެ. ދޫމައްޗަށް ކިހައި ފަސޭހަ ހެއްޔެވެ؟ ނަމަވެސް މިއީ މީޒާނުގައި އިންތިހާއަށް ބުރަ ދެ ކަލިކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

ކުއްޖާ ދުނިޔެއަށް އުފަންވުމާއިއެކު ކަންތައްތަކަށް ބޭނުންވާން ފަށައެވެ. ފުރަތަމަ ކޮޅު ހަމައެކަނި ބަނޑު ފުރިފައި ނިދައިލެވުމުން ފުދެއެވެ. ނަމަވެސް ބޮޑުވާވަރަކަށް ބޭނުންތައް ބޮޑެތިވެ ބޭނުންވާ ކަންތައްތައް އިތުރުވެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.  

އެއްވެސް މީހަކު އެދޭ ހުރިހާ ކަމެއް މިދުނިޔޭގައި ފުއްދަވައި ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވައުދުވެވޮޑިގެންފައެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާ އެންގެވި ގޮތުގައި ހަޔާތް ވޭތިކޮށް ސުވަރުގެ ހޯދައިފި މީހަކަށް ސުވަރުގެ ވަދެވުމުން އެމީހަކު އެދޭ ހުރިހާ ކަމެއް ޙާޞިލުވެގެންދާނެކަން ﷲ ތަޢާލާ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ.  

މީސްތަކުންނަށް މިއަދު އޮޅިގެން މިއުޅެނީ އެކަމެވެ. ސުވަރުގެ ބޭނުން ކަމަށް ބުނަމުން އެމީހުން މަސައްކަތްކުރަނީ ދުނިޔެ ހޯދާށެވެ. "ބިޒީ"ވަނީ ސުވަރުގެ ހޯދުމަކަށް ނޫނެވެ. ދުނިޔެ ހޯދުމަށެވެ. ހީކުރެވިގެން އުޅެނީ އެދޭ ހުރިހާ އުފާތަކާއި ބޭނުންތައް ދުނިޔެއިން ހޯދޭނެ ކަމަށެވެ. ކިތަންމެ ވަރަކަށް ތެޅިފޮޅުނު ނަމަވެސް އެކަމެއް ނުވާނެއެވެ. އަބަދުވެސް ކޮންމެވެސް އެހެން މީހަކު ދާނީ ކުރިއަރަމުންނެވެ. އެމީހާ ފަހަތުން ދުވަމުން ގޮސް އަރައިހަމަކުރާތަނުން އެހެން މީހަކު މާކުރިއަށް އަރާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ.  

ވީމާ ދުނިޔެ ފަހައި ދުވުން އަވަހަށް ހުއްޓައިލާށެވެ! އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއި ނުލައި ހިތަށް އަރުވައިލުމުން ހުރިހާ ނިޢްމަތްތަކެއް ލިބޭނެ ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ. ރަމަޟާން މަހަކީ އެކަމަށް އޮތް ރަނުގެ ފުރުޞަތެވެ.  

--މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން