ދިރިއުޅެންކުރާ މަސައްކަތަށް ބަލާށެވެ! ތިމާއަށް ހިތްހަމަޖެހުންލިބޭ އަދި އެންމެ ބޮޑުމުސާރަލިބޭ އަދާކުރަންފަށާ 5 ވަނަ ވަޒީފާކަމަށްވެދާނެއެވެ. ތިމާ އެންމެ ޝައުޤުވެރިވާ ދާއިރާއިން ކިޔެވުނީ ކިޔަވަންފެށި 3 ވަނަ ދާއިރާކަމަށްވެދާނެއެވެ. ހަމައެގޮތަށް ތިބާއަށް ހުރިހާ ގޮތަކުން ހިތްހަމަޖެހުންލިބޭ ބައިވެރިއަކު ލިބުނީ ހަވަނަ ކައިވެނިންކަމަށްވެސްވެދާނެއެވެ.
މިކަން މިގޮތަށް ޤަބޫލުނުކުރެވޭ ބައަކު އުޅެއެވެ. އެއްފަހަރު ނުވަތަ ދެވަނަފަހަރަށް ކައިވެނި ރޫޅިއްޖެނަމަ ތިމާއަށް ރަނގަޅު ބައިވެރިއަކު ނުލިބޭނެކަމަށް ނިންމައި އިތުރު ކައިވެންޏެއް ނުކުރަންތިބޭ ބައަކު ތިބެއެވެ.
ބުނަންހެއްޔެވެ؟ ތިބާ ކުރިއަށްދާން އުޅުނު މަގުގެ 4 ދޮރު ބަންދުވެއްޖެނަމަ އެއިގެ މާނައަކީ 5 ވަނަދޮރުން ކުރިއަށްދެވި މާބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެވެ. ކައިވެނީގައިވެސް އޮތީ ހަމައެގޮތެވެ. ތިބާގެ ކުށެއް ނެތި ކައިވެނި ރޫޅޭނަމަ ޔަޤީންކުރަންވީ ﷲ ތަޢާލާ ތިމާއަށްޓަކައި ކަނޑައަޅުއްވަވާފައިވާ ރަނގަޅު ބައިވެރިޔާއާއި އަދި ބައްދަލުނުވަނީކަމެވެ. އޮތީ އަވަހަށް އަނެއްކާވެސް ކައިވެނިކުރުމެވެ. ﷲ ތަޢާލާގެ ރަޙްމަތަށް ޔަޤީންކޮށްގެން މިބުނި މަގުން ކުރިއަށްދާނަމަ ﷲ ތަޢާލާ ތިބާއަށް ދެއްވަވާ ރަނގަޅު ބައިވެރިޔާއާއި ބައްދަލުވުމުން ކުރިން ދެރަދިން ހުރިހާ ފިރިންގެމަތިން ހަނދާންނެތިގެންދާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން