މުސާރަދިނަސް ރަނގަޅު ގޮތުގަ ބަލިމީހަކު ބަލައިނުދީގެން އުޅެންޖެހޭއިރު ބަލީޙާލުގަ ތިބި ތިމާގެ މައިންބަފައިން ބަލައިދޭ އަނބިންގެ އަގު ވަޒަންނުކުރުމަކީ ދެވޭ ބޮޑު އަނިޔާއެއް! ކެތްތެރިއެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
މުސާރަދިނަސް ރަނގަޅު ގޮތުގަ ބަލިމީހަކު ބަލައިނުދީގެން އުޅެންޖެހޭއިރު ބަލީޙާލުގަ ތިބި ތިމާގެ މައިންބަފައިން ބަލައިދޭ އަނބިންގެ އަގު ވަޒަންނުކުރުމަކީ ދެވޭ ބޮޑު އަނިޔާއެއް! ކެތްތެރިއެއް ނުވެވޭނެ!

ފުރަތަމަ މިޙާދިސާއަށް ވިސްނައިލާށެވެ! ފިރިމީހާގެ މަންމައަކީ ވަރަށް ބަލިޙާލުގަ އެނދުމަތިވެފައި އޮންނަން ޖެހިފައިވާ އަންހެނެކެވެ.

އަނބިމީހާ ފިރިމީހާ ދެކެ ވާލޯބިބޮޑުކަމުން މައިދައިތަގެ ހުރިހާ ކަންކަންވެސް ކޮށްދެނީ ވަރަށް ލޯބިންނެވެ. އަމިއްލަ މަންމައަށްވެސް ކަންކަން ކޮށްދޭނެ ފަދައިންނެވެ. އެކަމަށް އެއްވެސް ޝަކުވާއެއް ނެތިއެވެ.  

އަހަރެއްހައި ދުވަސްފަހުން އަނބިމީހާގެ ފައިދުޅަވާން ފެށުމުން ޑޮކްޓަރަށް ދައްކަން ޖެހުނެވެ. ގޮވައިގެން ޑޮކްޓަރަށް ގޮސްލާނެވަޤުތުވެސް ފިރިމީހާއަށް ލިބޭކަމަކަށް ނުވެއެވެ. ހޮސްޕިޓަލަށް ދާންޖެހެނީ އެކަންޏެވެ. އަދި ހޮސްޕިޓަލަށް ދާދުވަހަކު ކަންކަން ވީގޮތް އޮޅުންފިލުވައިލާނެ ވަޤުތުވާކަމަކަށްވެސް ނުވެއެވެ.  

ނަތީޖާއަކަށްވީ އަނބިމީހާގެ ބަލި ބޮޑުވާން ފެށުމެވެ. ޖެހިގެންއުޅޭ ބައްޔަށްވުރެ ފިރިމީހާ އަޅައިނުލުމުން ޖެހުނު ބަލި ބޮޑުވީއެވެ. އެހެންވެ މަންމަ ބަލައިދޭނެ މީހަކު ހޯދަން ބުނުމުން ބުނީ އެހާފައިސާ ނެތްކަމަށެވެ. އަނބިމީހާ ބުންޏެވެ. "ފައިސާ ނެތީމާ އަހުރެން މަންމަ އެބަ ބަލަމެވެ. މަންމަ ހޮސްޕިޓަލަށްވެސް ގެންދަމެވެ. އެއިން އެއްވެސް ކަމަކަށް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އެކަމަކު ނިކަންބުނެބަލާށެވެ! އަހުރެން ގޮވައިގެން ފިރިމިހާއަށް ޑޮކްޓަރަށް ނުދެވެނީވެސް އަތުގައި ފައިސާ ނެތިގެން ހެއްޔެވެ؟ އަހުރެންގެ ޙާލު އޮޅުންފިލުވައި ނުލެވެނީވެސް އަތުގައި ފައިސާ ނެތިގެންހެއްޔެވެ؟ ވިސްނަމުންގޮސް ބަލިވެއްޖެއެވެ. ފައިގަ އަޅާވޭނަށްވުރެ ސިކިނޑީގައަޅާވޭން މާބޮޑުވެއްޖެއެވެ. ހިތުގަ އަޅާވޭން މާބޮޑުވެއްޖެއެވެ.  

އަދިވެސް އަހުރެން ތިބާގެ މަންމަދެކެ ވަރަށް ލޯބިވަމެވެ. އެހެންވެ އަދި އެއްމަސްދުވަހު ބަލައިދޭނަމެވެ. މަސްދުވަސްތެރޭ ވަރިކޮށްދޭންވާނެއެވެ. އެއިރުން ޢިއްދައިގަ އިންނަ 3 މަހުވެސް ބަލައިދޭނަމެވެ. ޢިއްދަ ނިމެންވާއިރަށް މަންމަ ބަލާނެ ގޮތެއް ހޯދާށެވެ. ގެދޮރުހުރީމަ އިންނާނެ ބައިވަރު އަންހެނުން ލިބޭނެއެވެ. މިޙާލުގައި އުޅެ ނިމިދާކަށް ބޭނުމެއް ނޫނެވެ. ހުރިހާ ކަމެއް ކޮށްދެނިކޮށްވެސް މިފެނުނީ ނުތެދުވެވޭ ދުވަހެއް އަތުވެއްޖެނަމަ އުޅެންޖެހޭނެ ޙާލެވެ."  

ފިރިމީހާއަށް ހޭލެވުނީ އެހިސާބުންނެވެ. އަނބިމީހާގެ ފަރާތުން ލިބެމުން އަންނަ ޚިދުމަތާ  އަނބިމީހާއާއިމެދު ކަންކަން ކުރެވުނު ގޮތް ވިސްނުނެވެ. ވަރަށް ދެރަވެ މާފަށް އެދުމުން ބުނީ މާފަށް އެދުމަކީ ބުނާ ބަހަކަށް ހަދައިގެން ނުފުދޭނެ ކަމަށާއި ޢަމަލުން އެކަން ދެއްކުމުން އިތުރަށް ވިސްނާނެ ކަމަށެވެ.  

ފިރިމީހާ އޭނާގެ ކަންކަން އިޞްލާޙްކުރިއެވެ. އަނބިމީހާއަށް އަޅައިލާން ފެށިއެވެ. އަގުވަޒަންކޮށް ޝުކުރުވެރިވާން ފެށިއެވެ. އެހިސާބުން ކަންކަން ޙައްލުކުރެވި ހަމައަކަށް އެޅުމުން ފިރިމީހާ ބުންޏެވެ. "ތިބާ ތިއަކޮށްދޭ ޚިދުމަތް ކޮށްދޭނެ އެހެން އަންހެނަކު ލިބޭނެކަމަށް ޤަބޫލެއް ނުކުރަމެވެ. އިރާދަކުރެއްވިއްޔާ ޢުމުރަށްވެސް ތިބާގެ އަގު ވަޒަންކުރާނަމެވެ." އަނބިމީހާ ބުނީ އެހެންކަމަށްވާނަމަ ޝުކުރުވެރިވާ އަންތބެއްގެ ގޮތުގައި އިންނާނެ ކަމަށެވެ.  

އަހުރެން ބުނަން ބޭނުންވަނީ މިކިޔައިދިން ޙާދިސާއިން ޢިބްރަތް ޙާޞިލުކުރާށެވެ! ވިސްނާށެވެ! އަނބިމީހާއަށް ޚަަރދުކޮށް ބެލެހެއްޓުމަކީ މައިދައިތަ ބަލަން ޖެހޭނެ ސަބަބެއް ނޫނެވެ. ބަލައިދޭނަމަ އެއީ އޭނާގެ ރަނގަޅު ކަމެވެ. އެކަމަށް ޝުކުރުވެރިވާށެވެ! ޝުކުރުވެރިވުމަކީ ލޯތްބާއި އަޅައިލުން ދިނުން އިތުރުކުރުމެވެ. ބަލިވެއްޖެނަމަ އަމިއްލައަށް އިސްނަގައިގެން ފަރުވާކޮށްދިނުމެވެ. އެކަންކަމުގަ ފޭލްވީމަވެސް އަނބިމީހާ ރުޅިނައިސް ވާހަކަ އެދެއްކީ ދައްކަންޖެހޭނެ ގޮތަށެވެ. ކަންތައް އެކުރީ ކުރަން އޮތް އެންމެ ރަނގަޅު ގޮތަށެވެ. ގިނަ އަނބިން ބުނެވެސް ނުލައި ނުކުމެގެންދާނީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން