ކުރައްވާ ހެޔޮ ޢަމަލު ޤަބޫލުފުޅުކުރެއްވެވުން އެދިގެން ޞަޙާބީން ކުރެއްވެވި ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކުރައްވާ ހެޔޮ ޢަމަލު ޤަބޫލުފުޅުކުރެއްވެވުން އެދިގެން ޞަޙާބީން ކުރެއްވެވި ކަންކަން-

ބައެއް އަޅުކަންތައް އަދާކޮށް ނިމުމުން ނަބިއްޔާ صلى الله عليه وسلم، ﷲ ތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާ ތައުބާވެވަޑައިގަންނަވާކަމަށް ވާރިދުވެފައިވެއެވެ. މިކަމާ ބެހޭގޮތުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"ދެން އެއަށްފަހުގައި ﷲ ތަޢާލާ ޚަބަރުދެއްވާފައިވަނީ އެބޭކަލުން ރޭ އަޅުކަންކުރުމަށް ފަހުގައި ހާރުދަމުގެ ވަގުތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާކަމުގައެވެ. ފަހެ އެބޭކަލުންގެ ނަމާދު ނިންމަވާލައްވާފައި ފާފަފުއްސެވުމަށް އެދި ދަންނަވާ ތައުބާވެއެވެ. އެބޭކަލުން ރޭގަނޑު ހޭދަކުރައްވަނީ ސަޖިދާގައްޔާއި ޤިޔާމުގައެވެ. ދެން އެއަށްފަހުގައި އެއިލާހަށް ތައުބާވެ، އެއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވައެވެ. 

ނަބިއްޔާ صلى الله عليه وسلم ނަމާދުކުރައްވަވައިއަވަދިވެވަދައިގަތުމުން ތިން ފަހަރު އިސްތިޣްފާރުކުރައްވައެވެ. (އެބަހީ: ތިންފަހަރު ފާފަފުއްސުވަށް އެދި ދަންނަވައެވެ.) އަދި އެއިލާހުގެ އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ (ޙައްޖުގައި) ޢަރަފާތު ބިމުގައި މަޑުކުރުމަށް ފަހު އެ އަޅުކަން ނިންމާލަމުން އިސްތިޣްފާރުކުރުމަށެވެ. އަދި ވުޟޫ ކުރާ މީހާ އޭނާގެ ވުޟޫއަށް ފަހު ތައުބާވެއެވެ. (އެބަހީ: ވުޟޫ ދުޢާގައިވަނީ އެފަދަ ޢިބާރާތެކެވެ.) އެހެންކަމުން ހެޔޮ ޢަމަލެއް ނިންމާލަން އެންމެ ރަނގަޅު ގޮތަކީ ތައުބާވެ އިސްތިޣްފާރުކުރުމެވެ."  

އަދި އައްޝައިޚު މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله ވިދާޅުވިއެވެ. 

"ހަމަކަށަވަރުން ނަމާދު އަދާކުރުމުގައި އުނިކަންތައްތަކެއް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމާދަށް ފަހުގައި ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ ޙިކުމަތަކީ އެއީއެވެ. އެހެންކަމުން ނަމާދަށް ފަހުގައި أَسْتَغْفِرُ الله ތިން ފަހަރު ކިޔުމަށް ޝަރުޢުކުރައްވާފައިވެއެވެ." 

އެހެންކަމުން ހެޔޮ ޢަމަލުތަކަށް ފަހުގައި ގިނަގިނައިން އިސްތިޣްފާރުކޮށް ތައުބާވެ އެ ޢަމަލު ޤަބޫލުކޮށްދެއްވުން އެދި ދުޢާކުރައްވާށެވެ.

 

- އަލްއުޚްތު އުންމު ޢަބްދިﷲ

މިއަދު އޮންލައިން