ފަށްކުރުމެއް!: ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ- މާތް ރަސޫލާ ޞޢޥ ނިންމަވައިދެއްވި އާދަޔާ ޚިލާފު ޙުކުމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 48ސ
ފަށްކުރުމެއް!: ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ- މާތް ރަސޫލާ ޞޢޥ ނިންމަވައިދެއްވި އާދަޔާ ޚިލާފު ޙުކުމް

ޢަލީ އިޙްޞާން ފިރާޤް

 

ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާއަކީ އިސްލާމްދީނުގެ ނޫރު މައްކާގެ ޖައްވުގައި ބަބުޅަން ފެށުމާއެކު އެންމެ ފުރަތަމަ އިސްލާމްވަވަޑައިގެންނެވި ބާއްޖަވެރި ކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. 

ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާއަކީ ޢާމިރުވަންހައިގެ ބޭކަނބަލެކެވެ. އެކަމަނާގެ  ބަފައިކަލުންނަކީ ސުހައިލު ބިން ޢަމްރޫ އެވެ. އޭނާއަކީ ޤުރައިޝުންގެ ތެރޭގައި ހުންނެވި ދޫފަސޭހަ ޚަތީބެކެވެ. އޭނާ އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަ ކުރެއްވި ދުވަހުގައެވެ.  އޭނާ މުސްލިމުން ޝާމުކަރަ ފަތަޙަ ކުރަން ކުރި ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ އަވަހާރަވީ ޢުމަރުގެފާނުގެ ޚިލާފަތުގައެވެ. ހިޖުރައިން 18 ވަނަ އަހަރުގެ ތެރޭގައެވެ. ޢަމްވާޞުގައި ފެތުރުނު ޕުލޭގު ގެ ވަބާގައެވެ.

ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާގެ މައިކަނބަލުންނަކީ ފާޠިމަތު ބިންތި ޢަބްދުލްޢުއްޒާ އެވެ.  

ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ ފިރިކަލުން އަބޫޙުޒައިފާ ރަޟިޔަﷲ ޢަންހު އަކީ އިސްލާމްދީނުގެ ވަރަށް ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ދެކަނބަލުންނެވެ. އެކަމަނާގެ ދެ ބޭބޭފުޅުންކަމުގައިވާ އަބޫޖަންދަލު ބިން ސުހައިލު  އާއި ޢަބްދުﷲ ބިން ސުހައިލު އަކީވެސް ނުހަނު ކުރީކޮޅުގައި އިސްލާމްވެވަޑައިގެން ތިއްބެވި ޞަޙާބީންނެވެ. 

ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ ގެ ފިރިކަލުން އަބޫޙުޒައިފާ ރަޟިޔަﷲ ޢަންހު އިސްލާވެވަޑައިގެންނެވުމުން މުޝްރިކުންގެ އަނިޔާވެރިކަމާއި ދުއްތުރާއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އޭރު އެކަމަނާގެ ބައްޕާފުޅު ސުހައިލު ބިން ޢަމްރޫ ހުންނެވީ ކާބަފައިންގެ ދީންމަތީގައިކަމުންނެވެ. 

ޙަބަޝާއަށް ހިޖުރަކުރެއްވުމުގެ އިޒުން މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވުމުން ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ ގެ ދެކަނބަލުންވެސް ހިޖުރަކުރެއްވިއެވެ. ބައެއް ރިވާޔަތްތަކުގައި ވާގޮތުން އެދެބޭކަނބަލުންނަށް ދަރިކަލަކު ލިބިވަޑައިގެންނެވީ ޙަބަޝާގައި ތިއްބަވަނިކޮށެވެ. އެއީ އެދެކަނބަލުން ޙަބަޝާއަށް ކުރެއްވި ދެވަނަ ހިޖުރައިގައެވެ.  އަނެއްބައި ބޭކަލުން ވިދާޅުވާގޮތުގައި އެދެކަނބަލުން ފުރަތަމަ ހިޖުރައަށްފަހު މައްކާގައި ތިއްބެވީއެވެ. އަލުން ދެވަނަފަހަރަށް ޙަބަޝައަށް ހިޖުރައަށް ވަޑައެއްނުގަންނަވައެވެ.

އޭގެފަހުން މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރަކުރެއްވުމުގެ އިޒުނަ ދެއްވުމުން ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ  ފިރިކަލުން މަދީނާއަށްވެސް ހިޖުރަކުރެއްވިއެވެ. ދެ ހިޖުރައަށް ވަޑައިގެންނެވުމުގެ ޝަރަފު ހާސިލުކުރެއްވިއެވެ.  

ސާލިމު އަކީ އަބޫޙުޒައިފާ ރަޟިޔަﷲ ޢަންހު އާއި ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ ދަރިކަލަކަށް ހައްދަވައިގެން ގެންގުޅުއްވި ކުއްޖެކެވެ. ސާލިމު އަކީ ޙަޤީޤަތުގައި އަބޫޙުޒައިފާ ރަޟިޔަﷲ ޢަންހު މިނިވަންކުރެއްވި އަޅެކެވެ. އިސްލާމީ ތާރީޚުގައި އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ سالم مولى أبي حذيفة ގެ ނަންފުޅުންނެވެ. سالم ބޮޑުފުޅުވެ ފުރާވަރަށް އެޅީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައެވެ. 

އެއްފަހަރަކު ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާމާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ.  

[އޭ މާތްﷲ ގެ ރަސޫލާއެވެ. ސާލިމު، ތިމަންކަމަނާގެ އަރިހަށް ވަޑައިގެން އުޅުއްވާތީ އަބޫޙުޒައިފާ ހިތްޕުޅު ހަމަޖެހިވަޑައިނުގެން އުޅުއްވާތަން އެބަ ފެނެއެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ސާލިމު އަށް ކިރުދޭށެވެ.] ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާދެންނެވިއެވެ. [އެއީ ބޮޑުމީހެކެވެ. އޭނާއަށް ކިރުދޭނީ ކިހިނެއްތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ހިނިވަރުނަ ކުރައްވައި ޙަދީޘް ކުރެއްވިއެވެ. [އެއީ ބޮޑުމީހެއްކަން ތިމަންކަލޭގެފާނަށްވެސް އެނގިވަޑައިގަންނަވައެވެ.]

ދެން ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ، سالم مولى أبي حذيفة އަށް ކިރުދެއްވިއެވެ. އޭގެ ފަހުން އެކަމަނާ މާތް ރަސޫލާ ާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [މިހާރު އަބޫޙުޒައިފާ ގެ މޫނުފުޅުން އެ ނުރުހުމެއް ނުފެނެއެވެ.] 

ޢާއިޝަތުގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކުޑަކުދީން ކިރު ބުއިމުން ކިރު ސާބިތުވާ ފަދައިން ބޮޑެތި މީހުން ކިރުބުއިމުންވެސް ކިރު ސާބިތުވާނެއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ سالم مولى أبي حذيفة އަށް އޮތް ޚާއްޞަ ޙުކުމެކެވެ.

{ موطأ مالك، كتاب الرضاع، ޙަދީޘް ނަންބަރު 1287} 

ޤާޟީ ޢިޔާޟު ވިދާޅުވާ ގޮތުގައި ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ، سالم مولى أبي حذيفة އަށް ކިރުދެއްވީ ތައްޓަކަށް އަޅުއްވައިގެންނެވެ. ކޮންމެއަކަސް މި މައްސަލައަކީ ފިޤުޙީ މައްސަލައެކެވެ. މިކަހަލަ ތާރީޚުގެ ވާހަކަތަކަކާ ގުޅޭ ވާހަކައެއްނޫނެވެ.  

ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ އާ ބެހޭ އިތުރު މައުލޫމާތެއް އިސްލާމީ މަސްދަރުތަކަކުން އެނގޭކަށް ނެތެވެ.

 

މިއަދު އޮންލައިން