ބައިވެރިޔާއަށް ކުރެވުނު ކުށަށް ނުބަލާށެވެ! ﷲ ގެ ނަންނަފުޅު ބުނެ މާފަށް އެދިއްޖެނަމަ މާފުކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ބައިވެރިޔާއަށް ކުރެވުނު ކުށަށް ނުބަލާށެވެ! ﷲ ގެ ނަންނަފުޅު ބުނެ މާފަށް އެދިއްޖެނަމަ މާފުކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ!: މުފްތީ މެންކް

ބައެއް ޙާލަތްތަކުގައި ވަރަށް ބޮޑު ކުށެއް ކޮންމެ މީހަކަށްވެސް ކުރެވިދާނެއެވެ. ޙަޔާތުގެ ބައިވެރިޔާއަކީވެސް އިންސާނެކެވެ. ވީމާ ބައިވެރިޔާއަށްވެސް ކުރެވިދާނެއެވެ. އަދި ތިމާއަށްވެސް ކުރެވިދާނެއެވެ. 

"އަހުރެންނަށް ބޮޑު ކުށެއް ކުރެވިއްޖެއެވެ. މިވެނި ކަމަކީ އަހުރެންނަށް ކުރެވުނު ބޮޑު ކުށެކެވެ. ތިއަބުނަނީ އަހުރެންނަށް ކުރެވިފައިވާ ބޮޑު ކުށެއްގެ ވާހަކައެވެ." މިފަދަ ޢިބާރާތަކުން ކުރެވުނު ކުށަށް އިޢުތިރާފްވެއްޖެނަމަ އެކުމުން އަންގައިދެނީ ކުށެއް ކުރެވިއްޖެކަން އޭނާއަށް އިޙްޞާޞްކުރެވޭ ކަމެވެ.  

ދެން އޭނާ "ތިމާއަށް އެކުށްކުރެވުނީ ޝައިޠޯނާގެ ބަހަށް ހެއްލެވިގެންނެވެ. ދެން އެފަދަ ކުށެއް ނުކުރަން މާތް ﷲ ހެކިކޮށް ވަޢުދުވަން" ކަމަށް ބުނެފައި މާފަށް އެދިއްޖެނަމަ މާފުކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އެހިސާބުން އޭނާ ދެން ކަންކަން ކުރާގޮތް މާތް ﷲ ބައްލަވައި ވޮޑިގެންވާނެތެވެ. މާތް ﷲ ގެ ނަންފުޅުގަނެ ވީވަޢުދުގައި ނުހިފަހައްޓައިފިނަމަ އެކަމަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ. އެކަމަށް ވިސްނާކަށް ތިބާއަކަށް ނުޖެހޭނެއެވެ.

ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް އެމީހަކު މާފަށް އެދުމުން މާފުނުކުރުމަކީ މާތް ﷲ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. ކިތަންމެ ގިނަ އަދި ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެހުރިހާ ފާފަތަކެއް މާތް ﷲ ފުއްސަވައި ދެއްވަވާކަން އަންގަވާފައި އެއޮތް ސަބަބަކީވެސް އެއީއެވެ.  

ބައެއް ކުށްތަކަށް މާފުކުރަން ފަސޭހަނުވެދާނެއެވެ. ނަމަވެސް މާތް ﷲ ގެ މަތިވެރި ނަންފުޅު ކިޔައި މާފަށް އެދިއްޖެނަމަ މާފުކުރަން ފަސްނުޖެހޭށެވެ. މާފުކުރުމުގައި ދީލަތިވުމަކީ އެމީހެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާ ސަބަބެކެވެ. އިން ޝާ ﷲ 

މުފްތީ މެންކްގެ ދަރުސަކުން

 

- މިއަދުނޫސް

މިއަދު އޮންލައިން