ފިރިމީހާ "އޮފީހުގެ ރަސްމީ" ދަތުރަކުދާން ފުރަން ގެއިން ނުކުތްވަޤުތެވެ. ވަދާޢީ ސަލާންކޮށްލަން އަނބިމިހާ ނުކުތްވަޤުތެވެ. އެއރު ފޯނުން ފިރިމީހާ ބުނެއެވެ. "ލޯބީ! ހޮޓަލުގަ މަޑުކޮށްލާ! ކުޑައިރުކޮޅެއްގެ ތެރޭގަ އެބަދަން!"
އަނބިމިހާއަށް އެއަޑުއިވުނު ކަމަސް ނުހަދައި ބުނީ ދަތުރަށްޓަކައި ދުޢާއެއް ކޮށްލަން ބޭނުންކަމަށެވެ. ފިރިމީހާ އުފަލުން އަނގައިގެ ހުރިހާ ދަތްތައް ދައްކާފައި ދުޢާކޮށްދޭން ބުނުމުން އަނބިމީހާ ދެއަތް އުފުލައި ދުޢާކުރިއެވެ.
"ޔާ ﷲ! އަހުރެންގެ ފިރިމީހާ އެދަނީ ހިލޭ އަންހެނަކާ ބައްދަލުކުރަން ކަމަށްވާނަމަ އެހިސާބަށް ދެވުމުގެ ކުރިން އެކަމަށް ހުރަސް އަޅުއްވަވައި ފިލާވަޅަކަށްވާނެފަދަ ކަމެއް ފިރިމީހާއަށް ކުރިމަތިކުރައްވަވާނދޭވެ! އާމީން"
ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. ބުނީ ތިއަކުރީ ވަރަށް ނުބައި ދުޢާއެއް ކަމަށެވެ. ތިއަ ދުޢާގެ ސަބަބުން އެކްސިޑެންޓްވެ އަހުރެން މަރުވެސްވެދާނެއެވެ. ކަންބޮޑުވިވަރުން އެހެން ބުނުމާއިއެކު މިކުރެވީ ކޮންކަމެއްކަން ނުވެސް ވިސްނި ލޯބިވެރިޔާއަށް ވަޤުތުން ގުޅާފައި ބުނީ "ދެމީހުން ބައްދަލުވުން ނިމުނީ" ކަމަށެވެ. އެހެން ބުނެވުމާއިއެކު ފޯނުވެސް ނިއްވައިލިއެވެ.
އަނބިމިހާ ބުންޏެވެ. "އަހުރެން ތިބާއަށް މިހައިވަރަށް ހެޔޮކޮށް ހިތައި ވަފާތެރިކަންމަތީގައި އިންނައިރުވެސް އޮފީހުގެ ރަސްމީ ދަތުރެއްގައި ދަނީކަމަށްބުނެ ދޮގުހަދާފައި ލޯބިވެރިޔާއާއި ބައްދަލުކުރަން ދާން ބޭނުންވުމުން އެނގުނީ އަހުރެންގެ އަގު ވަޒަންނުކުރާ ކަމެވެ. ދަތުރުގައި އިތުރަށް ޚަރަދުކުރަން ޖެހިދާނެކަމަށްބުނުމުން ރޭވެސް އަހުރެންގެ ފައިސާއިން 5000 ޑޮލަރުދިނީމެވެ. އެކަމަށް ދިން އިނާމު ފުދިއްޖެއެވެ. ދެން ރަނގަޅުވާނީ އަހުރެން ވަރިކޮށްލައި ތިއައުޅެން ބޭނުންވާ ގޮތަކަށް އުޅެންދިއުމެވެ."
ފިރިމީހާ އެތައް ވަރަކަށް އާދޭސްކުރުމުން މާފުކޮށްފައި ބުންޏެވެ. "މިއީ އެންމެ ފަހު ފުރުޞަތުކަން ދަނެގެން އުޅޭށެވެ. ޝައްކެއްވިޔަސް ގެއިން ނެރެ ބޭރުކޮށްލާނަމެވެ."
މިއީ އަޅުގަނޑަށް އެކުވެރިއަކު ފޮނުވި ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަސްވެ ފައިދާކުރާނެކަމުގެ އުންމީދުގަ ޝެއާކޮށްލީއެވެ.
- ޖަމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް