މާތް الله ތިބާއަށް ކާމިޔާބީގެ ދޮރުތައް ހުޅުއްވައިދެއްވަވައި، ރިޒުޤު ތަނަވަސްކޮށްދެއްވެވުމަށް އެދޭނަމަ އެންމެ އިސްކަންދޭންވީ ކަންތައް!: ޝައިޚް ޑރ. ޢަބްދުއްސަލާމް އައްޝުވައިޢިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
މާތް الله ތިބާއަށް ކާމިޔާބީގެ ދޮރުތައް ހުޅުއްވައިދެއްވަވައި، ރިޒުޤު ތަނަވަސްކޮށްދެއްވެވުމަށް އެދޭނަމަ އެންމެ އިސްކަންދޭންވީ ކަންތައް!: ޝައިޚް ޑރ. ޢަބްދުއްސަލާމް އައްޝުވައިޢިރު

ޢާއިޝަތު ރަފާޙް ޢަލީ

 

ދިރިއުޅުމުގެ ދަތިތަކާއި ތަދުމަޑުކަމުގެ ވަގުތުތަކުގައި، ނަމާދަށް އިސްކަންދެނީ ކިތައް މީހުންބާވައެވެ؟ ނަމާދަށް އިސްކަންދޭ މީހުންނަށްޓަކައި، ބަންދުވެފައިވާ ދޮރުތައް މާތް الله ހުޅުއްވައިދެއްވައި، ހީވެސް ނުކުރާ ފަދަ ގޮތްގޮތުން ރިޒުޤު ތަނަވަސްކޮށްދެއްވައެވެ.  

ނަމަވެސް، ބައެއް މީހުންނަށް ރިޒުޤު ހޯދުމާއި ނަމާދާ ދެމެދު އޮތް ވަރުގަދަ ގުޅުން ވަނީ އޮޅިފައެވެ. މިއީ އީމާންކަމުގެ ބަލިކަށިކަމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މާތް الله ނަމާދާއި ރިޒުޤާ ދެމެދު ގުޅުމެއް ލައްވާފައިވުމީ، ނަމާދު ޤާއިމުކުރުމަކީ ރިޒުޤު ބަރަކާތްތެރިވެ ތަނަވަސްވުމުގެ މައިގަނޑު ސަބަބެއްކަން އަންގައިދޭ ދަލީލެކެވެ. 

ސަލަފުއްޞާލިޙުންގެ ތެރެއިން ބަކުރު ބިން ޢަބްދުﷲ އަލްމުޒަނީގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނުގެ އަހުލުވެރިންނަށް ދަތިކަމެއް ނުވަތަ ބޭނުމެއް ޖެހިއްޖެނަމަ، ނަމާދު ކުރުމަށް އެބޭކަލުންނަށް އަމުރުކުރައްވައެވެ. އެއީ މާތް الله ގެ މި ވަޙީބަސްފުޅަށް ރިޢާޔަތްކުރައްވައެވެ: "އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ކިބަޔަކުން ރިޒުޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤު ދެއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި ހެޔޮ ނިމުންވަނީ ތަޤުވާވެރިކަމަށެވެ."  

ހަމައެފަދައިން، އަބޫ ޙަފްޞު އަލްޢުކްބަރީއާއި އިބްނުލް ޤައްޔިމް ޛިކުރުކުރައްވާފައިވާ ގޮތުގައި، ޙުޛައިފާ ބިން އަލްޔަމާން ރަޟިޔަﷲ ޢަންހުގެ ކިބައިންވެސް މިފަދަ އާޘާރެއް ވާރިދުވެފައިވެއެވެ. 

މީހަކު ކަމަކަށް ދަތިވެގެން ނުވަތަ ބޭނުމެއް ޖެހިގެން ޝަކުވާ ހުށަހެޅުމުން، ޙުޛައިފާ ރަޟިޔަﷲ ޢަންހު އެމީހަކަށް އިރުޝާދު ދެއްވަނީ ނަމާދު ކުރުމަށެވެ. އަދި ގިނަގިނައިން ސަޖިދަކޮށް، މާތް الله ގެ އެހީތެރިކަމަށް އެދުމަށް ވިދާޅުވެއެވެ. އެހެންކަމުން، ކާމިޔާބީއަށް އެދޭ މީހާއަށް އޮތް އެންމެ ސީދާ މަގަކީ، ގިނަގިނައިން ސަޖިދަކުރުމާއި، މާތް الله އަށް އަދާކުރާ ނަމާދުތައް ފުރިހަމަކުރުމެވެ. މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ރިޒުޤު ލިބުމުގެ ތަޅުދަނޑިއެވެ.

އާޚިރަތުގެ ރިޒުޤާ ގުޅޭގޮތުން ބަލާއިރު، ރަސޫލާ ﷺ ގެ އަރިހުން މަޝްހޫރު ޙަދީޘެއް ވާރިދުވެފައިވެއެވެ. ޞަޙާބީއަކު ސުވަރުގޭގައި ރަސޫލާ ﷺ އާއެކުވުމަށް އެދިވަޑައިގަތުމުން، ޙަދީޘް ކުރެއްވީ ގިނަގިނައިން ސަޖިދަކުރުމުގެ މައްޗަށް އަމިއްލަ ނަފްސަށް އެހީތެރިވުމަށެވެ. ހަމައެފަދައިން، ދުނިޔަވީ ޙަޔާތުގައިވެސް ނަމާދަކީ ހާސްކަމާއި ދަތިތަކުން ސަލާމަތްވެ، ކަންކަން ފަހިވެގެންދާނޭ މަތިވެރި ވަސީލަތެކެވެ. 

ދުނިޔޭގެ ކަންކަން ބޮލުގައި އެޅި، ހުރިހާ މަގެއް ބަންދުވެ، ދިރިއުޅުން އިންތިހާއަށް ދަތިވެފައިވާ ކިތައް މީހުން އުޅޭ ހެއްޔެވެ؟ އެފަދަ މީހަކު ނަމާދަށް ތެދުވެ، މާތް الله އަށް މުނާޖާ ދަންނަވައި، އެކަލާނގެ ކަލާމްފުޅު ކިޔަވައި، ސަޖިދައިގައި އޮވެ އާދޭސް ދަންނަވާ ހިނދު، ހިތުގެ އެންމެހާ ބުރަތަކެއް ފިލައިގެންދެއެވެ. ބަންދުވެފައިވާ ދޮރުތައް ހުޅުވި، ހީވެސް ނުކުރާ ފަދަ ގޮތްގޮތުން ރަޙްމަތުގެ ދޮރުތައް ހުޅުވިގެންދެއެވެ. 

ފުރިހަމަ އީމާންކަމުގެ އަސާސަކީ ކޮންމެ ޙާލެއްގައިވެސް މާތް الله އަށް ދުޢާކުރުމެވެ. އެންމެ މާތް ދުޢާއަކީ ނަމާދުގެ ތެރޭގައި ސަޖިދައިގައި އޮވެ ކުރެވޭ ދުޢާއެވެ. ތިބާގެ ވިޔަފާރިއާއި، ކައިވެންޏާއި، އަދި ދިރިއުޅުމުގެ އެންމެހާ މުޢާމަލާތްތަކުގައި الله އަށް ވަކީލުކޮށް، ދުޢާ އިޖާބަވުމުގެ ސަބަބުތަކުގައި ހިފަހައްޓައިފިނަމަ، އެކަލާނގެ ތިބާއަށްޓަކައި އެންމެ ހެޔޮ ގޮތް މިންވަރުކޮށްދެއްވާނެކަން ކަށަވަރެވެ. ބައެއް ފަހަރު އަހަރެމެން އެދޭ ކަންކަމަށްވުރެ މާ ފުރިހަމަ އަދި މާ ހެޔޮ ގޮތްތައް މާތް الله މިންވަރުކުރައްވައެވެ.

 

- ޝައިޚް ޑރ. ޢަބްދުއްސަލާމް އައްޝުވައިޢިރުގެ ދަރުސަކުން 

- މިއަދުނޫސް          

މިއަދު އޮންލައިން