ކުރެވޭ ފާފަ ފޮހެލުމަށް އޮތް ދެ މަގު: ފަޟީލަތުއްޝައިޚް ޢަބްދުއްސަލާމް އަލްޝުވަޢިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ކުރެވޭ ފާފަ ފޮހެލުމަށް އޮތް ދެ މަގު: ފަޟީލަތުއްޝައިޚް ޢަބްދުއްސަލާމް އަލްޝުވަޢިރު

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްތިޣްފާރު ކުރުމަކީ މާތްﷲގެ ކިބައިން ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. އިންސާނަކަށް ފާފައެއްގެ މަތީގައި ދެމިހުރެވުނު ކަމުގައި ވިޔަސް، އެކަލާނގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވައިފިނަމަ މާތްﷲގެ ދީލަތިވަންތަކަމާއި އޯގާވެރިކަމުގެ ސަބަބުން، އެމީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެތެވެ. އަދި ކިއެއްތަ، އެކަލާނގެ ކުޅަދުންވަންތަކަމާއި ރަޙްމަތްފުޅުގެ ތެރެއިން، މުސްތަޤްބަލުގައި ކުރެވޭނެ ފާފަތައްވެސް ފުއްސަވައިދެއްވުމަކީ އެކަލާނގެއަށް ކުޅަދުންވަންތަ ކަމެކެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ: "ތިޔަބައިމީހުން ޝުކުރުވެރިވެއްޖެނަމަ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (ނިޢުމަތްތައް) އިތުރުކޮށްދެއްވާނެކަން ކަށަވަރެވެ." 

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ބަޔާންކުރައްވާފައިވާ ގޮތުގައި، ފާފަ ފުއްސެވުމަށް މެދުވެރިވާ މައިގަނޑު ދެ ސަބަބަކީ ތައުބާވުމާއި އިސްތިޣްފާރު ކުރުމެވެ. މި ދެކަމަކީ ތަފާތު ދެ ކަމެކެވެ. އިސްތިޣްފާރު ކުރުމަކީ އޭގެ ޒާތުގައި ތައުބާވުން ލާޒިމުކުރާ ކަމެއް ނޫނެވެ. 

ތައުބާވުމަކީ ހިތުގެ އިޚްލާޞްތެރިކަމާ ގުޅިފައިވާ ޢަމަލެކެވެ. އިސްތިޣްފާރު ކުރުމަކީ ދުލުން ކިޔާ ޛިކުރެކެވެ. އެހެންނަމަވެސް، އިސްތިޣްފާރު ކުރާއިރު އެކަމުގެ ފުން އަސަރު ހިތުގައި އޮތުމަކީ މުހިންމު ކަމެކެވެ. "އަސްތަޣްފިރުﷲ" (މާތްﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދެމެވެ) މިފަދައިން ބުނުމުގެ މާނައަކީ "އޭ އަޅުގެ ވެރި ރަސްކަލާކޯއެވެ! އަޅުގެ ފާފަ ފުއްސަވައިދެއްވައި، ނިވައިކޮށްދެއްވާނދޭވެ!" މިފަދައިން ދެންނެވުމެވެ. 

ލޮބުވެތި ނަބިއްޔާ ﷺ މި ދެކަންތައް އެކުއެކީގައި ކުރެއްވުމަށް ބާރުއަޅުއްވަވައި ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނު މާތްﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވަމެވެ (އިސްތިޣްފާރު ކުރައްވަމެވެ). އަދި އެކަލާނގެ ޙަޟްރަތަށް ތައުބާވަމެވެ." މިއިން އެނގެނީ އިސްތިޣްފާރު ކުރުމާއި ތައުބާވުމަކީ ވަކިވަކިންނާއި އެކުއެކީގައިވެސް ކުރެވިދާނެ އަޅުކަންތައްތަކެއް ކަމެވެ. 

ތައުބާގެ ޝަރުޠުތަކަކީ ކުރަމުން އައި ފާފަ ވަގުތުން ދޫކޮށްލުމާއި، ކުރެވުނު ކަމުގެ މައްޗަށް ހިތާމަކުރުމާއި، ދެވަނަ ފަހަރަށް އެ ފާފައަށް އެނބުރި ނުދިއުމަށް ވަރުގަދަ ޢަޒުމެއް ކަނޑައެޅުމެވެ. ތައުބާ ފުރިހަމަވަނީ މި ތިން ރުކުން ފުރިހަމަވުމުންނެވެ. ނަމަވެސް އިސްތިޣްފާރު ކުރުމަކީ ފާފަ ފުއްސެވުމަށް އެދި ދެންނެވޭ ދުޢާއެކެވެ. މީހަކު ފާފައަކުން އެއްކޮށް ދުރުނުވެވުނު ކަމުގައި ވިޔަސް، އިޚްލާޞްތެރިކަމާއެކު އިސްތިޣްފާރު ކޮށްފިނަމަ، މާތްﷲ އެމީހެއްގެ ފާފަ ފުއްސަވައިދެއްވުމަކީ އެކަލާނގެ ދީލަތިވަންތަކަމުގެ ތެރޭގައިވާ ކަމެކެވެ. 

ޤުދުސިއްޔަ ޙަދީޘެއްގައި ބަޔާންވެގެންވާ ގޮތުގައި، އަޅަކު ފާފައެއް ކުރުމަށްފަހު އިސްތިޣްފާރު ކުރުމުން މާތްﷲ އެމީހަކަށް ފާފަ ފުއްސަވައިދެއްވައެވެ. އަދި ތަކުރާރުކޮށް ފާފަކުރެވި، އަލުން އިސްތިޣްފާރު ކުރާ ކޮންމެ ފަހަރަކުވެސް އެކަލާނގެ ފާފަ ފުއްސަވައިދެއްވައެވެ. މާތްﷲ އެ އަޅަކަށް ވަޙީކުރައްވައެވެ: "ތިބާ ބޭނުން ކަމެއް ކުރާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިބާއަށް ފާފަ ފުއްސަވައިދެއްވައިފީމެވެ." މިއީ އެކަލާނގެ ބައެއް އަޅުންނަށް ދެއްވާ ޚާއްޞަ ރަޙްމަތެކެވެ. (މިމަތިވެރި ދަރަޖަ ދެއްވަވާ ހިސާބަށް ދެވޭނީ ވަރަށް މަސައްކަތުންނެވެ. އެފަދަ މީހަކަށް ފުރުޞަތު ލިބުނަސް ފާފައެއް ނުކުރާނެއެވެ.)

އެހެންކަމުން، ތައުބާވުމާއި އިސްތިޣްފާރު ކުރުމުގެ ތަފާތު ދެނެގަތުން މުހިންމެވެ. އިސްތިޣްފާރަކީ އިޖާބަ ލިބުން އެކަށީގެންވާ ދުޢާއެކެވެ. އެންމެ ފުރިހަމަ ގޮތަކީ ތައުބާވުމާއި އިސްތިޣްފާރު ކުރުން އެކުއެކީގައި ކުރުމެވެ. "އަސްތަޣްފިރުﷲ ވައަތޫބު އިލައިހި" މިފަދައިން ދަންނަވާއިރު، ދުލުން ކިޔާ ބަހާއި ހިތުގެ އިޙްސާސްތައް އެއްގޮތްވާންޖެހެއެވެ. އިސްތިޣްފާރު ކުރާއިރު މާތްﷲގެ މަތިވެރިކަމާއި ރަޙްމަތަށް އުއްމީދުކޮށް، ތައުބާވާއިރު ފާފައާ މެދު ހިތާމަކޮށް އެކަމުން ދުރުހެލިވުމުގެ ޢަޒުމް އޮންނަންވާނެއެވެ.

މުޙައްމަދު ﷺ ގެ އުންމަތަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ، ކިތަންމެ ގިނަ ފާފަތަކެއް ކުރެވުނު ކަމުގައި ވިޔަސް، އިސްތިޣްފާރު ކުރުމާއި ހެޔޮ ޢަމަލުތަކުގެ ސަބަބުން އެ ފާފަތައް ފޮހެވިގެންދާނެ މަގު ތަނަވަސްވެފައި އޮތުމެވެ. 

- ފަޟީލަތުއްޝައިޚް ޢަބްދުއްސަލާމް އަލްޝުވަޢިރުގެ ދަރުސަކުން

 

- މިއަދުނޫސް

 

 

                   

މިއަދު އޮންލައިން