ޢަލީ އިޙްޞާން ފިރާޤް
މަރްޔަމުގެފާނު ވަޑައިގެންނެވީ މީސްތަކުންނަށް އެކަމަނާ ފެނިވަޑައިނުގަންނަވާ ތަނަކަށެވެ. އެކަމަނާއަށްވެސް މީސްތަކުން ފެނިވަޑައިނުގަންނަވާނެ ތަނަކަށެވެ. އެކަމަށް އިޝާރާތް ކުރައްވައި، މަރްޔަމް ސޫރަތުގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
فَحَمَلَتْهُ فَانتَبَذَتْ بِهِ مَكَانًا قَصِيًّا﴿٢٢﴾
މާނައީ: [ފަހެ، އެ ދަރިކަލުންނާއިގެން އެކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގަތެވެ.]
ކޮންމެއަކަސް، މަރްޔަމުގެފާނުގެ ދުވަސްފުޅުފުރާ ފުރިހަމަވެއްޖެއެވެ. އެކަމަނާ عيسى عليه السّلام އާއިގެން ރައްކާވުމުގެ ވޭންވަރު އައިސް ޖެހުނެވެ. އެކަމަށް އިޝާރާތްކުރައްވައި ޤުރްއާނުގެ މަރްޔަމް ސޫރަތުގެ 23 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا ﴿٢٣﴾
މާނައީ: [ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!]
މަރްޔަމުގެފާނަށް ލިބިވަޑައިގަންނަވަމުން ގެންދެވި ވޭނެއްގެ ބޮޑުކަމުން އެވޭންތައް ޖެހިވަޑައިގެންނެވުމުގެ ކުރިން އެކަމަނާ އަވާހާރަވެ ދިޔަނަމަ ރަނގަޅުކަމުގައި ވިދާޅުވިއެވެ. އެހެނީ އޭރު އެކަމަނާވަނީ ލިބިވަޑައިގަންނަވާ ވޭނުގެ ސަބަބުން ޙާލުކޮޅެއް ނެތިފައެވެ. އެކަމަނާ އެ ޙާލުކޮޅުގައި އޮންނަވަނިކޮށް ޖިބްރީލުގެފާނު އެކަމަނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. ހިތާމަނުކުރެއްވުމަށް އެންގެވިއެވެ. އަދި މާތްﷲ އެކަމަނާއަށްޓަކައި ދޮންވެފައްކާވެފައިވާ ކަދުރުހުރި ކަދުރު ރުކެއްލެއްވި ވާހަކަވެސް ވިދާޅުވެދެއްވިއެވެ. މިދެންނެވި ކަންތަށްތަކަށް އިޝާރާތްކުރައްވައި މަރްޔަމު ސޫރަތުގެ 24 ވަނަ އާޔަތާއި 25 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
فَنَادَاهَا مِن تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ﴿٢٤﴾ وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا ﴿٢٥﴾
މާނައީ: [ދެން އެކަމަނާ (އޮންނެވިތާނގެ) ގެ ދަށުން އެކަމަނާއަށް ملائكة އާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ. އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.]
މިދެންނެވުނު ކަންތައްތަކުގެ އިތުރުން ޖިބްރީލުގެފާނު އެކަމަނާ عيسى عليه السّلام އާގެން ރައްކައުވުމަށްފަހު ޢަމަލުކުރާންވީ ގޮތްވެސް އެމަނާއަށް ބަޔާންކޮށްދެއްވިއެވެ. މަރްޔަމު ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا ﴿٢٦﴾
މާނައީ: [ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.]
އަބޫ ޔަޢުލާ އޭނާގެ މުސްނަދުގައި ރިވާ ކުރައްވައިފައިވާ ޙަދީޘެއްގައިވެއެވެ. ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ.
أَطْعِمُوا نِسَاءَكُمُ الْوُلَّدَ الرُّطَبَ ، فَإِنْ لَمْ يَكُنْ رُطَبٌ فَالتَّمْرُ ، وَلَيْسَ مِنَ الشَّجَرِ أَكْرَمُ عَلَى اللَّهِ مِنْ شَجَرَةٍ نَزَلَتْ تَحْتَهَا مَرْيَمُ بِنْتُ عِمْرَانَ { أبو يعلى الموصلي في مسنده - مُسْنَدُ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ - حديث رقم 434}
މާނައީ: [ތިބަޔައިމީހުން މާބަނޑު އަންހެނުންނަށް ތާޒާ ރޯކަދުރު ކާންދޭށެވެ. ތާޒާ ރޯކަދުރު ނުލިބިއްޖެނަމަ ހިއްކި ކަދުރު ދޭށެވެ. މާތްﷲ ޙަޟްރަތުގައި ކަދުރު ރުކަށްވުރެ މާތް ގަހެއް ނުވެއެވެ. ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމުގެފާނު އިށީންދެވަޑައިގެން އިންނެވީ ކަދުރު ރުކެއްގެ ހިޔަލުގައެވެ.]
މި ޙަދީޘްއާ މެދު އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. هَذَا حَدِيثٌ مُنْكَرٌ جِدًّا މި ޙަދީޘަކީ މުންކަރުކަން ބޮޑު ޙަދީޘެކެވެ. { ابن كثير رحمه الله في تفسيره 5/ 199}
ޤައުމަށް އެނބުރި ވަޑައިގެންނެވުން:
عيسى عليه السّلام ރައްކައުވެ ވަޑައިގެންނެވުމަށްފަހު މަރްޔަމުގެފާނަށް މާތްﷲ ހިންގަވައިދެއްވި ފެންއާރުން ފެންފޮދު ހިއްޕަވައި، އެކަމަނާއަށް މާތްﷲ ދެއްވި ކަދުރުގެ ރިޒުޤުން ފަރީއްކުޅުއްވިއެވެ. އެކަމަނާއަށް އެތަކެތީ ފަރީއްކުޅުވުމުން ހަށިކޮޅުގައި ވަރުޖެހިގެންދިޔައެވެ. އެހެންކަމުން ތުއްޕުޅު عيسى عليه السّلام އުރުވަޑުވައިގެން ވަޑައިގެންނެވިއެވެ.
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މަރްޔަމުގެފާނުގެ ޤައުމުގެ މީސްތަކުން އެކަމަނާ ވީނުވީތަނެއް ނޭނގި ގެއްލުމުން އެކަމަނާ ހޯދަން ނުކުތެވެ. އެހެނީ އެކަމަނާއަކީ ނަބީބޭކަލުންގެ ނަސަބުފުޅުން ވަޑައިގެންނެވީ މާތް ބޭކަނބަލެވެ. އެބައިމީހުން އެކަމަނާގެ ހިލަމެއްވޭތޯ ގަދައަޅައި މަސައްކަތް ކުރުމުންވެސް އެކަމަނާގެ އެއްވެސް ހިލަމެއް އެބައިމީހުންނަކަށްނުވިއެވެ. އެހެން އެބައިމީހުން އެއްތަނެއްބަލަމުން އަނެއްތަނެއްބަލަމުން ދަނިކޮށް ބަކަރިގޮތްވެއް ފެނިގެން އެކަމަނާގެ ސިފަތައް ބަޔާންކޮށްދީ އެކަމަނާ ދުށިންތޯ އެހިއެވެ. އޭނާ ބުންޏެވެ. [ނޫނެކެވެ. އެކަމަކު ތިމަންގެ ގެރިތަށް އެހެރަ ދިމާލަށް ސަޖިދަކުރާތަން ދުށީމެވެ.] ދެން އެބައިމީހުން އޭނާ އިޝާރާތްކުރި ދިމާއަށް ދަނިކޮށް އެދިމާލުން މަރްޔަމުގެފާނު، ޢީސާގެފާނު އުރުވަޑުވައިގެން ވަޑައިގަންނަވާ މަންޒަރު ފެނިއްޖެއެވެ. އެކަމަނާއަށް އެބައިމީހުން ފެނުމުން ދަރިކަލުން އުނގުފުޅަށް ލައްވައިގެން އިށީންދެވަޑައިގެންނެވިއެވެ. ދެން އެބައިމީހުން އައިސް އެކަމަނާ ވަށާލިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 251}
އެބައިމީހުން އައިސް މަރްޔަމުގެފާނަށް ދެންނެވި ވާހަކަ މަރްޔަމް ސޫރަތުގެ 27 ވަނަ އާޔަތާއި 28 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا ﴿٢٧﴾ يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ﴿٢٨﴾
މާނައީ: [ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ. އޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.]
މިދެންނެވި ދެ އާޔަތުން ފަހަށް އޮތް އާޔަތުގައި އޮތް "އޭ هارون ގެ أخت އާއެވެ! " މިހެން އޮތް ބަސްފުޅާމެދުގައި ރިވާވެގެންވެއެވެ. މުޣީރަތު ބުނު ޝުޢުބާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ނަޖުރާނަށް ދިޔަތަނުން ނަޖުރާނުގެ ނަޞާރާއިން ތިމަންކުރެ އަހައިފިއެވެ. [ކީރިތި ޤުރުއާނުގައި "އޭ هارون ގެ أخت އާއެވެ! " މިހެން އޮންނަ އާޔަތެއް ތިޔަބައިމީހުން ކިޔަމުއެވެ. މޫސާގެފާނު އުފަންވެވަޑައިގަތީ ޢީސާގެފާނުގެ އެތައް ޒަމާނެއްކުރިންނެވެ. ( މޫސާގެފާނަކީ ޙާރޫނުގެފާނުގެ އަޚެކެވެ. އޭގެދެކަލުން އުޅުއްވީ އެއްޒަމާނެއްގައެވެ.) ދެން އަހަރެން އެނބުރި މަދީނާއަށް އައިސް ރަސޫލާގެ އަރިހުގައި އެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
" إِنَّهُمْ كَانُوا يُسَمُّونَ بِأَنْبِيَائِهِمْ وَالصَّالِحِينَ قَبْلَهُمْ " [الترمذي في جامعه - باب: ومن سورة مريم - حديث رقم 3227، أحمد في المسند - حَدِيثُ الْمُغِيرَةِ بْنِ شُعْبَةَ - حديث رقم 17927 ]
މާނައީ: [ކުރީގެ މީހުން އެބައިމީހުންގެ ދަރީންނަށް އިހު އުޅެފައިވާ ނަބީބޭކަލުންނާ ޞާލިޙުންގެ ނަމުން ނަންދީއުޅުނެވެ.]
ކޮންމެއަކަސް ބަނީ އިސްރާއީލުގެ މީސްތަކުން، މަރްޔަމުގެފާނާ ދޭތެރޭގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. ނަމަވެސް އެކަމަނާ އެބައިމީހުންނަށް އެއްވެސް ރައްދެއް ނުދެއްވައެވެ. ރަޙުމާނުވަންތަ ރަސްކަލާނގެ ޙަޟްރަތަށް ރޯދައަށް ހުރުމަށް ނުވަތަ ހަނުހުރުމަށް އެކަމަނާ ނިޔަތް ގެންފައިވާތީއެވެ. އެހެންކަމުން އެކަމަނާ އެކަމަނާގެ ތުއްޕުޅު ދަރިކަލުން ޢީސާގެފާނަށް އެބައިމީހުންނަށް ޖަވާބު ދެއްވުމަށް އިޝާރާތް ކުރެއްވިއެވެ. އެ މަންޒަރު ފެނުމުން އެއްވެފައިވާ ޔަހޫދީންގެ ޙިބުރުން ބުނެފިއެވެ. [ބަލަގަ ފެންކޮށީގައިވާ ތުއްޕުޅު ބޭފުޅަކަށް ވާހަކަ ދެއްކޭނީ ކިހިނެތް ހެއްޔެވެ؟]
މިކަން ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގެ މަރްޔަމު ސޫރަތުގެ 29 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
فَأَشَارَتْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَن كَانَ فِي الْمَهْدِ صَبِيًّا ﴿٢٩﴾
މާނައީ: [ފަހެ، އެކަމަނާ އެ ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟]
އެބައިމީހުން މިދެންނެވި ބީދައިން އެކަމަނާއަށް މަލާމާތުގެ ގޮތުން ވާހަކަ ދައްކަމުން ގެންދަނިކޮށް ޢީސާގެފާނުގެ ފަރާތްޕުޅުން އިރުޙާޟް ފާޅުވެއްޖެއެވެ. އެކަލޭގެފާނު އެބައިމީހުންނަށް ޖަވާބުދެއްވަން ފެއްޓެވިއެވެ. މި ވާހަކަ މަރްޔަމު ސޫރަތުގެ 30 ވަނަ އާޔަތުން ފެށިގެން 33 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ބަޔާން ކުރައްވައިފައިވެއެވެ.
قَالَ إِنِّي عَبْدُ اللَّـهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا ﴿٣٠﴾ وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴿٣١﴾وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا ﴿٣٢﴾ وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ﴿٣٣﴾
މާނައީ: [އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ.އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، بركات ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاة ދިނުމަށް، އެކަލާނގެ މިއަޅާޔަށް وصية ކުރެއްވިއެވެ.އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، جبّـار އަކު ކަމުގައި ނުލައްވަތެވެ.މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (محشر އަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް سلام ހުށްޓެވެ.]