އަހުރެން މިއުޅެނީ އަންހެނުން ނުވަތަ ފިރިހެނުން ކުށްވެރިކުރާކަށް ނޫނެވެ. ކަންކަން ހިނގަމުންދާގޮތުގެ ވާހަކަދައްކާށެވެ. ވީމާ އަޑުއަހާށެވެ!
ގިނަ ކައިވެނިތައް ރޫޅެމުން މިދަނީ ބައިވެރިޔާ ގޯސްވެގެނެއް ނޫނެވެ. އެކުވެރިން ދައްކާ ވާހަކަތަކުގެ އަޑުއިވި ޤަބޫލުކުރެވުމާއި އެކުވެރިންނާއި އެއްފެންވަރެއްގައި ނުވަތަ އެއަށްވުރެވެސް މަތީފެންވަރުގައި ދިރިއުޅެން ބޭނުންވެގެންނެވެ. ސޯޝަލް މީޑިއާއިން ފެންނަ ހުވަފެންތައް އެއީ ޙަޤީޤަތް ކަމަށް ޤަބޫލުކުރެވިގެންނެވެ. ވަޢުދުތައްވާ މީހުންނަށް އިތުބާރުކުރެވޭތީއެވެ.
އެކަންކަމުގެ ޙަޤީޤަތް އެނގެނީ ކައިވެނި ރޫޅާލުމުން ދެރައާއި ހިތްދަތިކަން ލިބެންފެށުމުންނެވެ. ކުރިން ލިބެމުން އައި އުފާވެރިކަމުން މަޙްރޫމްވެވުމުންނެވެ. ގިނަ ފަހަރަށް ކުރިއަސްވުރެ މާދަތިޙާލުގައި އުލެން ޖެހުމުންނެވެ. އަދި ބައެއް ފަހަރު ތަނަވަސްކަން އިތުރުވާއިރު އުޅެންޖެހޭ ހިތްދަތިކަން މާބޮޑުވީމައެވެ.
ކައިވެނީގައި ބޭވަފާތެރިވާ މީހުންވެސް އުޅެއެވެ. ނުބައިކޮށް ކަންކަންކުރާ މީހުންވެސް އުޅެއެވެ. ނަމަވެސް ކައިވެނި ރޫޅުމުން ބައިވެރިޔާގެ ބޭވަފާތެރިކަމާ ނުބައިކަމުގެ ވާހަކަ ގިނަމީހުން ދައްކަނީ އެއީ ސަބަބުކަމަސް ވެގެނެއްވެސް ނޫނެވެ. ތިމާގެ ކުށްތައް ފޮރުވަންވެގެންނެވެ.
އަހުރެން މިކަންކަން ފާހަގަމިކުރަނީ އަހުރެންގެ އަމިއްލަ ވިސްނުމަކުން ނޫނެވެ. އަހުރެންގެ ގާތަށް ކައުންސިލިންގ ހޯދަން އަންނަ ގިނަބައެއްގެ ކިބައިން މިޙަޤީޤަތްތައް އެނގޭތީއެވެ. ރޮއި ކަރުނައަލަމުން ކިޔައިދޭތީއެވެ.
އަހުރެން އާދޭސްކޮށްފައި ބުނަމެވެ. އެކުވެރިންގެ ވާހަކަތަކަށް ނުހެއްލޭށެވެ. ސޯޝަލްމީޑިއާއިން ބައްދަލުވާ މީހުންނަށް އިތުބާރުނުކުރާށެވެ. އެންމެ ފަހަރަކު ނޫނެވެ. ކައިވެނި ރޫޅާލުމުގެކުރިން 100 ފަހަރު ވިސްނާށެވެ. މިއެޅެނީ ރަނގަޅު ފިޔަވަޅެއްކަން ވަރަށް ބޮޑަށް ޔަޤީންކޮށްފައި ނޫނީ އެންމެ ފިޔަވަޅެއްވެސް ނުއަޅާށެވެ. ކޮންމެހެންވެސް އިސްތިޚާރާކުރަންވާނެއެވެ. އެކަންނުކޮށް ކަންކަމުގައި ގޮތްނުނިންމާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން