ގިނަ މީހުންނަށް ކުރިމަތިވަނީ ވަޤުތުގެ މައްސަލައެވެ. ތިމާއަށް އޮޅުންއަރާކަމެއް ސާފުކޮށްލަން ޢިލްމްވެރިއަކާއި ސުވާލުކޮށްލަންވެސް ވަޤުތު ނުވަނީއެވެ. އެހެންވެ ޤުރްއާނުގެ މާނަ ފަދަ ކޮންމެހެން ޔަޤީންކުރަންޖެހޭ ކަންކަމުގައިވެސް ފަރުވާކުޑަކުރެވެނީއެވެ. ނަމަވެސް މިހުންނަނީ އެންމެ ބޮޑެތި މައްސަލަތަކެވެ.
ކީރިތި ޤުރްއާނުގެ މާނަކިޔަމުންދާއިރު މާނައިގާ ބުނާ އެއްޗެއް ޔަޤީން ނުކުރެވިއްޖެނަމަ ނުވަތަ ހިތުގައި އެއްވެސް މިންވަރަކަށް ޝައްކެއް އުފެދިއްޖެނަމަ ތިމާއަށް ފެންނަ ގޮތަކަށް މާނަނުކުރާށެވެ! ޤުރްއާނުގެ ޢިލްމުވެރިންގެ އަރިއަހުން އަހައި އޮޅުންފިލުވާށެވެ! އެއީ ތިމާއަށް ވިސްނޭ ގޮތް ރަނގަޅު ނުވެއްޖެނަމަ ނުބައި މާނައެއް ޤަބޫލުކުރެވިގެން ހުރެވިދާނެ ކަމަށްޓަކައެވެ.
ބައެއް މީހުން އެމީހުން ބޭނުންވާ ފިކުރު ކުރިއަށް ނެރެން ޤުރްޢާނުގެ މާނަ އަތްއަތަށް ފުރޮޅައި ރަނގަޅު ނޫންގޮތަށް ކުރެއެވެ. އެއީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަން ވާނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންނެވެ. އެކުރެވެނީ ވަރަށް ބިރުހުރި ކަމެކެވެ. އެބާވަތުގެ ކަމެއް ޤަޞްދުގައި ކޮށްފި މީހަކު ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރުމެއް ނެތެވެ.
﴿ولا مبدل لكلمات الله﴾
އަދި ﷲ ތަޢާލާގެ ބަސްފުޅުތަކަށް ބަދަލުގެނެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ."
وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا عَلَىٰ مَا كُذِّبُوا وَأُوذُوا حَتَّىٰ أَتَاهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَاتِ اللَّهِ ۚ وَلَقَدْ جَاءَكَ مِن نَّبَإِ الْمُرْسَلِينَ
"ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް رسول ންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ رسول ން ކެތްކުރެއްވިއެވެ. އަދި ތިމަންރަސްކަލާނގެ نصر ވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާ ކުރިއެވެ. އަދި اللَّه ގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ رسول ންނަށް نصر ދެއްވާނެކަމަށް ކުރައްވާފައިވާ وعد ގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއްނެތެވެ. ހަމަކަށަވަރުން، ކުރީގެ رسول ންގެ خبر ތައް ކަލޭގެފާނާ ހަމަޔަށް އައިސްފައިވާކަން ކަށަވަރެވެ." (އަލްޢަންޢާމް: 34)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން