ތިމާއަށް ނަމާދަށް ހުރެވެނީ މަލާއިކަތުންނަށް އުނދަގޫފުޅުވާނެ ގޮތަށް ކަމަށްވެގެން ދެންވާނެ ގޮތާއިމެދު ވިސްނާލަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ތިމާއަށް ނަމާދަށް ހުރެވެނީ މަލާއިކަތުންނަށް އުނދަގޫފުޅުވާނެ ގޮތަށް ކަމަށްވެގެން ދެންވާނެ ގޮތާއިމެދު ވިސްނާލަމުތަ؟

"އަޅުގަނޑަށް ރޭގެ ޢިޝާނަމާދުކުރަންޖެހުނީ ވަރަށް އުނދަގުލުންނެވެ.

ނަމާދު ނިމި ދުރަށް ދެވެންދެން ހުންނަން ޖެހުނީ ހޮޑުލަވައިފައެވެ. ސަޖިދައިގައި އޮންނައިރު އުނދަގޫ އިތުރުވިއެވެ. އެއީ ޖެހިގެންހުރި މީހާ ނޭވާލުމުން ދުވާ ސިގިރޭޓް ކުނިވަހުގެ ސަބަބުންނެވެ. މިއީ ކޮންފަދަ ބޮޑު ދެރަކަމެއްތޯ؟"  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިއައީ ވަރަށް ގިނައިން ކިޔުންތެރިން ފާހަގަކުރައްވާ ކަމެކެވެ. އެހެންކަމުން ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ. އަދި މީހަކު ފާހަގަކުރެވޭނަމަ އެމީހަކަށާ ތިއަޙާލުގައި ނަމާދަށްއަރާ މީހުންނަށް އެކަން އަންގައިލަދިނުމަށް ކިޔުންތެރިޔާގެ ސޯޝަލްމީޑިއާގައިވެސް މިލިޔުން ޙިއްޞާކޮށްލައިދޭށެވެ.  

އަބަދުހެން މިވާހަކަ ދައްކާއިއރުވެސް ނަމާދަށް މިސްކިތަށްދާ ބައެއް މީހުން، ބަންގިގޮވަން ފެށުމާއިއެކު ކުރާ ކަމަކީ މަގުމަތީގައި ތިބެގެން ސިގިރޭޓެއް ރޯކުރުމެވެ. އެއިރު ތިބެނީ ވުޟޫވެސްކޮށްގެންނެވެ. ސިގިރޭޓްބޯން ހަދައިގެން އިހު ސުންނަތް ނުކުރެވޭ ބައަކުވެސް އުޅެއެވެ. އަދި ސިގިރެޓް ބޮމުން ނަމާދަށް އަންނަ މީހުންވެސް އުޅެއެވެ.  

ވުޟޫކޮށްގެން ތިބޭތީ ބައެއް މީހުން މިސްކިތަށް އަރަނީ އަނގަވެސް ދޮވެނުލައެވެ. އަރައި ހަރަމްބަނދެ ކިޔަވަން އަނގަހުޅުވުމުން ނުކުންނަ ނުބައިވަހުން ކައިރީގައި ތިބޭ މީހުންނަށް ހޮޑުނުލެވެނީވެސް ހަމަކިރިޔާއެވެ.  

ވީމާ ހަނދުމަކޮށްދިނުމުގެ ގޮތުން މިގެނެސްދެނީ މިކަމާއި ގުޅިގެން މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

ސިގިރެޓް ބޯ މީހުން މަލާއިކަތުންނަށް އުނދަގޫކުރެއެވެ!  

ބައެއް މީހުން ދީނީ ޢިލްމުވެރިން ފެނުމުން ބޯންތިބޭ ސިގިރޭޓް ބިންމައްޗަށް ވައްޓައިލައެވެ. ކިތަންމެ ގިނައިން ސިގިރޭޓްބޯ މީހަކު ނަމަވެސް ޙައްޖަށް ގޮސް ޙަރަމްފުޅުގައި ވަގުތުތައް ހޭދަކުރާއިރު އަދި މިސްކިތުގައި ވަގުތުތައް ހޭދަކުރާއިރު ސިގިރޭޓެއް ނުބޮއެވެ. ބޯން ބޭނުމެއްވެސް ނުވެއެވެ. ވީއިރު އެނޫން ތަންތަނުގައި ސިގިރޭޓް ބޮނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބުގައި ބައެއް މީހުން ބުނެފާނެއެވެ. އެއީ އެހެން މީހުންނަށް އުނދަގޫވެދާނެތީއެވެ. އެހެންކަމަށްވާނަމަ މިކަމަށް ވިސްނައިލުން ކީއްހެއްޔެވެ؟  

މީސްތަކުންނަށް އުނދަގޫވާ ކަންކަން ކުރުމުން މަލާއިކަތުންނަށް އުނދަގޫވެއެވެ. ވީއިރު އަބަދުވެސް ތިމާގެ ވަށައިގެން މަލާއިކަތް ބޭކަލުން ތިއްބަވާއިރު އެބޭކަލުންނަށް އުނދަގޫކުރަން ހެޔޮވެދާނެ ހެއްޔެވެ؟ އެއީ މުސްލިމުން ކުރަން ހެޔޮވެދާނެ ކަމެއް ހެއްޔެވެ؟  

"ކޮންމެ ސިގިރެޓްފޮށްޓެއްގެ ބޭރުގަވެސް ލިޔެފަ އެބައޮވޭ- ދުންފަތުގެ އިސްތިޢްމާލްކުރުމަކީ ފުރާނައަށް ގެއްލުން ހުރި ކަމެއް ކަމަށް! އެހެން އެލިޔަނީ ދީނީ ޢިލްމުވެރިން ވިދާޅުވެގެނެއް ނޫން. އެޤައުމުތަކުގެ ސަރުކާރުން އަންގައިގެން. ދީނީ ގޮތުން ޙަރާމްކަމެއްގެ އިތުރުން ސަރުކާރުތަކުންވެސް މަނާކުރާ މީހުންނާއި ކައިވެނިކުރާކަށް ނުވާނެ! އެއީ ހެދޭ ވަރަށް ބޮޑު ގޯހެއް!" ކަމަށް މުފްތީ މެންކް ވަނީ ވިދާލުވެފައެވެ.  

ސިއްޙީ ދިރާސާތަކުން އެނގޭ ގޮތުގައި ދުފަތުގެ އިސްތިޢުމާލުކުރުމުން ކައިރީގައި ހުރި މީހާއަށް އެކަމުގެ ގެއްލުން ލިބޭމިންވަރު ކުޑައެއް ނޫނެވެ. އަދި އެކަމުގެ އަސަރު ކުދި ދަރިންނަށް މާބޮޑަށް ކުރެއެވެ.  

މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ވިސްނައިލުން މުހިންމު ކަމެކެވެ. ސިގިރެޓް ބުއިން ފަދަ ކަންކަން ކުރާ މީހުންނަށް އެކަންކަން ކުރުން ހުއްޓައިލަން އެންމެ ފަސޭހަވާނީ އެމީހަކު އަމިއްލައަށް އެއީ ރަނގަޅު ނޫން ކަމެއްކަން ވިސްނި ހުޓާލަން މަސައްކަތްކުރުމުންނެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން