ކައިވެންޏަށްފަހު "ބޭރުން" އުފާވެރިކަން ހޯދާނަމަ ފާފަވެރިވުމުގެ އިތުރަށް ޖީބުވެސް ދާނީ ހުސްވަމުން! ދާނީފަޤީރުވެ ނިކަމެތިވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކައިވެންޏަށްފަހު "ބޭރުން" އުފާވެރިކަން ހޯދާނަމަ ފާފަވެރިވުމުގެ އިތުރަށް ޖީބުވެސް ދާނީ ހުސްވަމުން! ދާނީފަޤީރުވެ ނިކަމެތިވަމުން!

ކައިވެނިކުރަނީ އެކަމުން ދެމީހުންވެސް އުފާވެރިކަން ލިބިގަތުމަށެވެ. އެއުފާވެރިކަން ލިބެން އޮތީ ދެމަފިރިން ބައްދަލުވެ ގޭގައި ހޭދަކުރާ ވަޤުތު ގިނަކުރިވަރަކުންނެވެ. އެކަމަކު ދިރިއުޅެވެނީ ކޮންގޮތަކަށް ހެއްޔެވެ؟ ދެމީހުންވެސް އުފާވެރިކަން ބޭނުންވެއެވެ. އެކަމަކު ބައދަލުވެ އެކުގައި ހޭދަކުރެވެނީ މަދުވަޤުތުކޮޅެކެވެ.  

ވިސްނާށެވެ! ދެމަފިރިންވެސް އުފާ ހޯދަންވީ ގެއިން ބޭރަކުން ނޫނެވެ. ގޭތެރެއިންނެވެ. އަނބިން، ފިރިން، ދަރިންގެ ކިބައިންނެވެ. ބޭރުން އުފާ ހޯދަން ކުރަން ޖެހޭނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވިކަންކަމެވެ. މަސްތުވުމާއި ޒިނޭކުރުމާއި ޖުވާކުޅުމާއި ހުއްދަ ނޫން މީހުންނާއި މަސްހުނިވުން ފަދަ ކަންކަމެވެ.  

އެކަންކަން ކުރަން އުޅުމުން ގޭގައި އުފާކުރަން ހުރި ފައިސާކޮޅު ވެސް ހުސްވާނެއެވެ. ލިބޭނީ 2،3 މިނިޓެއްގެ ކުޑަކުޑަ އުފާ ކޮޅެކެވެ. ނަމަވެސް ގޭތެރެއިން އުފާ ހޯދަން ބޭނުން މީހާއަށް އަބަދުވެސް ހުންނާނީ އުފާ ލިބިލިބިއެވެ. ﷲ ތައާލާގެ ރުއްސެވުން ލިބިލިބިއެވެ.  

ވީމާ ވަގުތު ފާއިތު ނުވަނީސް ދިރިއުޅުމަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް އަވަހަށް ގެންނާށެވެ! ދިރިއުޅުމުން ޙަޤީޤީ އުފާވެރިކަން ހޯދަން އަވަހަށް މަސައްކަތް ފަށާށެވެ! ކުރަންޖެހޭ ޢާއިލާއާއިއެކު ގޭގައި ހޭދަކުރާ ވަޤުތުގިނަކުރާށެވެ!  

"އަހުރެންގެ އަނބިމީހާގެ ކިބައިން އުފާވެރިކަމެއް ނުލިބޭ" ކަމުގެ ޝަކުވާތައް ކުރާއިރު އަނބިމީހާއަށް ދެވެނީ ކިހައި ވަޤުތެއްކަމާއިމެދުގައިވެސް ވިސްނައިލާށެވެ! ކައްކާނެ އެއްޗެއް ގޭގައި ނެތްނަމަ ނުކެއްކޭނެކަން ޤަބޫލުކުރަންޖެހޭ ފަދައިން ދެމީހުން އެކުގައި ވަޤުތު ހޭދަކޮށްގެން ނޫނީ އުފާވެރިކަން ނުލިބޭނެކަންވެސް ޤަބޫލުކުރާށެވެ! ނުލިބިގެން ތިއަކަންބޮޑުވާ އުފާވެރިކަން ހޯދޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން