ފާފަކުރެވޭ މީހުންގެ ތެރޭގަ ހިމެނޭ އެއްބާވަތަކީ ތިމާއަށް ފާފަކުރެވޭކަން ތިމާއަށް ވިސްނުނަސް ތައުބާނުވެ ތިބޭ މީހުންނެވެ.
ތައުބާވުމާއިމެދު ނުވިސްނާ މީހުންނެވެ. އެޙާލަތުގައި އޭނާއަށް އެހުރެވެނީ މާތް ﷲ ގެ ހެޔޮ ރަޙްމަތުގައެވެ. ފާފަކުރެވޭކަން އޭނާއަށް އެއެނގެނީ ﷲ ތަޢާލާގެ ރަޙްމަތް އޭނާއަށް އޮތުމުންނެވެ. ނޫންނަމަ ފާފަކުރެވޭކަން އެމީހަކަށް ނުވިސްނޭނެއެވެ.
މިފަދަ މީހުން ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށް ރަޙްމަތުގައި ބައިތިއްބަވާނެއެވެ. އެއީ އެމީހުންނަށް ވިސްނި ތައުބާވުމަށް ފުރުޞަތު ދެއްވެވުމަށެވެ. އެފުރުޞަތުގެ ބޭނުން ނުހިފައިފިނަމަ އެފުރުޞަތު ގެއްލިގެންދާނެއެވެ. އެހިސާބުން އެނބުރި ތެދުމަގަށް ރުޖޫޢަވުމަކީ ކުރަން ފަސޭހަކަމަކަށްނުވާނެއެވެ. ގާތީ މަގުފުރެދިފައިވާ މީހެއްގެ ގޮތުގައި އުޅެނިދިއުމެވެ. އަބާއްޖަވެރިއެއްގެ ގޮތުގައި ދުނިޔެއާއި ވަކިވެގެންދާންޖެހުމެވެ.
ވީމާ ތިމާއަށް ފާފަކުރެވުނަސް، މިކުރެވެނީ ފާފަކަން ތިމާއަށް އެނގޭނަމަ، އެކަން ވިސްނޭނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ. ނޫންނަމަ އެކަން ނުވިސްނޭ ދުވަސް ތިމާއާއި ބައްދަލުކޮށްފާނެއެވެ. އެއީ ތައުބާވެ ސުވަރުގެ ލިބިގަތުމަށް އޮތް ފުރުޞަތުތައް ބަންދުވުން ފަދަ ކަމެކެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ.
ގިނަ ބއަކަށް ތައުބާވުމުގެ ފުރުޞަތު ގެއްލިގެންދަނީ ޝައިޠޯނާގެ ސަބަބުންނެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވި ތައުބާވުން ފަސްކުރެވެނީއެވެ. އެއީ ފަހުން، މާދަން ކުރާނެ ކަމެއް ކަމަށް ވިސްނަން ހުއްޓައި ކުރިން މިބުނެދިން ފަދައިން ފުރުޞަތު ގެއްލިގެންދަނީއެވެ.
އަހުރެންގެ އާދޭހަކީ ބުއްދީގެ ބޭނުންކޮށް ތައުބާވުމަށް އަވަސްވެގަތުމެވެ. ނޫންނަމަ މަރުވުމުން ދެން ފެށޭ ޙަޔާތުގައި ތިމާއަށް ކުރިމަތިވާނެ ކަންކަމަށް ވިސްނައިލާށެވެ. ކައްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބާއިމެދު ވިސްނައިލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން