ދީނުގައި ޢަމަލުކުރަން އޮތް ގޮތަށް ޢަމަލުކުރަން އަބަދުވެސް މަސައްކަތްކުރަންވާނެއެވެ. ޚާއްޞަކޮށް ޝައްކެއްގެ މައްޗަށް ނަމާދުނުކޮށް ރޯދަ ނުހިފައި ހުރެގެން ނުވާނެއެވެ. ފަރުޟްތަކަށް ރައްކައުތެރިވާންވާނެއެވެ. ޚާއްޞަކޮށް ނަމާދުތަކަށާއި ރޯދަހިފުމަށް ރައްކައުތެރިވާންވާނެއެވެ. އެހެންކަމުން މިގެނެސްދެނީ ކަނބަލުންނަށް އެނގުން ވަރަށް މުހިންމު ކަމެކެވެ.
ސުވާލު:. ޢާއްމުކޮށް ރަގަޅުވާ އުޞޫލުން ޕީރިއަޑް ރަގަޅުވުމުން ރޯދަހިފަންފަށާތާ ދެދުވަސް ފަހުން ރޯދަޔަށް ހުއްޓާ ލޭފެނިއްޖެނަމަ ހަދާނީ ކިހިނެއްތޯ؟ އަދި މިޙާލަތުގާ ހިނައިގަންނަން ޖެހޭނެތޯ؟
ޖަވާބު:. ޕީރިއަޑްގައި ޢާއްމު ގޮތެއްގައި ޕީރިއަޑްވާ މުއްދަތަށްވުރެން މުއްދަތު ހަމަވެއްޖެ ކަމަށް ވަނީނަމަ އެހިސާބުން އެރަގަޅުވީ ކަމަށް ބަލާނީ، ދެން ރަގަޅުވުމަށްފަހުގައި އޭނަ އިތުރަށް އޭގެ ފަހުން ދެދުވަސް ފަހުން މިސާލަކަށް ލޭ އައިއްސި ކަމުގައިވީ ނަމަވެސް އެބަލާނީ އެއީ "އިސްތިޙާޟާ" ނުވަތަ ބައްޔެއްގެ ސަބަބުން އަންނަ ލޭކަމަށް. މިޙާލަތުގައި ލޭ ނާންނަ ގޮތަށް ބަންދު ކޮށްލައިގެން ކޮންމެ ނަމާދަކަށް ވުޟޫ ކޮށްލައިގެން ނަމާދު ކުރަމުން ގެންދާނީ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް