ސިޙުރުވެރިޔާ ތިމަންނަ މިހަދަނީ މުޖައްރިބް ސިޙުރުކަމަށް ބުނިނަމަވެސް އެކަން ޤަބޫލުނުކުރަންވީ މިފަދަ ޙާދިސާތައް ހިނގާތީއެވެ. ކިޔުންތެރިޔާގެ ބަސް ވިދާޅުވެލައްވާށެވެ!
އަޅުގަނޑުގެ ޒުވާން ޢުމުރުގައި ވަރަށް ބޮޑު ކުށެއް ކުރެވުނެވެ. އެއީ އެތައް ބައިވަރު ސިޙުރުވެރިންގެ އެހީތެރިކަން ހޯދުމެވެ. އެމީހުން ލައްވައި ސިޙުރު ހެއްދުވުމެވެ. އެކަމަކު އެއީ އެއްވެސް މީހަކަށް ގެއްލުމެއް ދޭކަށް ނޫނެވެ. އަޅުގަނޑު ޙާޞިލްކުރަން ބޭނުންވި ކަމެއް ޙާޞިލްކުރެވޭތޯއެވެ.
ތަނަވަސްކަން ހުރީތީ ޚަރަދުކުރެވުނުވަރެއްވެސް ނުއެނގެއެވެ. ނަމަވެސް ހަމަ އެއްވެސް ވަރަކަށް ކާމިޔާބެއް ނުވިއެވެ. އަރައިގަތް ރުޅީގާ އެއީ ފޭކް ބައެއް ކަމަށް ނިންމައިގެން މިހުރީއެވެ.
މިއަދުނޫހުގައި ސިޙުރާއިބެހޭ ގޮތުން ވަރަށް ގިނަ ލިޔުންތައް ލިޔެފައި ހުންނަތަން ފެނެއެވެ. އެހެންވެ ހަމަ ސުވާލުކޮށްލަން ބޭނުންވަނީ ސިޙުރަކީ ޙަޤީޤަތެއް ނަމަވެސް ސިޙުރު ހަދަން ދަންނަ މީހުން މިހާރުވެސް އެބަތިބިބާވައެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށްވެސް ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ސިޙުރު ހެއްދުވުން ހުއްޓައިލުމުގެ ވިސްނުން ތިބާއަށް ދެއްވެވިކަމަށްޓަކައި ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ. ތައުބާ ނުވެ ހުރިނަމަ ތައުބާވާށެވެ! ދެން އެފަދަ ކަމެއް ނުކުރާށެވެ.
ދެން ބުނެލަން އޮތީ މިހާރު މިއުޅޭ ގިނަ ބައަކަށް ސިޙުރުގެ ކަންކަން އެހައި ރަނގަޅަށް ނުއުނގުނަސް ސިޙުރު ހަދަން ދަންނަ މީހުން މިހާރުވެސް އެބަ އުޅެއެވެ. ސިޙުރު ޖެހެއެވެ. އަދި އެސްފީނާ އާއި ސިޙުރަކީ ޙަޤީޤަތެއްކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ އެކަމަށް ޝައްކުނުކުރާށެވެ! ކުރަން އޮތްކަމަކީ ސިޙުރުވެރިންގެ އެހީތެރިކަން ނުހޯދުމާއި ކާމިޔާބުވިޔަސް ނުވިޔަސް އެފަދަ ކަމެއް ކުރެވިފައިވާނަމަ ތައުބާވުމެވެ. މާތް ﷲ އީ ތައުބާވާ އަޅުންގެ ފާފަތައް ފުއްސަވައި ދެއްވަވާ ރަސްކަލާނގެއެވެ.
- މިއަދުނޫސް