ކޮންމެ ތަޅެއްވެސް ހުޅުވޭނީ ތަޅުގެ ތަޅުދަނޑީގެ ހުރިހާ ދޫތައް ހަމައަށް ހުރިނަމަ އެވެ. އެންމެ ދުލެއްވެސް ބިނދިފައިވާނަމަ ނުވަތަ މަދު ނަމަ ކިތަންމެ ވަރުގަދަ ތަޅުދަނޑިއެއް އަތުގައި އޮތް ނަމަވެސް އެއްވެސް ތަޅެއް ނުހުޅުވޭނެއެވެ. ތަޅު ނުހުޅުވި ދޮރެއް ނުހުޅެވޭނެއެވެ. އެކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
ވީމާ ސުވަރުގެ ވަންނަން އެދޭ މީހާ ސުވަރުގޭގެ ދޮރުކޮޅު ހުޅުވަންވެސް ހުރިހާ ދޫތައް ހަމައަށް ހުރި ތަޅުދަނޑިއެއް ބޭނުންވާނެއެވެ. އެންމެ ދުލެއް ބިނދިފައި އިން ނަމަވެސް ސުވަރުގޭގެ ދޮރުކޮޅެއް ނުހުޅުވޭނެއެވެ. އެކަން ޤަބޫލުކުރަން ޖެހޭނެއެވެ.
ސުވަރުގޭގެ ދޮރުކޮޅު ހުޅުވަން ބޭނުންވާ ތަޅުދަނޑީގައި ހަމަކުރަންޖެހޭ 5 ދުލަކީ ފަރުޟު 5 ނަމާދެވެ. ފަރުޟު 5 ނަމާދު ބަރާބަރަށް އަދާނުކުރާ މީހަކަށް ސުވަރުގެ ވަދެވޭނެ ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ ފުރަތަމަވެސް ހިސާބު ބެއްލެވޭނީ ތިމާގެ ނަމާދުން ކަމުގައިވާތީއެވެ. ނަމާދުން ފޭލްވެއްޖެނަމަ ހުރިހާ ކަމަކުން ފޭލްވާނެތީއެވެ.
ވީމާ ދުވާލަކު 1،2،3،4، ނަމާދުކޮށްގެން ސުވަރުގޭގެ ދޮރުކޮޅެއް ނުހުޅުވޭނެއެވެ. ޖެހޭނީ 5 ނަމާދު ހަމަކުރާށެވެ! އެހެންކަމަށްވާއިރު 5 ނަމާދު ހަމަނުކޮށް އެއަށްވުރެ މަދުން ނަމާދުކޮށްގެން ސުވަރުގެ ވަދެވޭނީ ކިހިނަކުން ހެއްޔެވެ؟ ގިނަ މީހުން ފަތިސް ނަމާދެއް ނުކުރެއެވެ. ފަށަނީވެސް މެންދުރު ނަމާދުންނެވެ. މިއީ ސުވަރުގެ ވަދެވެން އޮތް ގޮތެއް ނޫނެވެ.
ފަތިހުގެ ނިދި ކިތަންމެ އަރާމު ނަމަވެސް ހިތްވަރުކޮށްލާފައި ހޭލާށެވެ! އެނދުން ތެދުވާށެވެ. ވުޟޫކޮށްގެން ފަތިސް ނަމާދުކުރާށެވެ! ފެނުގެ ފިނިކަމަށް ނުވިސްނާށެވެ! މިއަދު ވަރަށް ފަސޭހަކަމާއިއެކު ފެން ހޫނުކުރެވޭނެ ވަސީލަތްތައްވެސް އެބަހުއްޓެވެ. އެފަދަ އެއްވެސް ވަސީލަތެއް ނެތްއިރު، ނެތް ޒަމާނުގައި ޞަޙާބީން ފަތިސް ނަމާދެއް ދޫނުކުރައްވަވާކަން ވިސްނާށެވެ!
ވީމާ ކުރު ގޮތަކަށް ބުނާނަމަ ފަތިސް ނަމާދު އަޅާ
މީހާ އެވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ސުވަރުގެ ވަނުމަށް ބޭނުންވާ ވަރަށް މާކްސް ހަމަނުކުރެވޭނެތީއެވެ! ވީމާ ކޮންމެ ފަދަ ޤްރްބާނީއެއް ވެގެން ނަމަވެސް ފަތިސް ނަމާދުން ދުވަސް ފަށައި 5 ނަމާދު ހަމަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން