ދަރިފުޅު ކައިވެނިކުރުމުން މަންމައަކު ދިން މިލިއަން ޑޮލަރަށްވުރެ އަގުހުރި ނަޞީޙަތް- ކޮންމެ ދެމަފިރިއަކަށްވެސް އެނގުން ވަރަށް މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދަރިފުޅު ކައިވެނިކުރުމުން މަންމައަކު ދިން މިލިއަން ޑޮލަރަށްވުރެ އަގުހުރި ނަޞީޙަތް- ކޮންމެ ދެމަފިރިއަކަށްވެސް އެނގުން ވަރަށް މުހިންމު!

އޭނާއަށް ލިބުނީ އެންމެ ދަރިއެކެވެ. އެއީ ފިރިހެން ދަރިއެކެވެ. ދަރިފުޅަށް 10 އަހަރުގައި ފިރިމީހާ ގެއިން ދިއަގޮތަށް އެނބުރި ނުއަންނާތީ ދަރިފުޅުގެ ހުރިހާ ކަމެއް ބަލަހައްޓައިގެން ގެންގުޅުނީ މަންމައެވެ.  

ދަރިފުޅަށް ހަމައެކަނި ކިޔަވައިދިނީއެއް ނޫނެވެ. ކައިވެންޏަށްފަހު އަނބިމީހާއާއިމެދު ކަންކަން ކުރަންޖެހޭނެ ގޮތްވެސް ދަސްކޮށްދިނެވެ. އެހެންކަމާއިއެކުވެސް ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެނައުމަށްފަހު އެކުވެރިންގެ ކުރިމަތީގައި އަނބިމީހާއަށް އަދާކުރަންޖެހޭނެ ޙައްޤުތައް ކިޔައިދެމުން ބުންޏެވެ.  

"ދަރިފުޅާއެވެ! އަނބިމީހާ ޙައްޤުގޮތުގައި ހުރިނަމަ އަބަދުވެސް ދިފާޢުކުރަންވާނެއެވެ. އެއީ މަންމަގެ ކުރިމަތީގައި ނަމަވެސް އެކުވެރިންގެ ކުރިމަތީގައި ނަމަވެސްމެއެވެ. އަދިޢާއިލާގެ ކޮންމެ މީހެއްގެ ކުރިމަތީގައި ނަމަވެސްމެއެވެ.  

އަނބިމީހާއަށް މަލާމާތާއި ފުރައްސާރަކުރަން ފުރުޞަތުދޭމީހާ އެލިބިގަންނަނީ އެންމެ ބޮޑު ދެރަނިކަމެތިކަމެވެ. އެކަމަށް ހިތާމަކުރަން ނުޖެހި ނުދާނެއެވެ. ފުރަތަމަކޮޅު އަނބިމީހާ ބަހެއް ނުބުނެ ކިޔަމަންތެރިވެގެން ހުރެދާނެއެވެ. އެކަމަކު ކެތްތެރިކަން ކޮޅުންލާނެއެވެ. ނަތީޖާއަކަށްވެގެންދާނީ ފިރިމީހާއަށް ކުރާ އިތުބާރު ގެއްލުމެވެ. ފިރިމީހާގެ މައްޗަށް އޮތް ލޯބި ކުޑަވެގެންދިއުމެވެ.  

ދެމަފިރިންގެ ކަންކަމަށް ބެހުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުދޭށެވެ. މީހުން ދޭ ހެޔޮ ނަޞީޙަތް އަޑުއަހަންވާނެއެވެ. ނަމަވެސް އެއިގެ މާނައަކީ މީހުން ބުނާ ގޮތަށް އަނބިމިހާއާއިމެދު ހުރިހާ ކަމެއް ކުރުމެއް ނޫނެވެ. އަނބިމީހާއާއިމެދު ކިތަންމެ ކުޑަނަމަވެސް ކަމެއް ކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ.  

އަނބިމީހާއަށް ނަޞީޙަތް ދޭންވާނީ ދެމީހުން އެކަނި ތިބެގެންނެވެ. އެއަޑު ހަމައެކަކަށްވެސް އިއްވައިގެން ނުވާނެއެވެ. އަނބިމީހާއަށް ލަދުގަންނަންޖެހޭނެ ގޮތަށް ކަންކަން ކުރީމާ ހިތުގައި ނުޖެހޭނެ އަންހެނަކު ނުހުންނާނެއެވެ. ވީމާ މީހުންގެ ކުރިމަތީގައި އަނބިމީހާ ދިފާޢުކުރަންވާނެއެވެ. އަނބިން އެންމެ ބޮޑަށް ބޭނުންވާނެއ ެއްކަމަކީ އެއީއެވެ. އަނބިމީހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވެއްޖެނަމަ އޭނާއާއި އިތުރަށް ކައިރިވެ ހިތްވަރުދޭށެވެ. އެކަމުގައި އަނބިމީހާއާއިއެކު ހުރިކަން އަންގައިދޭށެވެ.  

ދަރިފުޅާއެވެ! މިކަންކަމަށް ސަމާލުކަން ނުދީ ތިމާއަށް އުފާވެރިކަން ލިބޭނެ ކަމަށް ހީވެސް ނުކުރާށެވެ! ރަނގަޅަށް ވިސްނާށެވެ! ދަރިފުޅުވެސް އަނބިމީހާއަށް ސަމާލުކަންދޭނީ އޭނާގެ ކިބައިން ސަމާލުކަން ލިބޭވަރަކުންނެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވީމާ އަނބިމީހާވެސް ދަރިފުޅަށް ސަމާލުކަންދޭނީ ދަރިފުޅު އޭނާއަށް ސަމާލުކަން ދިންވަރަކުންކަން ޤަބޫލުކުރަންވާނެއެވެ.  

މަންމަ މިއިނީ ވަރަށް މުސްކުޅިވެފައެވެ. މަންމައަށް މާދަމާ ދުނިޔެއާއި ވަކިވާންޖެހުނަސް މިނަޞީޙަތަށް ޢަމަލުކުރުން ހުއްޓައިނުލާށެވެ! އެއިރުން ދަރިފުޅަށްވުރެ އުފަލުގައި ހުރެވޭނެ މީހަކު ނުހުންނާނެއެވެ.  

މިމަންމަގެ މިނަޞީޙަތަކީ ޢިލްމްވެރިން ވަރަށް ގިނައިން ދައްކަވާ ވާހަކަފުޅުތަކުގެ ޚުލާޞާއެކެވެ. ނަޞީޙަތުގެ މުހިންމުކަން ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދިނީއެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން