ހިތަދަތިޙާލުގަވެސް އިންތަކުގަ ހިފަހައްޓާނަމަ ވަކީލުކުރިކަމުގެ މަތިވެރި ދަރަޖަ ދެއްވަވާނެ!: ޝައިޚް އާސިމް އަލްޙަކީމް

ކިޔުމަށް ހޭދަވާނީ 2މ 19ސ
ހިތަދަތިޙާލުގަވެސް އިންތަކުގަ ހިފަހައްޓާނަމަ ވަކީލުކުރިކަމުގެ މަތިވެރި ދަރަޖަ ދެއްވަވާނެ!: ޝައިޚް އާސިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ سبحانه وتعالى އެއްވެސް ކަމަކަށް ނުކުޅެދިގެން ނުވާނެކަން ފުރިހަމައަށް ގަބޫލުކުރާ މީހަކުވެސް، ބައެއް ފަހަރަށް އެމީހަކު ހުރި ހާލަތެއްގެ ސަބަބުން ނުވަތަ ކުރެވޭ ފިކުރުތަކެއްގެ ސަބަބުން ގަދަވެގެންވާ ކަންބޮޑުވުމާއި، ހިތާމައާއި، ނަފްސާނީ ދަތިކަން އިހުސާސް ކުރެވިދާނެއެވެ. 

މިފަދަ ހާލަތެއްގައި 'ތަވައްކަލު' ކުރުމުގެ ސައްޙަ މާނައަކީ ކޮބައިހެއްޔެވެ؟ މުއުމިނަކު ﷲ އަށް ވަކީލުކުރުމުގެ މާނައަކީ އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނުވަތަ ހިތާމައެއް އިހުސާސްވެގެން ނުވުން ހެއްޔެވެ؟ ނުވަތަ ދުޢާކުރުންމަތީ ދެމިހުރެ މިފަދަ އިހުސާސްތައް ކުރެވުމަކީ ފުރިހަމަ ވަކީލުކުރުމާ ފުށުއަރާ ކަމެއް ހެއްޔެވެ؟ 

ﷲ އަށް އިތުބާރުކޮށް، އެކަލާނގެއަށް ބަރޯސާވެ، ފުރިހަމައަށް ވަކީލުކުރުމުގެ މާނައަކީ، ﷲ ގެ ހަޟްރަތުން މެނުވީ އެއްވެސް ބާރެއް ނުވަތަ ގަދަފަދަކަމެއް ލިބިގެންނުވާކަން ގަބޫލުކުރުމެވެ. އަދި ﷲ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަމާއި، އެކަލާނގެ އިރާދަފުޅުގައި ނެތް ކަމެއް ދުވަހަކުވެސް ފުރިހަމަ ނުވާނެކަން ގަބޫލުކުރުމެވެ. 

އުއްމީދުގައި ހުރުމާއި، ފައްސި (positive) ވިސްނުން ގެންގުޅުމާއި، ތިމާގެ ކުޅަދާނަކަން ހުރި މިންވަރުން މަސައްކަތްކުރުމާއެކު، ހިތް ﷲ އާ ގުޅުވާލައި، އެކަލާނގެ އިރާދަފުޅާ ނުލައި އެއްވެސް ކަމެއް ޙަޤީޤަތަކަށް ނުވާނެކަން ދެނެގަތުމަކީ މީގެ ނަތީޖާއެވެ. ކަމެއް ހިނގުމާއި ނުވަތަ ނުހިނގުން އޮތީ ﷲ ގެ އަތްޕުޅުގައެވެ. އެހެންކަމުން، ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އަހަރެމެން ތިބެނީ އެކަމަށް ރުހިގެންނެވެ. އަހަރެމެން ﷲ އާ މެދު ހެޔޮކޮށް ހީކޮށް، އުއްމީދުތައް ކުރަމެވެ. 

ނަމަވެސް، މީގެ މާނައަކީ އަހަރެމެން ދެރަވެ، ހިތްދަތިވެ، ނުވަތަ ބައެއް ފަހަރު މާޔޫސް ނުވުމެއް ނޫނެވެ. ސަބަބަކީ އެއީ އިންސާނީ ތަބީޢަތެވެ. އަދި އަހަރެމެންނަކީ ހަމައެކަނި އިންސާނުންނެވެ. އެހެންނަމަވެސް، މިފަދަ އިހުސާސްތައް ހައްދު ފަހަނައަޅައި ގޮސް، މުޅިން މާޔޫސްވުމުގެ ހަރުފަތަށް ނުވަތަ މިންވަރުފުޅަށް ނުރުހުމާއި ޝަކުވާކުރުމުގެ ދަރަޖައަށް ގޮސްގެން ނުވާނެއެވެ. މި އިންތަކުގެ ތެރޭގައި އެ އިހުސާސްތައް ހުރިހާ ހިނދަކު އެއީ މައްސަލައެއް ނޫނެވެ. 

ދެން، ތިމާގެ ވަށައިގެންވާ ކަންކަމާއި ހާލަތްތަކުން އެކަމެއް ހިނގުމަކީ 'މުސްތަޙީލު' (ނުވާނެ) ކަމެއްކަމަށް ފެންނަނަމަ، އޭގެ ރަނގަޅު ނުބައި ބަލަންޖެހެއެވެ. ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެކަން އަހަރެމެން ދަންނަމުއެވެ. އެހެންނަމަވެސް، ﷲ ވަނީ މި ކައުނު ހިންގުމުގައި ގުދުރަތީ ގާނޫނުތަކާއި އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. އެހެންކަމުން އަހަރެމެން ވާންޖެހޭނީ ހަގީގަތާ އެއްގޮތަށް ވިސްނާ ބަޔަކަށެވެ. މިސާލަކަށް މީހަކު މަރުވުމުން، މިހާރުން މިހާރަށް އޭނާ ދިރުއްވާނެ ކަމަށް ބުނެ ވަކީލުކޮށްގެން ހުރުމަކީ ހަގީގަތެއް ނޫނެވެ. އެހެންކަމުން އަހަރެމެން އެދޭ ކަންކަމުގައި ހަގީގަތާ އެއްގޮތަށް ވިސްނުން ގެންގުޅެންޖެހެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

 

މިއަދު އޮންލައިން