ސިއުޒާ
ކައިވެންޏަކީ ހަމައެކަނި ދެމީހަކު އެކުގައި އުޅުމެއް ނޫނެވެ. އެއީ ޤަދަރުކުރުމާއި، އިޙްތިރާމް ކުރުން އަދި އިތުބާރު ކުރުމުގެ މައްޗަށް ބިނާކޮށް މާތް ގުޅުމަކުން ބަނދެލެވޭ ބަނދެލުމެކެވެ.
އަހަރަމެން ގެ ރަށުގައި ބުނެ އުޅޭ ބަހެއް ވެއެވެ. " ގެއަކީ މަށިން ހަދާފައިވާ ޕޮޓެއް ފަދަ ތަނެކެވެ. ރެނދެއް ލައިފިނަމަ، ކިތަންމެ ވަރަކަށް މަރާމާތު ކުރިނަމަވެސް އެ ރޮނގު ހަމަ އިންނާނެއެވެ."
މަކަރު ހެދުމަކީ ހަމައެކަނި ހަށިގަނޑުން ކުރެވޭ ކަމެއް ނޫނެވެ. އެއީ ރޫޙުން ވެވޭ ބޭވަފާތެރިކަމެކެވެ. އެއީ ދުރު ހިލޭ މީހަކަށް ތިމާގެ މުޅި ހިތުގައި އަލިފާން ރޯކޮށްލަން ދެވޭ ދަޢުވަތެއް ފަދަ ކަމެކެވެ. އަދި އޭގެ އަސަރުތައް ރޭ ނިމި އިރު އަރަން ވާއިރަށް ނެތިގެން ދާނެ ކަމަށް އުއްމީދު ކުރުމެވެ.
އަންހެނެއްގެ ހިތަކީ ލަކުޑިން ހަދާފައިވާ ތައްޓެއްފަދަ އެއްޗެކެވެ. އެ ހަލާކު ވުމަށް ފަހުވެސް ހެދިދާނެއެވެ. އެހެން ނަމަވެސް އޭގެ ކުރިން އޭގައި ފެން ހަރުލި ފަދައިން، ދެން ފެނެއް ހަރެއް ނުލާނެއެވެ. އިތުބާރު ހޯދޭނީ ވަރަށް މަސައްކަތުން ވަރަށް ގިނަ ދުވަހުންނެވެ. އެހެނަސް ގެއްލޭއިރު ގެއްލޭނީ ހަމަ އެއްކޮށް އެއްފަހަރާއެވެ. އާއެކެވެ. ތިބާ ބަދަލުވެދާނެއެވެ. އެހެނަސް ވޭން މާފަކަށް ތަބައެއް ނުވެއެވެ. ޒަޚަމް ފަސޭހަވާން ވަގުތު ނަގައެވެ. ބައެއްފަހަރު ޒަޚަމް ދިން މީހާއަށްވުރެ އެ ޒަޚަމް މާ ގިނަދުވަހަށް ހަނދާނުގައި ހުރެއެވެ.
މިއަދު މި ބަލާލަނީ ގުޅުމެއްގައި ނުވަތަ ކައިވެންޏެއްގައި މަކަރު ހެދުމުން ނުކުމެދާނެ ނަތީޖާ ތަކަށެވެ.
1. އިތުބާރު ގެއްލުން:
އިތުބާރު ގެއްލިއްޖެނަމަ، ހުރިހާ ހަޤީގަތެއް ހުރިހާ ތެދެއްވެސް ދޮގެއްގެ ގޮތުގައި ސިފަވާން ފަށާނެއެވެ.
2. އިމޯޝަނަލް ޑިސްޓޭންސް:
ލޯބި ފަހަރުގައި ދެމި ހުރެދާނެއެވެ. އެހެނަސް ގާތްކަން ގެއްލިގެން ދާނެއެވެ. އެއް އެނދެއްގައި ދެމީހުން ނިދި ނަމަވެސް އެތައް ދުރުމިނެއް ދެމީހުންގެ ދެމެދުގައި ވެއެވެ.
3. އަބަދާއި އަބަދު ޝައްކު ކުރުން:
ކޮންމެ ޢަމަލަކީ ސުވާލު ވެވޭ ކަމަކަށް ވެދެއެވެ.
4. އިޙްތިރާމް ގެއްލުން:
އިޙްތިރާމް އަކީ ގެއްލިއްޖެ ނަމަ އެ އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެކެވެ. ފުނޑުފުނޑު ވެފައިވާ ލޯގަނޑަކުން ފުރިހަމަ ސޫރައެއް ނުފެންނާނެއެވެ.
5. ކުރެވުނު ކުށަށް ހިތާމަ ކުރުން:
ތިބާގެ ޢަމަލުތަކުގެ ބުރަދަން ތިބާގެ ހިތް އުފުލާނެއެވެ. ކުނިވެފައިވާ ބިހެއް ހިފައިގެން ދާ މީހަކަށް އޭނާގެ ފަހަތުން އެ ވަސް ދާނެކަން އެނގޭނެއެވެ.
6. އާއިލާ ހަލާކުވެ، ގޭތެރޭގެ ހަމަޖެހުން ގެއްލުން:
ގެއާއި ކުދިންގެ ކަންކަން އުނދަގޫ، ހިތް ހަމަ ނުޖެހޭ ކަމެއްގެ ގޮތުގައި އިޙްސާސް ކުރެވުން. މޫތައް ފީ ވެއްޖެނަމަ ގަހަކަށް ކޮޅަކަށް ނުހުރެވޭނެއެވެ.
7. ދުރުވުން ނުވަތަ ވަރީގެ ނުރައްކާ:
ބައެއް ޒަޚަމް ތަކަކީ މީހުން އެއްބަޔަކު އަނެއް ބަޔަކާ މުޅި އުމުރަށް ދުރުކޮށްލާ ކަމެކެވެ.
8. ބައިވެރިޔާގެ އެއްވެސް އަގެއް ނެތުން:
ތިބާގެ ބައިވެރިޔާ އޭނާގެ މަޤާމާއި ބެހެގޮތުން ސުވާލުކުރަން ފެށުން.
9. އަބުރު ގެއްލުން:
ތިބާގެ ނަމާއި އަބުރަށް ގެއްލުން ވުން، ކުޑަކުޑަ ހަޑިކޮޅެއް ހުއްޓަސް ހެދުމުގެ ހުދުކަން ގެއްލިގެން ދެއެވެ.
- މިއަދުނޫސް