ދަރިފުޅުކުރި ކައިވެނި ކާމިޔާބުނުވެއްޖެނަމަ ދަރިންނަށް އިނގިލި ދިއްކުރެވެއެވެ. ނަމަވެސް އިނގިލި ދިއްކުރެވެން އޮތީ މައިންބަފައިން އެމީހުންގެ ވާޖިބު އަދާކޮށްފައިވާނަމަ އެވެ. އެކަން ނުކޮށް ތިބެފަ ދިއްކުރާ އިނގިލި އަމާޒުއެކުރުވެނީ ތިމާމެންނަށެވެ. ވިމާ ތަންކޮޅެއް ބޮޑަށް ވިސްނައިލަމާ ހިނގާށެވެ!
ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ 2 ސަބަބެއްވެއެވެ. ފުރަތަމަ ސަބަބަކީ މައިންބަފައިންނާއި މަޝްވަރާނުކޮށް ގޮތް ނިންމާ ކަމެވެ. 2 ވަނަ ސަބަބަކީ ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭން ކުރަންޖެހޭ މަސައްކަތް މައިންބަފައިންނަށް ނުކުރެވޭ ކަމެވެ. ހޭލުންތެރި ނުކުރެވޭ ކަމެވެ.
ވީމާ ކުޑަކުޑަ ޙާދިސާއެއްގެ ވާހަކަވެސް ކިޔައިދޭނަމެވެ.
ފިރިހެން ދަރިފުޅު ބޮޑުވެ ކައިވެނިކުރާ އުމުރަށް އެޅުމުން ބައްޕަ ސުވާލުކުރިއެވެ. "ދަރިފުޅު ކައިވެނިކުރަން ބޭނުންވަނީ ކޮންކަހަލަ އަންހެން ކުއްޖަކާއި ހެއްޔެވެ؟"
ޖަވާބުގައި ދަރިފުޅު ބުނީ ހަނދެއްފަދަ އަލިގަދަ ރީތި ކުއްޖަކާއި ކަމަށެވެ. ބައްޕަ އެ ސުވާލު 3 ފަހަރު ތަކުރާރުކުރުމުން ވެސް ދަރިފުޅު ދިނީ ހަމަ އެ ޖަވާބެވެ.
އެހެންކަމުން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ. ހަނދުގެ އަލިކަން ކިތަންމެ ހިތްގައމު ނަމަވެސް އަދި ކިތަން ރީތި ނަމަވެސް އިރުއެރުމާއިއެކު އެ އަލިކަން ފަނޑުވެ ރީތިކަން ގެއްލި ނުވެސް ފެންނާނެއެވެ. އެ ހިސާބުން އެދުވަހުގެ އިރުއޮއްސެންދެން ހަނދުގެ ބޭނުން ވެސް އެ ކެނޑުނީއެވެ. ދަރިފުޅު އަންބަކު ބޭނުންވަނީ ހަމަ އެކަނި ރޭގަނޑު އުފާކޮށްލަން ނަމަ ތިއަ ގޮތް ހަމަ އެންމެ ރަނގަޅެވެ.
ނަމަވެސް ބޭނުންވަނީ އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް އުޅެން ނަމަ ތިއަ ވިސްނުން ޖެހޭނީ ބަދަލުކުރާށެވެ. ސިފައަށް ނުބަލައި ތަޤްވާވެރިކަމަށް އިސްކަންދީގެން އަންބަކު ހޯދާށެވެ! ރަސޫލް (ﷺ) އެކަން އެގޮތަށް ކުރަން އެވަރަށް ބާރު އަޅުއްވަވާފައި އެވަނީ މުހިންމު ގިނަ ސަބަބުތަކެއް ހުރުމުންނެވެ."
ޖަވާބުގައި ދަރިފުޅު ބުނީ ބައްޕަ އާއި މަންމަ ރުހި ޤަބޫލުވެގެން ހޯދައިދިން ކޮންމެ އަންހެނަކާއިވެސް ކައިވެނިކުރަން ހުރީ ތައްޔާރަށް ކަމަށެވެ.
ކޮންމެއަކަސް ޤަބޫލުކުރަން ޖެހޭ ކަމަކީ ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނި ކުރުމުން ކައިވެނި ދެމެހެއްޓުމުގައި ވަރަށް ބޮޑުބާރަކަށްވާ ކަމެވެ. މިހެން ބުނުމުން ބައެއް މީހުން ބުނެފާނެއެވެ. "ތަޤްވާވެރިންވެސް އަނބިންނަށް އަދި ފިރިންނަށްވެސް އަނިޔާވެރިވެއެވެ. ބޭވަފާތެރިވެއެވެ." ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
ފުރިހަމައަށް ތަޤްވާވެގެން ހުރި ތަޤްވާވެރިއަކު ، އެއީ އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް އަނިޔާވެރިއެއް ނުވާނެއެވެ. އަދި ބޭވަފާތެރިއެއްވެސް ނުވާނެއެވެ! އެހެނީ އަނިޔާވެރިވުމާއި ބޭވަފާތެރިވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ސިފަތަކުގެ ތެރޭގައި ހިމެނޭ ދެ ސިފައެވެ. އެހެންކަމުން ފުރިހަމައަށް ތަޤްވާވެރިވެގެން ހުރި އެއްވެސް މީހަކު އެބާވަތުގެ އެއްވެސް ކަމެއް ނުކުރާނެއެވެ.
ޒަވާޖީ ޙަޔާތުގައި ކަންކަން ދިމާވާ ގޮތަކުން ކައިވެނި ރޫޅާލަން ޖެހުނަސް ތަޤްވާވެރިއަކު ނަމަ އެކަންކުރާނީ އަނެކާއަށް އަނިޔާއަކަށް ނުވާނެ ގޮތަށެވެ. ރިވެތި ގޮތުގައެވެ. އަދި ކައިވެނި ރޫޅާލަން ޖެހުނަސް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން